އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާއެއްގައި ބައިވެރިވި ފަރާތްތަކަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް މާސްކް ބެހި މައްސަލާގައި އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ އޮންނާނެއެވެ.

މި މައްސަލައިގައި މަހުލޫފްގެ މައްޗަށް އުފުލާފައިވާ ގާނޫނު ތަންފީޒުކުރަން ހުރި މުވައްޒަފަކަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާގެ އަޑުއެހުން އޮންނާނީ މާދަމާ މެންދުރު 13:00 ގައި ކްރިމިނަލް ކޯޓުގައެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޙްލޫފްގެ މައްޗަށް ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ ދައުލަތުން އުފުލާފައިވަނީ، 2018 ފެބުރުވަރީ 22 ވަނަ ދުވަހުގެ ރޭ، ބޮޑުތަކުރުފާނުމަގު އެމްޑީޕީ ހަރުގެ ކުރިމަތީގައި ކުރި މުޒާހަރާގެ ބައިވެރިން އެ ސަރަހައްދު ދޫކޮށް ދިއުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތަކުރާރުކޮށް އެންގުމުންވެސް އެ ސަރަހައްދު ދޫކޮށް ނުގޮސް، އެ ސަރަހައްދުގެ ޢާއްމު ޓްރެފިކަށް ބުރޫ އަރާގޮތަށް، އެ ސަރަހައްދުގައި ތިބި މީހުން ދުރަށް ނުގޮސް ތިބުމަށް ހިތްވަރު ދިނުމުގެ ގޮތުން "މާސްކް" ތަކެއް ބަހައި، ފުލުހުންގެ ޤާނޫނީ ވާޖިބަށް ހުރަސް އަޅާފައިވާކަމަށް ބުނެއެވެ.

މި މައްސަލައިގެ އެންމެ ފަހުން ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ދައުވާ އިއްވުމާއެކު މަޙްލޫފް ވިދާޅުވީ، ސާފު ދިވެހި ބަހުން ލިޔެފައިވާތީ މައްސަލައިގެ ސީޣާ ސާފުވެލައްވާ ކަމަށާއި، ނަމަވެސް ދައުލަތުގެ އަސާސެއް ނެތް ދައުވާއަށް އިންކާރު ކުރައްވާކަމަށެވެ. އަދި އެ އަޑުއެހުމުގައި އޭނާ ވަނީ 400 މާސްކު ބެހި ކަމަށް ބުނެ މާދަމާ ދޫކޮށްލިޔަސް މާސްކް ބަހާނެ ކަމަށް ވިދާޅުވެފައެވެ.

މިހާރު ގޭބަންދުގައި ހުރި މަހުލޫފްގެ މައްޗަށް ވަނީ އެކި މައްސަލަތަކުގައި އެކި ދައުވާ ކޮށްފައެވެ. އެގޮތުން މަހުލޫފްގެ މައްޗަށް ވަނީ މާފުށީ ޖަލު ސަރަހައްދުގައި މުޒާހަރާ ކުރި މައްސަލައިގައި ނިރުބަވެރި (ޓެރަރިޒަމް) ކަމުގެ ދައުވާ އުފުލާފައެވެ.

މީގެއިތުރުން ހިނގާފައި ނުވާ ކަމެއް ހިނގައިފި ކަމުގެ މައުލޫމާތު ގާނޫނު ތަންފީޒު ކުރާ އިދާރާއަކަށް ދިނުމުގެ ކުށުގެ ދައުވާ ވެސް މަހުލޫފްގެ މައްޗަށް އުފުލާފައިވެއެވެ. އެ ދައުވާ މަހުލޫފްގެ މައްޗަށް ކުރަނީ މާފުށީ ޖަލުގައި މީހުން މަރުވަނީ ނޫން ކަމަށާއި މީހުން ގަސްދުުގައި މަރަމުން ދަނީ ކަމަށް ބުނެ މަހުލޫފު ކުރި ޓްވީޓަކާއި ގުޅިގެންނެވެ.

އިދިކޮޅުގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ މަހުލޫފްގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ޝަރީއަތް ނިމެންދެން އޭނާ ހުންނަން ޖެހޭނީ ގޭބަންދުގައެވެ. މީގެ ކުރިންވެސް މަހްލޫފުގެ މައްޗަށް ދައުވާތަކެއް ކޮށް ސާބިތުވެފައިވާ އިރު އޭނާ ޖަލު ހުކުމެއް ވެސް ތަންފީޒު ކޮށްފައި ވެއެވެ.