ރާއްޖޭގެ އިގްތިސާދަށް ކޮވިޑް19ގެ ސަބަބުން ބޮޑު ލޮޅުމެއް އައިސްފައިވަނީ ހަމައެކަނި ފަތުރުވެރިކަމަށް ގައުމުގެ އިގްތިސާދު ބަރޯސާވެފައި އޮތުމުންކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ އދގެ އާއްމު މަޖިލީހުގެ 75 ވަނަ ސެޝަންގެ ހަވާސާގައި ކުރިއަށްދިޔަ ހޮރަސިސް އެކްސްޓްރާއޯޑިނަރީ މީޓިންގައި ބައިވެރިވެވަޑައިގެންނެވެ.

"ޕޮޓެންޝަލް ފޮރ ސައުތު އޭޝިއާ"، މި މައުޟޫޢުގެ ދަށުން ކުރިއަށްދިޔަ މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ޤައުމުތަކުގެ މެދުގައި އަދި ޤައުމުތަކުގެ ތެރޭގައި ހަމަހަމަކަން ނެތް ބައެއް ކަންތައްތައް ހާމަވެގެން ގޮސްފައިވާ ކަމަށެވެ.

އަދި ދެކުނު އޭޝިއާ ސަރަހައްދަށް ކޮވިޑް-19ގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް ގައުމުތައް ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަމާއި ގުޅޭގޮތުން މިނިސްޓަރ ވާހަކަދެއްކެވިއެވެ.

މިނިސްޓަރ ވިދާޅުވީ، ކުރިއާލާ ފިޔަވަޅުތަކެއް އެޅިނަމަވެސް، ރާއްޖޭގެ އިގްތިސާދަށް ކޮވިޑް19ގެ ސަބަބުން މިވަރުގެ ލޮޅުމެއް އައިސްފައިވަނީ ހަމައެކަނި ފަތުރުވެރިކަމަށް ޤައުމުގެ އިގްތިސާދު ބަރޯސާވެފައި އޮތުމުންކަމަށެވެ.

އަދި ޚަރަދު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅައި، އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް ދިގުރާސްތާ ޕްލޭންތަކެއް ހެދިފައިވާކަމަށާއި، އެގޮތުން މި ޕްލޭންތަކުގެ ތެރޭގައި އިޤްތިޞާދު ޑައިވަރސިފައިކޮށް، ފަތުރުވެރިކަމަށް އެކަނި ބަރޯސާވެފައި އޮތްއޮތުން ނިމުމަކަށް ގެނައުން ހިމެނޭކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް އިންޑިއާ، ސްރީލަންކާ އަދި ބަންގްލަދޭޝްފަދަ އަވަށްޓެރި ޤައުމުތަކުން މާލީ އެހީއާއި، ލޯނު އަދި ތަކެތީގެ އެހީ ފޯރުކޯށްދީ، ރާއްޖެއަށް ބޭނުންވާ އަސާސީ ތަކެތި މެދުކެނޑުމެއް ނެތި ލިބޭނެ މަގު ފަހިކޮށްދީފައިވާތީ، އެޤައުމަކަށް މިނިސްޓަރ ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އދގެ އާއްމު މަޖިލީހުގެ 75 ވަނަ ސެޝަންގެ ހަވާސާގައި ކުރިއަށްދިޔަ ހޮރަސިސް އެކްސްޓްރާއޯޑިނަރީ މީޓިންގ

މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި ބައިވެރިވެވަޑައިގެންފައިވާނީ ނޭޕާލުގެ ޚާރިޖީ ވަޒީރު ޕްރަދީޕް ކުމާރް ގްޔަވާލީ އާއި، ބަންގްލަދޭޝްގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް ޝަރިއާރް އާލަމް އާއި، އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ރޯޑް، ޓްރާންސްޕޯޓް އެންޑް ހައިވޭސް ވީ.ކޭ ސިންހްއެވެ. ބައްދަލުވުން މޮޑަރޭޓްކޮށްދެއްވީ ޗައުދަރީ ގްރޫޕް ގްލޯބަލްގެ ޗެއަރމަން ބިނޯދް ޗައުދަރީއެވެ.

