ކައުންސިލް އިދާރާތަކުގެ އިދާރީ އޮނިގަނޑުގައި ހުރި ހުސް މަޤާމުތަކަށް މުވައްޒަފުން ނެގުމާއި، އިދާރާތަކަށް އައު މަޤާމު އުފައްދައިދިނުން ވަގުތީ ގޮތުން މަޑުޖައްސާލުމަށް ސިވިލް ސާވިސް ކޮމިޝަނުން އަންގާފައި އޮތް އެންގުން އުވާލައި އިދާރީ މުވައްޒަފުން ހޯދުމުގެ ހުއްދަ އަލުން ދޭން ސިވިލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން ކައުންސިލްގެ އިދާރާތަކުގެ އެކްޓިންގ ސެކްރެޓަރީ ޖެނެރަލުންނާއި ޒިންމާދާރުވެރިންނަށް ފޮނުއްވެވި ސިޓީއެއްގައި ވިދާޅުވީ ކައުންސިލްގެ އިދާރީ އޮނިގަނޑުގައި ހުރި ހުސް މަޤާމުތަކަށް މުވައްޒަފުން ނެގުމާއި، އިދާރާތަކަށް އައު މަޤާމު އުފައްދައިދިނުން ވަގުތީ ގޮތުން މިއަހަރުގެ ފެބްރުއަރީ 06 ވަނަ ދުވަހު ހުއްޓުމަކަށް ގެނައި ސާކިއުލާ ނިމުމަކަށް ގެންނަން ސިވިލް ސާވިސް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނުގެ ދަށުން ލޯކަލް ގަވަރމަންޓް އޮތޯރިޓީން ހޯދަންޖެހޭ ހުއްދައާއި މާލިއްޔަތާބެހޭ ސަރކިއުލަރގެ ދަށުން މިނިސްޓްރީ އޮފް ފިނޭންސުން ހޯދަންޖެހޭ ހުއްދަ ހޯދުމަށް ފަހު، ކައުންސިލްގެ އިދާރާތަކުގެ މަޤާމުތަކަށް މުވައްޒަފުން ހޯދުމުގެ މަސައްކަތް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް" އާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދެވުމަށް ސިވިލް ސާވިސް ކޮމިޝަންގެ ސިޓީގައި އެދިވަޑައިގެންފައި ވެއެވެ.

ކައުންސިލްތަކަށް އިދާރީ މުވައްޒަފުން ހޯދުމުގެ ހުއްދަ ސިވިލް ސާވިސް ކޮމިޝަނުން އަލުންދިން އިރު ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިޤުތިޞާދު ދަށްވެ ދައުލަތަށް ލިބޭ އާމްދަނީ ވަރަށް ބޮޑަށް މަދުވެފައެވެ. ނަމަވެސް ދައުލަތުގެ ޚަރަދުތައް މިދިޔަ އަހަރަށްވުރެ މަދުވަމުން ނުދާތީ އިޤުތިޞާދީ ދާއިރާގެ ތަޖުރިބާކާރުން ގެންދަވަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގައުމީ ލޯބި

    ދިވެހީންގެ ޙައްޤުގައި، ނުވަތަ އެންމެނަށްޓަކައި ކަމެއް ކުރާނަމަ، އެންމެން ހިއްސާވާގޮތަށް ރިސޯޓުތަކުގެ އެއްބަސްވުންތައް ބަދަލުކުރޭ! ދައުލަތަށް %30 ހިންގާ ފަރާތަށް %40 އާންމުކޮށް ޕަބްލިކަށް %30 (ކޮންމެ އައިޑީއަކަށް 100 ހިއްސާގެ މަގުން) މިގޮތުން ނޫނީ ދިވެހީންނަށް ޓޫރިޒަމްގެ މަންފާއެއް ނުލިބޭނެ. ވޯޓު ހޯދަން އާދޭ މިކަން ކޮށްފަ!

  2. ޙަސަނުބެ

    ރަގަޅު، މިދަނޑިވަޅުގައި އިތުރު މަޤާމުތަކެއް އުފައްދައި ވަޒީފާގެ ފުރުޞަތު ބަޔަކަށް ހޯދައިދިނުން އެންމެ ރަނގަޅެވެ. އެއްވެސް ކަމެއްނުކޮށްތިބޭ މުއްސަނދި މަހުޖަނުންވެސް މުސްކުޅި އެލަވަންސް ނަގާއިރު ސިިވިލް އިދާރީ މީހަކަށް އެންމެ 6000ރ އެވެ. އެކަމަކު ކުކުޅެދޭ ފައިސާއާ މުސްކުޅި އެލަވަންސާއެކު 7000ރ ލިބޭ މީހުން އެބައުޅެއެވެ. އިދާރީ މުވައްޒަފުން ލިބޭ މުސާރައިން ދެކޮޅު ނުޖެހި ދަރާވިކިގެން އުޅޭއިރުވެސް މަޖިލީހު މީހުންނަކަށް ނުފެނެއެވެ.