ކުވޭތުގެ އަމީރު ޝައިޚް ސަބާހް އަލް-އަހުމަދު އަލް-ޖަބްރު އަލް-ސަބާހް އަވަހާރަވުމުން ރާއްޖޭގެ ގައުމީ ދިދަ ތިން ދުވަސް ވަންދެން ބައިދަނޑިއަށް ތިރިކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ނިންމަވައިފިއެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުވޭތުގެ އަމީރު ޝައިހް ސަބާހް އަވަހާރަވުމުން މާދަމާ އިން ފެށިގެން ތިން ދުވަސް ވަންދެން ރާއްޖޭގެ ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ރައީސް ޞާލިހް ނިންމަވާފައިވާ ކަމަށެވެ.

ކުވޭތަކީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ވަރަށް ބޮޑެތި އެހީތަކެއް ވަމުން އަންނަ ގައުމެކެވެ. ހާއްސަކޮށް ކުވެއިތު ފަންޑް ފޮރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކުވައިތު ފަންޑް) އިން ރާއްޖެ އަށް ދެމުން އަންނަ އެހީތައް ފާހަގަ ކުރެވެއެވެ. ކުވައިތު ފަންޑުން 1970ގެ އަހަރުތަކުން ފެށިގެން އަންނަނީ ދިވެހިރާއްޖެއަށް ލޯނު، ހިލޭ އެހީ އަދި ޓެކްނިކަލް އެސިސްޓަންސްގެ ގޮތުގައި އެހީ ފޯރުކޮށްދެމުންނެވެ. ކުވައިތު ފަންޑުން ދިވެހިރާއްޖެއަށް އެންމެ ފުރަތަމަ އެހީ ފޯރުކޮށްދީފައި ވަނީ 1976 ވަނަ އަހަރު މިހާރުގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މަޝްރޫއަށް ދޫކޮށްފައިވާ ލޯނަކުންނެވެ. އޭގެ ފަހުން ތަފާތު އެކި މަޝްރޫއުތައް ހިންގުމަށް ކުވައިތު ފަންޑުން ދަނީ އެހީ ފޯރުކޮށްދެމުންނެވެ.

އަމީރު ސަބާހް އަވަހާރަވުމާއި ގުޅިގެން ރައީސް ޞާލިހް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝެއިހް ސަބާހަކީ އިސްލާހަށް މަސައްކަތް ކުރެއްވި ހަރުދަނާ ޑިޕްލޮމެޓެއް ކަމަށާއި އަދި އެއީ ސުލްހަ ގާއިމު ކުރުމުގައި ފާހަގަ ކޮށްލެވޭ ބޭފުޅެއް ކަމަށެވެ.

އަމީރު ސަބާހް އަވަހާރަވީ އާލާސްކަންފުޅާއި އުޅުއްވާތީ ގިނަ ދުވަސްތަކެއް ފަހުންނެވެ.