ރާއްޖޭގައި ފުރަތަމަ ފަހަރަށް "ސްޕޭސް ވީކް" ފާހަގަކުރަން ނިންމައިފިއެވެ.

ރާއްޖޭގައި އަލަށް ސްޕޭސް ވީކް ފާޙަގަކުރަން ނިންމާފައިވާއިރު، ސްޕޭސް ވީކް ފާހަގަ ކުރާނީ ރާއްޖޭގައި ސްޕޭސް ސައިންސް ޕްރޮމޯޓުކުރަމުން އަންނަ އިންސްޓިޓިއުޓް ފޯރ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން އިސްނަގައިގެންނެވެ.

ސްޕޭސް ވީކްގެ ގޮތުގައި ފާހަގަ ކުރާނީ މިއަދުން ފެށިގެން މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ވީކް ފާހަގަ ކުރުމަށް ރާއްޖޭގެ ފަރާތުން ތަމްސީލްކުރައްވާނީ، އައިޖީއެސްގެ ސީއީއޯ ރިފްއަތު މުހައްމަދެވެ.

ސްޕޭސް ވީކް ދުނިޔޭގެ އެކި ކަންކޮޅުތަކުން 100 އެއްހާ ގައުމުން ފާހަގަކުރާނެއެވެ. މައިގަނޑުގޮތެއްގައި ހުރިހާ ހަރަކާތްތަކެއްވެސް އަމާޒުކުރާނީ ސްކޫލް ދަރިވަރުންނަށެވެ.

މިއަހަރު ކޮވިޑް-19 ފެތުރެމުން އަންނާތީ، މިކަމާއި ގުޅުންހުރި ހަރަކާތްތައްވެސް ކުރިއަށް ގެންދާނީ ވާޗުއަލްކޮށެވެ. މި ދުވަހާއި ގުޅިގެން އެސްޓްރޮނޯޓުންނާއި، ސްޕޭސް ސައިންޓިސްޓުންނާއި، ނުޖޫމީ އިލްމުވެރިން ހުށައަޅާ ޚާއްސަ ލެކްޗަރ ސީރީސްއެއްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ސްކޫލްކަށްވެސް ވަނީ ހުޅުވާލައިފައެވެ. ދަރިވަރުންނަށް ބައިވެރިވެވޭނެ އިތުރު ހަރަކާތްތަކާއި ގުޅުންހުރި މައުލޫމާތު wswmaldives@ ފޭސްބުކް ޕޭޖުގައި ޝާއިއުކުރާނެ އެވެ.

1999 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮކްޓޯބަރު ހަތަރުވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހަށް ސްޕޭސް ވީކްގެ ގޮތުގައި ފާހަގަކުރެއެވެ.

މިއަހަރުގެ ސްޕޭސް ވީކްގެ ޝިއާރަކީ ސެޓެލައިޓުން ދިރިއުޅުން ރަނގަޅުކޮށްދޭ" އެވެ.