ކުވޭތުގެ އަމީރު ޝައިހް ސަބާހުލްއަހްމަދު އަލްޖާބިރު އައްސަބާހް އަވަހާރަވުމާ ގުޅިގެން އެ ގައުމުގެ ވަލީއަހުދު ނަވާފް އަލް ސަބާހުލްއަހްމަދު އަލްޖާބިރު އައްސަބާހްއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތައުޒިޔާ އިއްޔެ ފޮނުއްވައިފިއެވެ.

ކުވޭތުގެ ވަލީއަހުދަށް ރައީސް ފޮނުއްވި ތައުޒިޔާގެ މެސެޖްގައި ކުވޭތުގެ އަމީރު އަވަހާރަވުމާ ގުޅިގެން ކުވޭތުގެ ރައްޔިތުންނާއި އަމީރުގެ އާއިލާއަށް ލިބުނު ހިތާމައިގައި ބައިވެރިވެ ވަޑައިގަންނަވާކަން ފާހަގަކުރެއްވިއެވެ.

ރައީސްގެ މެސެޖުގައި ކުވޭތުގެ އަމީރަކީ ބައިނަލްއަގްވާމީ މައިދާނުގައި، ހާއްސަކޮށް ސަރަޙައްދީ މައްސަލަތައް ހައްލުކުރުމުގައި ވެސް، އިސް ދައުރެއް އަދާކުރެއްވި ލީޑަރެއްކަން ފާހަގަ ކުރެއްވިއެވެ. އަދި، އެމަނިކުފާނަކީ ރާއްޖެ އާއި ވަރަށް ގާތް ގުޅުމެއް ބެހެއްޓެވި ލީޑަރެއް ކަމަށާއި ރާއްޖޭގެ ތަރައްގީއަށް ފޯރުކޮށްދެއްވި އެހީތެރިކަމާއި ރާއްޖެއަށް ދެއްވަމުން ގެންދެވި އެއްބާރުލެއްވުމަށްޓަކައި ދިވެހިން އެ ބޭފުޅަކަށް ދަރަނިވެރިވެފައިވާ ލީޑަރެއްކަމުގައި ވެސް ރައީސްގެ މެސެޖުގައި ފާހަގަ ކުރެއްވިއެވެ.

ކުވޭތުގެ އަމީރު އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި މިއަދުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ދިވެހި ގައުމީ ދިދަ ބައި ދަނޑިއަށް ތިރި ކުރެއްވުމަށް ރައީސް ވަނީ ނިންމަވައިފައެވެ.

ކުވެއިތުގެ އަމީރު އަވަހާރަވީ އެމެރިކާގެ ހޮސްޕިޓަލެއްގައި ފަރުވާދެއްވަމުން ދަނިކޮށެވެ.

ޝައިޚް ސަބާހް އުފަންވެ ވަޑައިގެންނެވީ 1929 ވަނަ އަހަރުގައި އެވެ. އޭނާ އަކީ ކުވޭތު މިހާރު މިދެކޭ އުމްރާނީ ތަރައްޤީގެ ހަގީގީ މޭސްތެރިޔާ އެވެ. އެމަނިކުފާނު ވަނީ ކުވޭތުގެ ފޮރިން މިނިސްޓަރުކަން ސާޅީހަކަށް އަހަރު ކުރައްވާފައެވެ. އެމަނިކުފާނު ފޮރިން މިނިސްޓަރުކަމާއި ހަވާލުވެވަޑައިގެންނެވީ 1963 ވަނަ އަހަރުއެވެ. ފޮރިން މިނިސްޓަރުގެ މަގާމުގައި އެމަނިކުފާނު 2003 ވަނަ އަހަރާއި ހަމައަށް ދެމިހުންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޒާ

    ވެލާނާގޭގައި ނަގާފައި އެހެރީ ދިވެހި ދިދައެއްނޫންބާ؟ އެ ދިދަ ހުރީ ބައިދަނޑިއަކު ނޫން. މިސަރުކާރުން ކޮންމެ ކަމެއް ކުރަނީ މިހެން.