ދައުލަތުން ހަމަޖައްސާ ވަކީލަކާއި އެކު މައްސަލައައިގެން ކުރިއަށް ދާން ބޭނުން ނުވާކަމަށް ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލިކަމަށް ޝަރީޢަތުގައި އެއްބަސްވި، ނަމަވެސް ފަހުން އެކަމަށް އިންކާރު ކޮށްފައިވާ އަދުހަމް މުހައްމަދަށް އޭނާގެ އަމިއްލަ އިޙްތިޔާރުގައި ވަކީލަކު ހަމަޖައްސަން، 5 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ދީފިއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 4 ވަނަ ދުވަހުގެ ރޭ، ހުޅުމާލޭގައި ހިންގި މި ލާއިންސާނީ ޙަމަލާއާއި ގުޅިގެން އަދުހަމު ހައްޔަރުކޮށްފައިވަނީ، އޭގެ 15 ދުވަސް ފަހުން، މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 19 ވަނަ ދުވަހުއެވެ. އެ މައްސަލައާއި ގުޅިގެން، ހައްޔަރުކުރި، ޅ.ހިންނަވަރު ބޮޑުހިޔާގޭ، އަދުހަމް މުޙައްމަދުގެ އަމިއްލަ އިޢުތިރާފާއި އެކު، އެ މައްސަލައިގެ ތަޙުޤީޤު އަވަސްކޮށް، އަވަސް ނިޔާ އާއި ހަމައަށް އައިއިރު، އަވަސް ނިޔާގެ އަޑުއެހުމުގައި، އަދުހަމް ވަނީ ޤާސިމް ޙަސަން މަރާލިކަމަށް އިންކާރުކޮށްފައެވެ.

ގިނަ ދުވަސްތަކަކަށްފަހު، މި މައްސަލައިގެ އަޑުއެހުމެއް މިއަދު ބާއްވާފައިވާއިރު، މި އަޑުއެހުމުގައި، އަދުހަމް ބުނީ، ދަޢުލަތުން އޭނާ އަށް ހަމަޖައްސައިދިން ވަކީލަކީ، އޭނާއާއި އެކު މަސައްކަތް ކުރެވޭނެ ޤާބިލްކަން ކުރި ވަކީލެއް ކަމަށް ޤަބޫލުނުކުރާ ކަމަށާއި، އޭނާއާއި ބައްދަލުނުވާތާ ވެސް ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ.

"މޯލްޑިވްސް ޕޮލިސް ސާރވިސްގެ ބެލުމުގެ ދަށުން، މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ބެލުމުގެ ދަށަށް ބަދަލުކުރިފަހުންވެސް މިހާރު އެތައް ދުވަހެއް ވެއްޖެ. ފޯނުންވެސް އަދި އަދި އެނޫން ގޮތަކަށްވެސް އަޅުގަނޑާއި ވަކީލް ބައްދަލުކޮށްފައެއް ނެތް. އަދި މީގެ ކުރިން ބޭއްވި އަޑުއެހުންތަކުގަ އަޅުގަނޑުގެ ދިފާޢުގަ ވަކީލް ވާހަކަދައްކާފައެއް ނުވޭ. އެހެންވީމަ، އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވޭ މި ވަކީލާއެކު އަޅުގަނޑަށް މަސައްކަތް ކުރެވިދާނެ ކަމަކަށް." އަދުހަމް ބުންޏެވެ.

އަދުހަމްގެ މި ވާހަކަތަކާއި ގުޅިގެން، މި މައްސަލަ ބައްލަވާ ޤާޟީ، އިޞްމާޢިލް ރަޝީދު ވަނީ، ވަކީލަކު ހަމަޖައްސަން ބޭނުންވަނީ، އަމިއްލައަށްތޯ ނުވަތަ ދަޢުލަތުގެ އެހީގައިތޯ، އަދުހަމާއި ސުވާލުކުރައްވާފައެވެ،. ޖަވާބުގައި އަދުހަމް ބުނީ، ވަކީލަކު ހަމަޖެއްސޭނެ ތަނަވަސްކަން ލިބިފައިނެތް ނަމަވެސް، ވަކީލަކު ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

"އަޅުގަނޑު އެބަ ވާހަކަދައްކަން ވަކީލަކާ. އަދި ފައިނަލް ޖަވާބެއް ނުދޭ. އެކަމު، ކުރިއަށް އޮތް ދެތިން ދުވަސް ތެރޭގަ ޖަވާބެއް ލިބޭނެ ކަމަށް މި ބަލަނީ. އަޅުގަނޑުގެ އައިޑީކާޑުގެ ކޮޕީވެސް މިހާރުވީ ގެންގޮސްފަ. އެހެންވީމަ، ހަމަޖެހޭނެކަމަށް މި ބަލަނީ." އަދުހަމް ބުންޏެވެ.

