ކުޑަކުއްޖަކަށް ޖިންސީ ގުނަވަން ދެއްކި ކަމަށް ބުނެ، ގދ.ނަޑެއްލާ، ރަބީޢީ މަންޒިލް، މުހައްމަދު އަޖުނާޒުގެ މައްޗަށް، އައްޑުއަތޮޅު މަރަދޫފޭދޫ ކޯޓަށް، 14 ޑިސެމްބަރ 2016 ގައި ހުށަހެޅި ދަޢުވާ، އޭނާގެ މައްޗަށް ސާބިތުނުވާކަމަށް ކަނޑައަޅައި، 27 އެޕްރީލް 2017 ގައި ނިންމި ނިންމުން، ދަޢުލަތުގެ ފަރާތުން، ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ މައްސަލަ ސާބިތުވާކަމަށް ކަނޑައަޅައި، އޭނާ 3 އަހަރުގެ މުއްދަތަށް ޖަލަށް ލުމަށް، ހައިކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައާއި ގުޅިގެން ހައިކޯޓުން ކޮށްފައިވާ ޙުކުމުގައި ބުނެފައިވަނީ، އެ ދަޢުވާ ސާބިތުނުވާ ކަމަށް، އައްޑުއަތޮޅު މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން ކަނޑައަޅާފައިވަނީ، ދަޢުވާ ސާބިތުކުރުމަށްޓަކައި، ދަޢުލަތުން ހުށަހެޅި ހެކިން ޝަރީޢަތަށް ހާޟިރުކޮށް ސުވާލުކުރުމުން، އެ އެންމެންނަށްވެސް އެނގުނު އެއްޗެއް އެނގިފައިވަނީ ކުއްޖާގެ ބުނުމުން ކަމަށްވެފައި، އެ މަންޒަރު ފެނުނު އެއްވެސް މީހަކު ނެތުމާއި، މި މައްސަލައާއި ގުޅިގެން، ހުށަހެޅުނު ފެމިލީ އެންޑް ޗިލްޑްރަންސް ސާރވިސް ސެންޓަރުގެ ރިޕޯޓުގައިވެސް މި ދަޢުވާ ސާބިތުކުރެވޭނެ މިންވަރުގެ އޮއްޓަރު ހުރި ވާހަކަތަކެއް ނެތުމާއި، ދަޢުލަތުން ހުށަހެޅި ހެކިންގެ ތެރޭގައި ހިމެނޭ (ނަން އުނިކުރެވިފަ) އަކީ (ކުއްޖާގެ ނަން އުނިކުރެވިފަ) ގެ މަންމައަކަށްވުމާއި، އަދި ހެކިންގެ ގޮތުގައި ހުށަހެޅި، (ނަން އުނިކުރެވިފައި ) އާއި އަދި (ނަން އުނިކުރެވިފަ) އަކީ (ކުއްޖާގެ ނަން އުނިކުރެވިފަ) ގެ އެއްބަނޑު އެއްބަފާ ދެ ދައްތަކަން އެނގެން އޮންނާތީ، އެ ސަބަބުތަކުގެ މައްޗަށް ބިނާކޮށްކަން މައްސަލައިގެ ޙުކުމަށް ވާސިލްވުމުގައި ޝަރީޢަތުން ރިޢާޔަތްކޮށް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، އެނގެން އޮންނަކަމަށެވެ.

ހަމައެހެންމެ، މުޙައްމަދު އަޖްނާޒުގެ މައްޗަށް ދަޢުލަތުން އުފުލި، ކުޑަކުއްޖަކަށް ޖިންސީ ގުނަވަނެއް ދެއްކުމުގެ ކުށުގެ ދަޢުވާ ސާބިތުކުރުމަށް ހެކީގެ ގޮތުގައި 7 މީހެއްގެ ނަން ހުށަހެޅި ނަމަވެސް މި މައްސަލައިގެ ޝަރީޢަތަށް ޙާޟިރުކޮށް، ބަޔާންނަގާފައިވަނީ 5 މީހުންގެ ހެކިބަސް ކަމާއި، އަނެއް ދެމީހުންގެ ހެކިބަސް ޝަރީޢަތުން ހޯދާފައިނުވަނީ، މައްސަލައަކާއި ގުޅިގެން އެ މައްސަލައާއި ބެހޭ ވާހަކަ ދައްކާ ކޮންމެ މީހަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ހެއްކެއްކަމަށް ބަލާނެ ޖާގައެއް އޮތްކަމަށް ޝަރިޢަތަށް ނުފެންނާތީކަމަށް އައްޑުއަތޮޅު މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 12 ވަނަ ނަމްބަރަށް ބެލުމުން އެނގެން އޮންނަ ކަމަށްވެސް ހައިކޯޓުގެ ޙުކުމުގައި ބަޔާންކޮށްފައި ވެއެވެ.

