ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރުންވެސް އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެފިއެވެ.

އެގޮތުން ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވ. އަތޮޅުން ފެށިގެން ސ. އަތޮޅުގެ ރަށްތަކަށް ވައިޓް އެލާޓް ވެސް ވަނީ ނެރެފައެވެ.

އެގޮތުން ވ. އަތޮޅުން ފެށިގެން ސ. އަތޮޅާ ދެމެދުގެ ރަށްތަކަށް ހޮނިހިރު ދުވަހުގެ 10:30 އިން ފެށިގެން 15:00 އަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ.

އެ އިދާރާއިން ބުނީ މެދު ރާއްޖެތެރެއަށް ވައިޖެހޭނީ ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 10 މޭލާއި 20 މޭލާދެމެދުގެ ބާރުމިނުގައި ކަމަށް ލަފާކުރެވޭ ކަމަށާއި އެހެން ހިސާބުތަކަށް ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.

ރާއްޖޭގެ މެދުތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި ގަދަވާނެ ކަށާއި، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ.

ކިޔުންތެރިންގެ ހިޔާލު