މި އަހަރު ބާއްވަން ހަމަޖެއްސި އެކަމަކު ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގެ ސަބަބަކުން ފަސްކުރެވިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރުމަށް ނަން ހުށަހެޅި އެމްޑީޕީގެ އިތުރު ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކުރި ގޮތުގައި، ނަން އަނބުރާ ގެންގޮސްފައި ވަނީ އއ. މަތިވެރި ކައުންސިލްގެ މެންބަރު ކަމަށް ކުރިމަތިލި ޖަވާހިރުމާގެ، އއ. މަތިވެރި، އިމާދު މުހައްމަދެވެ.

އަންނަ އަހަރަށް ކައުންސިލް އިންތިހާބު ބޭއްވުން ފަސްވުމުން، ނަން އަނބުރާ ނަގަން ބޭނުންވާ ކެންޑިޑޭޓުންނަށް އީސީ އިން ވަނީ އެ ފުރުސަތު ހުޅުވާލައިފައެވެ.

އީސީ އިން ހުޅުވާލާފައިވާ އެ ފުރުސަތުގައި އެންމެ ގިނައިން ނަން އަނބުރާ ގެންގޮސްފައިވަނީ ވެސް އެންމެ ގިނަ ކެންޑިޑޭޓުންގެ ނަން ހުށަހެޅި އެންމެ ގިނަ މެންބަރުން ތިބި އެމްޑީޕީއިންނެވެ.

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން ކައުންސިލް އިންތިހާބަށް ނެރުނު ހަތް ކެންޑިޑޭޓަކާއި އަންހެނުންގެ ތަރައްގީގެ ކޮމިޓީތަކުގެ އިންތިހާބަށް ނެރުނު ހަތް ކެންޑިޑޭޓަކު މިހާތަނަށް ނަން އަނބުރާ ގެންގޮސްފައިވެއެވެ.

މިއިން ބައެއް ކެންޑިޑޭޓުން ވަނީ މީސް މީޑިއާގައި އެމްޑީޕީ އިސްވެ އޮތް މި ސަރުކާރުގެ ބައެއް ކަންކަމާ މެދު ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.

އެމްޑީޕީގެ އިތުރުން ޕީޕީއެމްގެ މެދު ކެންޑިޑޭޓުންތަކަކާއި، ޖޭޕީގެ މަދު ކެންޑިޑޭޓުންތަކެއް ވެސް ނަން އަނބުރާ ގެންގޮސްފައިވެއެވެ. އަދި އަމިއްލަ ގޮތުން ވާދަކުރަން ހުށަހެޅި ގިނަ ބަޔަކު ދަނީ ކެންޑިޑެސީ ނަގަމުންނެވެ.

އެންމެ ފުރަތަމަ ކައުންސިލް އިންތިހާބު ބާއްވަން ނިންމީ މި އަހަރުގެ އޭޕްރީލްގައެވެ. އެކަމަކު ކޮވިޑް-19 ގެ ރޯގާ ރާއްޖޭގައި ވެސް ފެތުރެމުންދާތީ ކައުންސިލް އިންތިހާބު ވަނީ އަންނަ އަހަރުގެ ކުރީ ކޮޅަށް ފަސްކޮށްފައެވެ.

އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ދެމިތިބެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ވަނީ ގާނޫނު އަސާސީއަށް އިސްލާހު ވެސް ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަނި

    އއއއއއއއ؟ އެމްޑީޕީގެ އެން،މެންނަ ގަ އުމަށް މިވާގޮތްވިސް ނާފާ ހުރިހާ ކެޑިޑޭޓުން ނަން އަބުރާނެގުމުގެވިސްނުން ދެށްވާދޭ ޔަ ﷲ

  2. ިހަނި

    އއއ؟ އެމްޑީޕީ ހުރިހާކުދިން އަވަހަށް ނަން އަބުރާ އަވަހަށް ނަގާ އަވަސްކުރޭ އަވަހަށް ނަގާ ހުރިހާކުދިންނަސަބަހޭ

  3. ޙޭޓާ

    ލާދީނީ ބައިގަނޑު...ވޯޓުދެވުނީ ކަޑަވެ މިހާރު....މަކަރުވެރި ބަައެއްމި😡😡😡