ދެކުނު އޭޝިއާ ސަރަހައްދުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ ދެކުނު އޭޝިއާގެ ސަރަހައްދީ އެއްބާރުލުމާ ބެހޭ ޖަމްއިއްޔާ (ސާކް)ގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް ގޮވާލައްވާފައެވެ. އަދި ސަރަހައްދީ އެއްބާރުލުމުގެ ފުރިހަމަ ނަތީޖާ ނެރުމަށްޓަކައި ޤައުމުތަކުގެ މެދުގައި ވިޔަފާރިއާއި ދަތުރުފަތުރު އިތުރަށް ފުޅާކުރަން ޖެހޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހަމައެއާއެކު، އިންޓަރނެޓާއި ޑިޖިޓަލް ޓެކްނޮލޮޖީއަށް އެންމެންނަށް ފޯރުކޮށްދިނުމުގެ މުހިއްމުކަން ކޮވިދް-19 ޕެންޑެމިކްގެ ސަބަބުން ހާމަވެގެން ހިނގައްޖެކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ހޮރަސިސް އަކީ ސްވިޓްޒަލެންޑްގެ ޒިއުރިކްގައި ޤާއިމްކޮށްފައިވާ ބައިނަލްއަޤްވާމީ ތިންކް ޓޭންކެކެވެ. 2005 ވަނަ އަހަރު މި ތިންކް ޓޭންކް ޤާއިމްކުރެއްވީ ވޯލްޑް އިކޮނޮމިކް ފޯރަމްގެ ކުރީގެ ޑައިރެކްޓަރ ފްރޭންކް ޖަރގަން ރިކްޓަރއެވެ. އދގެ އާއްމު މަޖިލީހުގެ ހާވާސާގައި ބާއްވާ ގިނަ ބައްދަލުވުންތަކެކޭ އެއްފަދައިން މި ބައްދަލުވުންވެސް ބާއްވާފައިވަނީ ވަރޗުއަލްކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ކޮރަލް

    ކޮރަޕްޝަންގެ ސަބަބުން ނެވެ.

    16
  2. ދޭންވީއޭ

    ސަރުކާރުން ބައްލަވަންވީ ހަމަ އެކަނި ޓޫރިޒަމް ކުރިއަރުވަން ނޫނޭ ހައްދަވަން ޖެހޭނެ ގޮތަކީ ރާއްޖެތެރޭގެ ރަށްރަށުގެ ފަޅު ފުންކުރުމާއި ބަނދަރުހެދުން ފަދަ ކެޕިޓަލް އިންވެސްޓްމެންޓް ކުރިއަށް އޮތް 5 އަހަރަށް މެދު ކަނޑާލާ އެބަޖެޓުން އެމްޓީސީސީ މެދުވެރިކޮށް މާލެ ސަރަހައްދު ފަޅު ތައް ހިއްކާ ބިންތައް ކުއްޔަށް ދޭންވީއޭ ލައިނެއް ދަމާލަންވީއޭ ހުޅުމާލޭގެ ދެކުނުން ހުޅަނގަށް ގޮސް ނަކައްޗާއި ހަމައަށް ދެން އެ ލައިނުން ދެކުނުގައި ވާ ހުރިހާ ފަޅު ތަކެއް ހިއްކާލާ ބިންތައް 100 އަހަރަށް ކުއްޔަށް ދޭންވީއޭ...

    4
    5
  3. ރޯދަމުބާރަކް!

    ތިޔަކަން ނޭގޭ ބަޔަކު މި ޒަމާނުގަވެސް ތި ބީ ތޯ؟ ޚާއްސަކޮށް ސިޔާސީ ފަރާތްތައް!

    10
    1
  4. ފަލަބީ

    ކާޕެޓު ވައްކަންކޮށް ލާރި ބަނޑަށްއަޅަންޔާ އަދި ބޮޑަށް ލޮޅުންއަރާނީވެސް!
    މިމީހުން ހުރިހާ ފައިސާއެއް ކައި ހުސްކޮށްފަ ކޮވިޑް-19 ކުއްވެރިވާނީ.

    14
  5. އެމަންޖެ

    އިގްތިސާދަށްއައި ލޮޅުން އިތުރުވެގެން ދިޔައީ ތިޔަބޭފުޅުން ބަނޑުހައިވެގެން ކާލެވުން ވަރުވެސް މަދުވީމަ.

