ކުވޭތުގެ އަމީރަކަށް ޝައިހް ނަވާފް އަލް-އަހުމަދު އަލް-ސަބާހް އައްޔަންކޮށްފިއެވެ.

ޝައިހް ނަވާފް އަކީ މިއަދު އަވަހާރަވި އަމީރު ޝައިޚް ސަބާހް އަލް-އަހުމަދު އަލް-ޖަބްރު އަލް-ސަބާހްގެ އެއްބަފާ ކޮއްކޯފުޅެކެވެ. ކުވޭތުގެ ޤާނޫނު އަސާސީ ބުނާ ގޮތުން އަމީރު އަވަހާރަވުމާއި އެކު ދެން އަމީރުގެ މަގާމަށް އައްޔަން ކުރަން ޖެހޭނީ ވަލީއަހްދެވެ.

1937 ވަނަ އަހަރުގެ ޖޫން 25 ވަނަ ދުވަހު އުފަންވެ ވަޑައިގެންނެވި ނަވާފް ކުވޭތުގެ ވަލީއަހްދުގެ މަގާމަށް އައްޔަން ކުރެއްވީ 2006 ވަނަ އަހަރުގެ ފްބެރުއަރީ 07 ވަނަ ދުވަހުއެވެ. ނަވާފް ވަލީއަހްދުގެ މަގާމަށް އައްޔަން ކުރެއްވީ އަލް-ސަބާހް އާއިލާ އިން ވަލީއަހްދުން އައްޔަން ކުރެއްވުމުގައި ކުރިން އަމަލު ކުރައްވަމުން އައި އާދަކާދަ އާއި ހިލާފަށެވެ. ނަމަވެސް އޭނާ ވަލީއަހްދުގެ މަގާމަށް އައްޔަން ކުރެއްވުމަށްފަހު ކުވެތުގެ ނޭޝަނަލް އެސެމްބްލީން އެނިންމުން ފާސްކުރިއެވެ.

ޝައިހް ނަވާފް މިއަދު ކުވޭތުގެ އަމީރު ކަމާއި ހަވާލުވެ ވަޑައިގެންނެވިއިރު އޭނާ އަކީ މިހާތަނަށް ކުވޭތުގެ އަސްކަރިއްޔާގެ އެންމެ އިސްވެރިޔާއެވެ. ޝައިހް ނަވާފް ދައުލަތައް ޚިދުމަތް ކުރައްވަން ފެއްޓެވީ އުމުރުން 25 އަހަރުފުޅުގައެވެ. ފުރަތަމަ އަދާކުރެއްވީ ހަވާލީގެ މޭޔަރު ކަމެވެ. އެމަގާމަށް އޭނާ އައްޔަން ކުރެއްވީ 1962 ވަނަ އަހަރުގެ ފެބްރުއަރީ 21 ވަނަ ދުވަހުއެވެ. 1978 ވަނަ އަހަރުން 1988 ވަނަ އަހަރާއި ހަމައަށް އޭނާ ވަނީ އިންޓީރިއާ މިނިސްޓަރު ކަން ވެސް ކުރައްވާފައެވެ. އޭނާ ޑިފެންސް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ 1988 ވަނަ އަހަރުގެ ޖަނަވަރީ 26 ވަނަ ދުވަހުއެވެ.

ޝައިހް ނަވާފް ފާހަގަ ކުރެވެނީ ވަރަށް ބޮޑަށް ޒުވާނުން ކަންކަމުގައި ބައިވެރި ކުރައްވައިގެން މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ޝައިހް ނަވާފް މިހާތަނަށް ކުރައްވާފައި ވަނީ އެންމެ ކައިވެނިފުޅެކެވެ. އެކައިވެނިފުޅުން ހަތަރު ފިރިހެން ބޭފުޅުންނާއި އަންހެން ބޭފުޅަކު ލިބިވަޑައިގެންފައި ވެއެވެ.