މާލޭގައި ކޮވިޑް-19 ގެ ވޭދަނަތައް އިތުރުވެގެން ބަންދު ކުރި ސްކޫލްތައް އަލުން ހުޅުވައި ކިޔަވައިދޭން ފަށައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މަޝްވަރާއާ އެކު މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ސްކޫލުތަކުގައި ކިޔަވައި ދޭން ފެށީ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތަކެއް އަޅައިގެންނެވެ. އެގޮތުން ގްރޭޑް 9 އިން ފެށިގެން 12 ގައި އުޅޭ ކުދިން ސްކޫލަށް ހާޒިރުވާން ޖެހެއެވެ. އެހެން ގްރޭޑްތަކުގެ ކުދިންނަށް މިދިޔަ މާޗް މަހުން ފެށިގެން ކިޔަވައި ދެމުން އަންނަނީ އޮންލައިންކޮށެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް މިދިޔަ މާޗު 12 އިން ފެށިގެން ސްކޫލުތައް ބަންދުކޮށްފައި އޮތުމަށް ފަހު، އަލުން ހުޅުވައި ކިޔަވައިދޭން ފެށީ ޖުލައި މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް މާލޭގައި ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރެން ފެށުމާ ގުޅިގެން މާލެ ސަރަހައްދުގެ ސްކޫލުތައް އިތުރު ދެ ހަފުތާ އަށް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން މިނިސްޓްރީން ނިންމިއެވެ.

އެހެންވެ، ސްކޫލްތައް ހުޅުވާފައި މިވަނީ ގާތްގަނޑަކަށް ދެ މަހެއްހާ ދުވަސް ފަހުންނެވެ.

އޭރު މާލެ ސަރަހައްދުގައި ކިޔަވައިދޭން ފެށީ ވެސް ގްރޭޑު 9 އިން ފެށިގެން މައްޗަށެވެ. އެހެން ގްރޭޑުތަކުގެ ދަރިވަރުންނަށް، މިދިޔަ މާޗު މަހުން ފެށިގެން ކިޔަވައިދެމުން އަންނަނީ އޮންލައިންކޮށެވެ. އެކަމަކު، ރަށްރަށުގެ ސްކޫލުތަކުގައި ކުރިއެކޭ އެއްގޮތަށް ގްރޭޑު 1-12 އާ ހަމައަށް ކިޔަވައިދެއެވެ.

ކުރީ ފަހަރެކޭ އެއްގޮތަށް މި ފަހަރު ވެސް ސްކޫލްތަކަށް ދަރިވަރުން ވައްދަނީ ހުން ބަލައި، އަތް ސެނެޓައިޒްކުރުމަށް ފަހުއެވެ. އެކަން ދަރިވަރުންނަށާއި ޓީޗަރުންނަށް ފުރިހަމަކޮށް ދިނުމަށް ކޮންމެ ސްކޫލެއްގައި ވެސް ހާއްސަ ބަޔަކު ސްކޫލަށް ވަންނަ ދޮރު ކައިރީގައި ތިބެއެވެ.

ކްލާސްރޫމުގައި ދަރިވަރުން ތިބެނީ ތިން ފޫޓުގެ ގައިދުރުކަން ބަހައްޓައިގެންނެވެ. އަދި ހުރިހާ ދަރިވަރުންނާއި ޓީޗަރުން ވެސް މާސްކް އެޅުން މަޖުބޫރެވެ.

ރައްކާތެރިކަމުގެ އެ ފިޔަވަޅުތަކާ ހެދި ސްކޫލްތަކާ ގުޅުން ހުރި ކްލަސްޓާއެއް މިހާތަނަށް ފެނިފައި ނުވާ ކަމަށް އެޗްޕީއޭ އިން ވަނީ ހާމަކޮށްފައެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީން ކުރިން ބުނި ގޮތުގައި ސްކޫލްތަކަކީ އެންމެ ރައްކާތެރި ތަންތަން ކަމަށް ބުނުމުގެ ޖާގަ އެބައޮތެވެ.

މިދިޔަ ބުރާސްފަތި ދުވަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ މާލޭގެ ސްކޫލްތައް އަލުން ހުޅުވައި ކިޔަވައި ދޭން ފެށި ނަމަވެސް ސްކޫލްތަކުގައި ކޮވިޑް-19 ނުފެތުރޭނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް އެބައޮތް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ސްކޫލްތަކުގެ ކިޔެވުން އަލުން ފަށަން ނިންމީ ދަރިވަރުންނާއި މެދު ވިސްނާފައި ކަމަށެވެ. އަދި މީގެ ކުރިން ވެސް އެއްވެސް ކްލަސްޓާއެއް ސްކޫލްތަކުން އުފެދިފައި ނެތް ކަމަށާއި ސްކޫލްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި ވަނީ ވަރަށް ރަނގަޅަށް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

" ދިރާސާތަކުން އެބަ ދައްކާ ސްކޫލަށް ނުގޮސް ތިބުމުން ދަރިވަރުންގެ ލާނިން ލޮސް އިތުރުވާކަން. ކުދިން ގިނަ ދުވަހު ސްކޫލަށް ނުދިޔައީމަ ކުދިންގެ ހިސާބު ހެދުމުގެ ފެންވަރު ދަށް ވާކަން. އެެހެންވީމަ ކުދިންނާއި މެދު ވިސްނާފަ ނިންމި ނިންމުމެއް މިއީ. އަޅުގަނޑުމެން ބޭނުންވަނީ އިންޓަރެކްޓް ވެގެން ކިޔަވާދޭން އަސްލު." ޑރ.އައިޝަތު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަންނާނު

    މާތްﷲ ކިޔަވާކުދިންގެ ކިޔެވުމުގައި ބަރަކާތް ލައްވާ އަވަހަށް މިބަލިމަޑުކަމުން މުޅި އިންސާނީ އުންމަތް ސަލާމަތް ކޮއްދެއްވާ ރައްކާތެރި ކޮއްދެއްވާންދޭވެ... އާމީން..