ނަމަވެސް، މުޙައްމަދު އަޖުނާޒްގެ ކުށުގެ ރެކޯޑަށް ބަލާއިރު، އޭނާ ކުޑަކުއްޖަކާއިމެދު ބަދުއަޚުލާޤީ ޢަމަލުހިންގިކަން ސާބިތުވެގެން، 2 އަހަރު ދުވަހުގެ މުއްދަތަށް ގޭގާއި ބަންދުކޮށްފައިވާކަން އެނގެން އޮންނަކަމާއި، އަދި ގދ.ނަޑެއްލާ އަތިރިމަތީގައި މީހުންނަށް ފެންނަގޮތަށް ހުރެގެން މުޙައްމަދު އަޖުނާޒް އަމިއްލައަށް ބަދުއަޚުލާޤީ ޢަމަލު ހިންގާފައިވާތީ ދަޢުލަތުން ދަޢުވާކުރުމުން އެ ދަޢުވާ ސާބިތުވެ، އޭނާ 9 މަސްދުވަހުގެ މުއްދަތަށް އަރުވާލުމަށް ޙުކުމްކޮށްފައިވާކަންވެސް އެނގެން އޮންނަ ކަމަށެވެ.

އަދި މި މައްސަލައިގައި ލިބިފައިވާ، ޤާނޫނީ ގޮތުން ޤަބޫލުކުރަންޖެހޭ ހެކިތަކުގެ މައްޗަށާއި، މި މައްސަލައިގެ ބަޔާންކުރެވިފައިވާ ޙާދިސާ ހިނގިގޮތްކަމަށް، (ކުއްޖާގެ ނަން އުނިކުރެވިފަ) އާއި، އަދި މުހައްމަަދު އަޖްނާޒް ކިޔައިދީފައިވާ ގޮތުގެ މައްޗަށް ބަލާއިރު، މިއީ މުޙައްމަދު އަޖްނާޒުއާ ބެހޭގޮތުން ހަޤީޤަތެއްނެތް ވާހަކަތަކެއް ހަދައިގެން ނުވަތަ އަލަށް އުފައްދައިގެން ކިޔައިދިން ކިޔައިދިނުމެއްކަމަށް ބެލެވޭނެ އެއްވެސް ސަބަބެއް ނެތްކަމާއި، އަދި އެފަދަ ސަބަބެއް މި މައްސަލައިގެ ތަޙުޤީޤުގެ އިތުރުން، ދަށުކޯޓާއި، އަދި ހައިކޯޓުގައިވެސް މުޙައްމަދު އަޖްނާޒްގެ ފަރާތުން ބަޔާންކޮށްދީފައިނުވުމުންނާއި، އަނިޔާ ލިބުނު ކުޑަކުއްޖާ، އޭނާ އާއި މެދު ކަންވީގޮތް ބަޔާންކޮށް، ދީފައިވާ ހެކިބަހަކީ، އާދަޔާ ޚިލާފަށް ޤަބޫލުކުރެވޭ ހެކިބަހެއްކަމަށް ޤާބޫލުކުރެވެން އޮތުމުން، ކުޑަކުއްޖަކަށް ޖިންސީ ގުނަވަނެއް ދެއްކުމުގެ ކުށުގެ ދަޢުވާ މުޙައްމަދު އަޖްނާޒްގެ މައްޗަށް އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުވާކަމަށެވެ.

މި މައްސަލަ ބައްލަވާފައިވަނީ ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. މި ބެންޗުގައި ހިމެނިވަޑައިގަންނަވަނީ، ފަނޑީޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ އާއި، ފަނޑިޔާރު ޢަލީ ސަމީރާއި، ފަނޑިޔާރު ޙުސައިން މަޖީދެވެ. މި މައްސަލަ ނިންމާފައިވަނީ މި ތިން ފަނޑިޔާރުންގެ އިއްތިފާޤުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މޫސަ

    މީހުނަށް ދައްކަން ތާހިރު އެއްޗެއްވިއްޔަ ދޯ. ގޮތްކުޑަ.

  2. އަންނި

    ތިކަމުގެ ބަދަލު ލިބޭނެ ދުވަހަކުން.

  3. ލައޮލާ

    ކޮބާހޭ ރޯޔަލް ރޭޕްކޭސް އެމީހުނަން ހުކުންޖަހާނީ ކޮންދުވަހަކުންބާ

  4. އަންނި

    ރޯޔަލް ބޭފުޅުންނާ ބެހެން ހިތައްވެސް ނާރުވާ އެކަމެއް ނުވާނެ.