މި މައްސަލައާއި ގުޅިގެން، ދަޢުލަތުން އަދުހަމަށް ހަމަޖައްސައިދިން ވަކީލާއި ބެހޭގޮތުން، ޝަރީޢަތުގެ މަޖިލީހުގައި އަދުހަމް މިއަދު ދެއްކި ވާހަކަތަކާއި ގުޅިގެން، އަދުހަމްގެ ދިފާޢީ ވަކީލް ވަނީ، އެ ވާހަކަތަކާއި ގުޅިގެން ކަންތައްތަކެއް ފާހަގަކޮށްލަން ބޭނުންވާކަމަށް ބުނެ، މައްސަލަ ބައްލަވާ ޤާޟީގެ ޢިޒުނައަކަށް އެދިލައްވާފައެވެ.

ޤާޟީ ދެއްވި ޢިޒުނައާއި އެކު، ދިފާޢީ ވަކީލް ވިދާޅުވީ، މި އަޑުއެހުންތަކަކީ، މީޑިޔާތައްވެސް ކަވަރު ކުރާ އަޑުއެހުންތަކެއް ކަމުން، އަދުހަމް އެ ދެއްކި ވާހަކަތައް އިތުރަށް ސާފުވާން ޖެހޭކަމަށާއި، މި މައްސަލައަކީ، މިހާހިސާބަށް އައިއިރު އެތައް ގޮތަކަށް ބަދަލުވެފައިވާ މައްސަލެއް ކަމަށެވެ.

"އަދުހަމް އެ ދެއްކި ވާހަކަތަކާއި ގުޅިގެން އަޅުގަނޑުވެސް ކަމެއް ފާހަގަކޮށްލަން ބޭނުން. އަވަސް ނިޔާ ކަނޑައަޅަން އޮތް މަޖިލީހުގަ، ޤާސިމް ޙަސަން މަރާލިކަމަށް އަދުހަމް އިންކާރުކޮށް، ތަޙުޤީޤުގެ މަރުޙަލާގަ އަދުހަމަށް ކުރިމަތިވި ކަންތައްތަކެއްގެ ވާހަކަ ދެއްކި. އެ ވާހަކަތަކާއި ގުޅިގެން އިތުރަށް ސާފުކުރަން ހުރި ކަންކަން ސާފުކުރުމަށް، މޯލްޑިވްސް ޕޮލިސް ސާރވިސްއާއި ވެސް ބައްދަލުކުރިން، އަދި ޕީޖީ އޮފީހާއިވެސް އެ މަޢުލޫމާތުތައް ޙިއްސާކޮށްފަ ވާނީ. މިއަދު އެބުނީ އަޅުގަނޑާއި އެކު މަސައްކަތް ކުރަން ބޭނުން ނުވާ ވާހަކަ. އަޅުގަނޑު އެދެނީ އަދުހަމް އެދިލެއްވި ގޮތަށް، ވަކީލަކު ހަމަޖެއްސުމުގެ ފުރުޞަތު އަދުހަމަށް ދެއްވުން. މާދަމާ އަނެއްކާ އަދުހަމް ބުނާނެ އެއްޗެއްވެސް އަޅުގަނޑަކަށް ނޭނގޭ." އަދުހަމްގެ ދިފާޢީ ވަކީލް ވިދާޅުވިއެވެ.

މި މައްސަލައާއި ގުޅިގެން، ދަޢުލަތުގެ ވަކީލް، ވިދާޅުވީ، މި މައްސަލައަށް އެއް އަހަރުވާން ގާތްވެފައިވާ އިރު، ޤާސިމް ޙަސަންގެ އާއިލާގެ ވަރަށް ބޮޑެތި ކަންބޮޑުވުންތައް އެބަހުރި ކަމަށާއި، ވީ އެންމެ އަވަހަށް މި މައްސަލައިގެ ޝަރީޢަތްފެށި، ގޮތެއް ކަނޑައަޅައިދެއްވުން އެދޭ ކަމަށެވެ.

މައްސަލަ ބައްލަވާ ޤާޟީ، އިޞްމާއިލް ރަޝީދު ވިދާޅުވީ، އަދުހަމަށް ދިން 5 ދުވަހުގެ ތެރޭގައި އޭނާ އަމިއްލަ އަށް ވަކީލަކު ހަމަނުޖެހިއްޖެނަމަ، ދަޢުލަތުގެ ފަރާތުން ވަކީލަކު ހަމަޖައްސައިގެން، މި މައްސަލަ ވީހާވެސް އަވަސް ކުރެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ގާސިމްއަކީ އދ. މާމިގިއްޔަށް ނިސްބަތްވާ މީހެކެެވެ. ގާސިމް ނިޔާވިއިރު އަނބިމީހާ އާއި ފަސް ދަރިން ދުނިޔޭގައި އެބަތިއްބެވެ. އެއީ ހަތަރު ފިރިހެން ދަރިންނާއި އަންހެން ދަރިއެކެވެ