ބ. އޭދަފުށީ ޓާފު ފުޓުބޯޅަ ދަނޑުގެ މައްސަލައިގައި ހިތްހަމަނުޖެހުން ފާޅުކޮށް އެރަށުގެ ރައްޔިތުން ކައުންސިލް ކުރިމަތީގައި މުޒާހަރާކުރަން ފަށައިފިއެވެ.

ވަގުތަށް މައުލޫމާތުދެމުން އެރަށުގެ ބައެއް ޒުވާނުން ބުނީ އެ ރަށުގެ ފުޓުބޯޅަ ދަނޑު ބޭނުންކުރުމުގައި ގިނަ ދަތިތަކެއް ކުރިމަތިވާ ކަމަށާއި ވަކިން ހާއްސަކޮށް ދަނޑާއި ހަވާލުވެގެން ތިބި ދެ މުވައްޒަފުންގެ ފަރާތުން އެކި އުނދަގޫތައް ފޯރާކަމަށެވެ.

އަދި ބޭނުންވަނީ އެ މައްސަލަ ކައުންސިލް މެދުވެރިކޮށް ހައްލުކޮށްދިނުން ކަމަށްވެސް އެ ޒުވާނުން ބުންޏެވެ.

ޒުވާނުންގެ މައިގަނޑު ކަންބޮޑުވުމަކީ އެ ދަނޑަށް ކުޅެންދާއިރު ދަނޑާއި ހަވާލުވެ ތިބޭ މުވައްޒަފުން ގޯލު ފޮރުވުމާއި ކުޅުމަށް ދަތިވާގޮތަށް ކަންކަން ހުރުމެވެ.

މި މައްސަލައިގައި ވަގުތު ނޫހުން އޭދަފުށި ކައުންސިލްގެ ރައީސް ތަލާލް އަބްދުއްރަހްމާން ވިދާޅުވީ މި މައްސަލަ ހައްލުކޮށްދިނުމަށް މަސައްކަތްކުރާނެ ކަމަށެވެ. އަދި މި މައްސަލައިގައި ޒުވާނުންގެ ކަންބޮޑުވުމަކީ ދަނޑު އަޅުއްވައިދެއްވި އަހުމަދު ނަޒީރު (ކްރައުން ނަޒީރު) ނޫންކަމަށާއި މުސާރަ ދީފައި އެ ދަނޑު ބަލަހައްޓަން ހަވާލުކޮށްފައި ތިބި ދެ މުވައްޒަފުން ކަމަށެވެ.

ކްރައުމް ނަޒީރުގެ އަމިއްލަ ހަރަދުގައި ހެދި އޭދަފުށީގައި ފެންވަރު ރަނގަޅު ޓާފް ދަނޑު ދަނޑު ހުޅުވާފައިވަނީ މިދިޔަ އަހަރުގެ މާރޗް މަހުގެ ތެރޭގައެވެ.

މި ދަނޑަކީ އޭދަފުށީގެ މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ނަޒީރު ވެވަޑައިގެންނެވި ވައުދެކެވެ. މި ދަނޑަކީ މިހާތަނަށް ރާއްޖޭގެ ކުޅިވަރުގައި އެއް ރަށެއްގައި ކުރެވުނު އެންމެ ބޮޑު އެއް ހޭދައެވެ.