2014 ވަނަ އަހަރު މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް (އެމްއާރްޑީސީ) އަށް ލޭންޑިންގ ކްރާފްޓެއް ގަތުމަށް ހުޅުވާލި ބީލަން ކާމިޔާބުކުރި ފަރާތަށް، ލޭންޑިންގ ކްރާފްޓް ގަންނަ އަގުގެ %50 އަށްވާ ފައިސާ ދީފައިވަނީ އެމްއާރްޑީސީގެ ބޯޑު މެންބަރުންގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާއިޒުފައިދާ ހޯދައިދިނުމަށްކަމަށް ބުނާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަޙްޤީޤުކޮށް ނިންމައި އެ މައްސަލައިގައި އެކުންފުނީގެ ބޯޑުގައި އޭރު ތިއްބެވި ހަތަރު ބޭފުޅެއްގެ މައްޗަށް ދަޢުވާކުރުމަށްޓަކައި މިއަދު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އޭސީސީން ފޮނުވައިފިއެވެ.

މި މައްސަލައަކީ، 16 އޮކްޓޫބަރު 2018 ގައި ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ މައްސަލައެއްކަމަށް އޭރުގެ ކޮމިޝަނުން ނިންމާފައިވާ މައްސަލައެކެވެ. އެހެންނަމަވެސް، 22 ޑިސެމްބަރު 2019 ގައި މި މައްސަލަ އަލުން ރިވިއު ކޮށްދިނުމަށް އެދި މައްސަލަ ތަޙްޤީޤުކުރި ޓީމުން އެދިފައިވާތީ، މި މައްސަލައިގެ ފައިލް އަލުން ހުޅުވައި ތަޙްޤީޤު ފުރިހަމަ ކުރުމަށް 24 ފެބުރުވަރީ 2020 ގައި ބޭއްވި ކޮމިޝަންގެ މެމްބަރުންގެ ބައްދަލުވުމުން ނިންމި ކަމަށް އޭސީސީން މިރޭ ވިދާޅުވިއެވެ.

މި މައްސަލައިގައި ދަޢުވާކުރުމަށް ފޮނުވާފައިވަނީ، އެމްއާރްޑީސީގެ ކުރީގެ ބޯޑުގެ މެންބަރުން ކަމުގައިވާ އިބްރާހީމް ނަޡީމް (މއ.އެލީޒިއަމް) އާއި މުޙައްމަދު ރިޔާޟް (ވ.ނަލަދުވެލި) އާއި އަޙްމަދު ރަޝީދު (މއ.ޔެލޯޑައިމަންޑް) އަދި މުޙައްމަދު ޢަލީދީދީ (ގ.މާބަދި) ގެ މައްޗަށެވެ. މިފަރާތްތަކުގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވާފައިވަނީ، ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދަޢުވާއެވެ.

މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، އެމްއާރްޑީސީ އަށް ލޭންޑިންގ ކްރާފްޓެއް ގަތުމަށް ޓްރޮޕިކް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުމަށް އިސްލާހު ގެނެސް ލޭންޑިންގ ކްރާފްޓް ގަންނަ ޖުމްލަ އަގުގެ %50 (ފަންސާސް އިންސައްތަ) އަށްވާ 7,494,200.00 (ހަތް މިލިއަން ހަތަރުސަތޭކަ ނުވަދިހަ ހަތަރުހާސް ދުއިސައްތަ) ރުފިޔާ އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ޓްރޮޕިކް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދިނުމަށް އެމްއާރްޑީސީގެ ބޯޑުން ފާސްކޮށްފައިވަނީ، އެ ބޯޑުގެ މެންބަރުން ކަމުގައިވާ އިބްރާހީމް ނަޡީމް އާއި މުޙައްމަދު ރިޔާޟް އާއި އަޙްމަދު ރަޝީދު އަދި މުޙައްމަދު ޢަލީދީދީ އަށް އެނގިހުރެކަމާ އަދި އެފައިސާ ޓްރޮޕިކް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދޫކުރުމަށް، އިބްރާހީމް ނަޡީމް އެއްބަސްވުމުގެ އިސްލާހުގައި ސޮއިކޮށް، ޕޭމަންޓް ވައުޗަރ އެޕްރޫވްކުރީވެސް އޭނާގެ އެ ޢަމަލުގެ ނަތީޖާ އެނގިހުރެ، މަޤާމުގެ ނުފޫޒުބޭނުންކޮށްގެން ޓްރޮޕިކް އިންވެސްޓްމަންޓަށް ފައިދާ ހޯދައިދިނުމަށްކަން ޝައްކެއްނެތް މިންވަރަށް ތަޙްޤީޤަށް ސާބިތުކުރެވޭ ކަމަށް އޭސީސީން ވިދާޅުވިއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން މި މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، އިބްރާހީމް ނަޡީމް (މއ.އެލީޒިއަމް) އާއި މުޙައްމަދު ރިޔާޟް (ވ.ނަލަދުވެލި) އާއި އަޙްމަދު ރަޝީދު (މއ.ޔެލޯޑައިމަންޑް) އަދި މުޙައްމަދު ޢަލީދީދީ (ގ.މާބަދި) ގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ކުރުމަށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަން ނިންމީ ކަމަށް އޭސީސީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފަޒީލް

    މި ސަރުކާރުގެ ޖީއެމްއައިޒެޑް އަދި އެޗްޑީސީ އަދި އެމްޓީސީސީ އަދި އެމްޕީއެލްގެ ބޯޑުތަކައް ދައުވާކުރުން އަންނަ ވެރިކަމެއްގައި ބާއްވާނެވާހަކަ ދަންނަވާލަން.

  2. ކަނަމަނަ

    ވޭތުވެދިޔަތާ ކޮއްފަހުރިކަންތައްތަކާއިއެކު މިހާރުހިގާކަރަޕްޝަންގެކަންތައްވެސްބަލާ