ސިއްހީ ބޭނުމަކަށް ކަމަށް ބުނެ ކެނަބިސް އަދި އެހެން ބާވަތެއްގެ މަސްތުވާތަކެތި އެތެރެކޮށް ހުއްދަ ކުރުމަކީ ނުރައްކާތެރި ކަމެއް ކަމަށް މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މުއިއްޒު އެގޮތަށް ވިދާޅުވީ، ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އަމިއްލަ ކެންޑިޑޭޓް އަލްހާން ފަހުމީ ކެނަބިސް ހުއްދަ ކުރަން ޖެހޭ ކަމަށް ވިދާޅުވުމާ ގުޅިގެން "ވަގުތު" ގައި ޝާއިއުކޮށްފައިވާ ހަބަރެއް ހިއްސާ ކުރައްވައި ކުރެއްވި ޓްވީޓެއްގައެވެ.

ވާދަވެރިޔާ އަލްހާންގެ ވާހަކަތަކަށް ރައްދު ދެއްވަމުން މުއިއްޒު ވިދާޅުވީ، ސިއްހީ ކަންކަމަށް ކަމަށް ބުނެ ދެވޭ ހުއްދަ ދުވަސްތަކަކަށް ފަހު ބަދަލު ވާނީ އާންމު ހުއްދައަކަށް ކަމަށެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކަން ހިނގާފައި ވަނީ އެ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"ސިއްހީ ބޭނުމަށް ކަމަށް ބުނެ ކެނަބިސް ވިޔަސް އަދި އެ ނޫން ޑްރަގްއެއް ވިޔަސް ހުއްދަ ކުރުމަކީ ގައުމުގެ މުސްތަގުބަލަށް ނުރައްކާތެރި ކަމެއް،" ޕީޕީއެމް ނައިބު ރައީސް އަދި ޕީޕީއެމްގެ ސަރުކާރުގައި ހައުސިން މިނިސްޓަރު ކަން ކުރެއްވި މުއިއްޒު ވިދާޅުވިއެވެ.

ކެނަބިސް ސިއްހީ ބޭނުންތަކަށް ބޭނުން ކުރުމުގެ ހުއްދަ ދުނިޔޭގެ 41 ގައުމެއްގައި މިހާރު ދީފައި އޮވެއެވެ. ނަމަވެސް އޭގެ ތެރޭގައި އެއްވެސް އިސްލާމީ ގައުމެއް ނުހިމެނެއެވެ.

ރާއްޖެއަށް ވެސް ކެނަބިސް އެތެރެކުރުން މަނާކޮށްފައި އޮންނައިރު ރާއްޖޭގެ ގާނޫނުތަކުގައި އޮންނަ ގޮތުން ކެނަބިސް ޓްރެފިކް ކުރާ މީހެއްގެ ކުށުގެ އަސާސީ އަދަބަކީ އުމުރު ދުވަހުގެ ޖަލު ހުކުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އާސިދާ

    އަލްހާ ކަލޭ ޖުއާ ކުޅެފަ ކެނަބިހާއި އޮއިލް ވިއް ކާހަދައިގެން ފައިސާ ހޯދައިގެން މަޑުން ހުރެވޭތޯ ބަލައިބަލަ ގައުމާއި ގައުމުގެ އެހެން ދަރީން ހަލާނު ކޮށް ހުރެވޭތޯ ވަލާބަލަ..

  2. ސޯލިހުބެ

    އަލްހާން ވާހަކަ ތިޔަ ދައްކަނީ ދެފުއްކެެހެރި އެއް އެއީ.

  3. ބޮއިކަޓް ޢަލީ

    ތީ ވެސް ކާފަރެއް

  4. ޑައެލޯގް

    މުއިޒުގެ ވާހަކަ ބަރާބަރުއެވެ.