ދުނިޔޭގެ ގުދުރަތީ ނިޒާމަށް ލޮޅުން އަރާފަދަ ކަންކަމާއި މެދު ސަމާލު ނުވެވިއްޖެ ނަމަ، މިހާރު ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ގެ ބަލިމަޑުކަމަށްވުރެ ބޮޑު ނުރައްކަލަކަށް ދުނިޔެ ހުށަހެޅިދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިގޮތަށް ވިދާޅުވީ، އދ.ގެ ބަޔޯޑައިވަރސިޓީ ސަމިޓުގައި ތަޤުރީރު ކުރައްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.

އެސަމިޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ގުދުރަތީ ވަސީލަތްތަކަށް ގެއްލުންވުމުގެ ނަތީޖާއެއްގެ ގޮތުން މިވަގުތުވެސް ދުނިޔެއަށް ނުރައްކާތައް ކުރިމަތިވަމުން އަންނަ ކަމަށެވެ. އެހެންކަމުން މިފަދަ ނުރައްކާތަކުން އަރައިގަތުމަށްޓަކައި މަސައްކަތް ކުރަންވާނީ ޤައުމުތައް ގުޅިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ، އިޖުތިމާޢީ ގޮތުންނާއި އިގްތިސާދީ ގޮތުން ކުރިއެރުންތައް ހޯދާއިރު، ގުދުރަތީ ނޒާމަށް ލޮޅުންއަރާފަދަ ކަންކަމަށް ސަމާލު ނުވެވިއްޖެނަމަ ދުނިޔެއަށް މިވަގުތު ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމަށްވުރެ ބޮޑު މުސީބާތަކާއި ކުރިމަތިވުމުގެ ބިރު އޮތްކަމަށެވެ. އަދި އެފަދަ މައްސަލަތަކުގެ ސަބަބުން ރާއްޖެފަދަ ކުދިޤައުމުތަކަށް ވަރަށް ބޮޑަށް އަސަރުކުރާކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ރައީސް ވަނީ ތިމާވެއްޓަށް ގެއްލުން ލިބޭ ކަންކަން ހުއްޓުވުމަށްޓަކައި ޤައުމުތައް ގުޅިގެން ޕްލޭނެއް އެކުލަވާލުމަކީ މިވަގުތު ކޮންމެހެންވެސް ބޭނުންތެރި ކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި ޤައުމުތައް ކުރިއަރައިދާއިރު، ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެއްޓަށް ލިބޭ ގެއްލުންތައް މަދުކުރުމަށް ކުރެވިދާނެ މަސައްކަތްތަކުގެ އެކްޝަން ޕްލޭނެއް އޮތުންވެސް މުޙިންމު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ތިމާވެށި ހިމާޔަތްކޮށް ރައްކާތެރި ކުރުމަކީ އެންމެންވެސް އަދާކުރަންޖެހޭ ފަރުދީ ޒިންމާއެއް ކަމަށެވެ. އެހެންކަމުން އެ ޒިންމާ އަދާކުރުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގަމާރު

    ތިމާގެ އަމިއްލަ ކަންކަމަށް ލޯނުހުޅުވޭ މީހަކު ތިމާގެ ވެށްޓަށް ފަރުވާތެރި ވާނީ ކިހިނަކުން ހެއްޔެވެ.
    ތެދުފުޅެކެވެ. ޖަޒީރާ ރަށްތަކަކީ އެންމެ ފުރަތަމަ ހަލާކުވެގެން ދާނެ ތަންތަނެވެ.

  2. Anonymous

    ގައުމުތައް ގުޅިގެން ވައްކަންކުރަން ވާނީވެސް ދެއްތޯ؟