ސްޓެލްކޯގެ އެޕްލިކޭޝަން މެދުވެރިކޮށް ބިލް ދައްކައިގެން 10 ކަސްޓަމަރަކަށް 1،000ރ. ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ސްޓެލްކޯ އިން މިއަދު ބުނީ މި ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ ނިޔަލަށް އެޕްލިކޭޝަން މެދުވެރިކޮށް ބިލް ދައްކާ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތަކުން ކަމަށެވެ. އަދި އެ މުއްދަތުގައި ދައްކާ ބިލަކީ ކޮންމެހެން އެންމެ ފަހުގެ ބިލަކަށް ވާން ނުޖެހެއެވެ.

އޭގެ ކުރީ ބިލްތަކަށް ފައިސާ ދެއްކި ނަމަވެސް ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

މި ޕްރޮމޯޝަންގެ ގުރު ނެގުން އޮންނާނީ އަންނަ މަހުގެ ކުރީކޮޅު ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.

ސްޓެލްކޯގެ އެޕްލިކޭޝަން މެދުވެރިކޮށް މިހާރު ވެސް ބިލަށް އަރާ ވަަރު ބަލައި، ހިސާބުކޮށްލެވެއެވެ. އަދި އެއް މީޓަރަށް ވުރެ ގިނަ މީޓަރު އެޕަށް އެޑްކޮށް ކެޓަގަރައިޒް ކުރެވޭނެއެވެ. އަދި ފާއިތުވެދިޔަ ހަ މަހު ކަރަންޓު ބޭނުން ކުރެވިފައި ހުރި ގޮތް އެޕުން ބަލާލެވެއެވެ.

ސްޓެލްކޯގެ އެޕް ފަސޭހަކަމާ އެކު، އެޕް ސްޓޯރާއި ޕްލޭ ސްޓޯރުން ޑައުންލޯޑް ކުރެވޭނެއެވެ. އެޕްލިކޭޝަން ބޭނުން ކުރާ މީހުންނަށް ކޮންމެ މަހެއްގެ ބިލް ލިބި، އެ ބިލް ޑައުންލޯޑް ކުރެވޭނެއެވެ.

ސްޓެލްކޯ އިން ބުނީ މި ޕްރޮމޯޝަންގައި އެ ކުންފުނީގެ މިޑްލް މެނޭޖްމަންޓުން މަތީގެ އެއްވެސް މީހަކަށް ބައިވެރިނުވެވޭނެ ކަމަށެވެ.