    14
  6. ތާކިހާ

    ހިބަރުވަދުގައި ހިލޭއެހީ ހޯދުމަށް އެންމެ މޮޅީ ކާކުބާ؟ #ލަދު

    11
  7. މުހައްމަދު އަންޖުމް

    ހޫން ކޮންވާހަކައެއް ދައްކާކަށް ކާޕެޓްވަގު ލިބުނުހާއެހީތަކެއް އެކައުންޓް ތަކަށްޖަމާ ކޮށްފަހުރި ބައިވަރުގަނޑު އެއީ ސަން ދޯކްގެ އެއްކޮޅަށް އަޅައިގެން ގެންދަންތަ ހަނދާންކުރާތި އެލާރިން އަލިފާން އަރާނެ

  8. ވީމަސްޓް

    ކޮވިޑާއި ގުޅިގެން ރާއްޖޭގެ އިގްތިސާދު ދަށްވެ އަދި ޓޫރިޒަމް ރިކަވަރީ ލަސްވުން އެއީ އެއްގޮތަކަށް ވެސް ސަރުކާރުން ހިތްވަރު ދެރަ ކުރަން ޖެހޭނެ ކަމެއް ނޫނޭ ބަދަލުގައި ޓޫރިޒަމް ނޫން ސިނާއަތް ތަކަށް މައިގްރޭޓް ކުރަންވީއޭ މަމެންނަަށް ޔަގީނޭ މާލެ ސަރަހައްދު ތިލަފުށި ބިން ހިއްކާ މާލެ ސަރަހައްދުގައި ރަޖިސްޓްރީ ވެފައިވާ ކޮންމެ ކުންފުންނަކަށް 20 ހާސް އަކަފޫޓްގެ ބިން މަހަކު 10 ހާސް ރުފިޔާ އަށް ކުއްޔަށް 100 އަހަރުން ކުއްޔަށް ބަދަލެއް ނާންނާނެ އުސޫލުން ދީފިނަމަ އިގްތިސާދު ކުރިއަރާނެއޭ ވީ މަސްޓް ރިއަލީ މޭކް އިޓް...

  9. ޢަލީ ޝަރީފް

    ދެންވެސް ދަނޑުވެރިކަން ފުޅާކޮށް ރަށްރަށުގައި މޭވާއާއި ތަރުކާރީ ހައްދަން މަސައްކަތް ކުރަންވެއްޖެ އެއްނު. އަދިވެސް ބޭރަށް ދޮރުތައް ހުޅުވަނީ. ފެރީއެއްވެސް އަމިއްލަ އުޅަނދެއް އޮޕަރޭޓްކުރިނަމަ ފައިދާއެއްވީސްތާ. ހުސްވާހަކަ. ތިބެގެން ކުރަނީ ވިޔަފާރި. ވިއްކަނީ ގައުމު. ކަންކަން ހަމަމަގަށް އަޅުވާކަށް ނޫޅޭ.

  10. ރާއަލިފް

    އިންޑިޔާއަށް ބަރޯސާވީމާ، ދެން އޯކޭއެންނުންދޯ!

  11. ލޫޓުވާ

    މިއިނީވެސް އަދީބުގެ ލިސްޓުގައި ހިމެނޭ ކުއްޖެއް.

    7
    1
  12. ބޮކި

    ޢިގިތިސޯދު އިދަޖެހުނަސް ކަލޭމެއްގެ ޖީބުތަށް ފުރާލެވިއްޖެއްނު

  13. ބަންޗޭޅާ

    ޓޫ ރިޒަމް ދޫކޮށް ، ނޫ ބަނބުކެޔޮ އިގްތިސާދު ކު ރި އަ ރުވަންވީ.

  14. ފެކްޓް

    އަދިކިރިޔާ...!!
    އެއޮއްހާ ފަޅުރަށްތައް ތިބި އިރު ދަނޑުވެރިކަން ކިރި ނޭރުވެންވީ ސަބަބއެއް ކޮބައިތޯ!
    ރާއްޖެއަށް އެތެރެކުރަމުން މިދާ ގިނަ ބާވަތްތައް މުޅިރާއްޖެއަށްވެސް ބޭނުން ވާވަރަށް ހައްދައިގެން ބޭނުންކުރެވޭ.
    ފަލަމަޑީ ގެ ބާވަތްތަކާއި ތަރުކާރީ ގެ ގިނަ ބާވަތްތަކާއި ބައެއް ކަހަލަ ފުރުޓް ގެ ބާވަތްތައްވެސް ހެއްދިދާނެ.
    އަލުވި،ފިޔާ އަދި ހަނޑޫވެސަ މަސައްކަތް ކޮށްފިއްޔާ ހެއްދިދާނެ
    ކާށިކިރު/ހުނި، ލޮނު، ކުކުޅުމަސް/ބިސް، ވެސް ޤައުމަށް ބޭނުންވާވަރަށް އުފެއްދިދާނެ.
    ދިވެހި ސަރުކާރުން އެއް އިރަކުވެސް ރާއްޖޭގެ ދަނޑުވެެިކަން ކުރިއަރުވަން އެކަށޭނެ ވިސްނުމެއް ގެންގުޅެފައި ނުވޭ. މަސައްކަތެއް ކޮށްފަވެސް ނުވޭ.

    1
    1