ޚިދުމަތްދޭ ތަންތަން ހުރީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭގެ) ގައިޑްލައިންތަކާ އެއްގޮތަށްތޯ ކަށަވަރު ކުރުމަށް ކުރިއަށް ގެންދާ އިންސްޕެކްޝަންގެ ދަށުން، ބަލާފައި ނުވާ ތަންތަނުގައި، އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް ފިޔަވަޅު އަޅާފައި ކަމަށް ބަޔާންކޮށް، އަމިއްލައަށް ލިޔުން ހަރުކޮށްފައި ހުރިކަމަށް ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ، މިހާރު ކުރިއަށްދަނީ އާއްމު ޚިދުމަތްދޭ ތަންތަން ބެލުމަށް ކުރިއަށްގެންދާ އިންސްޕެކްޝަންގެ ހަތަރުވަނަ ބުރުކަމަށެވެ.

މިހާރު ކުރިއަށްދާ އިންސްޕެކްޝަންގައި ދެކަމެއް ފާހަގަކުރެވޭ ކަމަށާއި، އޭގެ ތެރެއިން ފުރަތަމަ ކަމަކީ އިންސްޕެކްޓް ނުކުރާ ތަންތަނުގައި އަމިއްލައަށް ލިޔުން ހަރުކުރާ މައްސަލަ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ގައިޑްލައިނާއި އެއްގޮތަށް ހުރި ނަމަވެސަ އަޅުގަނޑުމެން އެބަޖެހޭ އެ ފަރާތްތަކަށް ފިޔަވަޅު އަޅަން އެއީ އަޅުގަނޑުމެން ނުދޭ ލިޔުމެއް އަމިއްލައަށް ހަރުކޮށްފަ ހުރީމައި،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

އަދި ދެވަނަ ކަމަކީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ޗެކްކުރާއިރު އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް، ރަނގަޅަށް ހުންނަ ތަންތަންވެސް ފަހުން ރަނގަޅަށް ނުހުންނަ މައްސަލަ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑް-19އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކަކީ ހަމައެކަނި އެޗްޕީއޭއިން ޗެކްކުރާ ވަގުތަށް ބަަލައިގެން ނޫނީ، ވަކިވަގުތަކަށް ބަލައިގެން ކުރަން ޖެހޭ ކަމެއް ނޫން ކަމަށާ، ސަލާމަތާއި ރައްކާތެރިކަމަށް އަޅާ ފިޔަަވަޅުތަކަކީ އެންމެންގެ ރައްކާތެރިކަމާއި ގުޅުން ހުރި ކަންކަމަށްވާތީ، އެކަންކަމަށް ސަމާލުވުމަށް ޑރ. ނަޒްލާ ވަނީ އެދިވަޑައިގެންފައެވ.

މާލޭގެ އިތުރުން، ރާއްޖޭގެ ރަށްރަށުގައި ވެސް އާންމު ޚިދުމަތްދޭ ތަންތަން ހުރީ ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިންތަކާ އެއްގޮތަށްތޯ ކަށަވަރު ކުރުމަށް މިހާރު އެޗްޕީއޭއިން ދަނީ މަސައްކަތް ކުރައްވަމުންނެވެ.

މީގެ ކުރިން ޑރ. ނަޒްލާ ވިދާޅުވީ މި ހަފްތާގައި އަތޮޅު ތެރޭގައި ވެސް އިންސްޕެކްޝަންގެ މަސައްކަތް ފަށާއިރު ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަސް ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމާލަން މަސައްކަތް ކުރައްވާ ކަމަށެވެ.

ކޮވިޑް 19 އާއި ގުޅިގެން ހެލްތް ޕްރޮޓެކެޝަން އެޖެންސީ އިން އާއްމުކޮށްފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް ޢަމަލު ކުރަމުން ގެންދޭތޯ ބެލުމަށް ސަރުކާރުގެ އޮފީސްތަކާއި، ޕްރައިވެޓް އޮފީސްތަކާއި، ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދޭ ތަންތަނަށް ދާންފެށީ މީގެ ދުވަސްކޮޅެއް ކުރިންނެވެ.