ޓެކްސް ފިޔަވާ އެހެނިހެން ފައިސާ ބަލައިގަތުމަށް ޚާއްސަކޮށްފައިވާ މީރާގެ އޮންލައިން ޚިދުމަތް "ވާރުޕޭ" އިން "ދިރާގުޕޭ" މެދުވެރިކޮށް ފައިސާ ދެއްކޭ ގޮތަށް ހަމަޖައްސައިފިއެވެ.

ވާރުފޭ ޚިދުމަތް މެދުވެރިކޮށް ކުންފުނިތަކުގެ އަހަރީ ފީ އާއި، އެއްގަމު އުޅަނދު އަދި ކަނޑު އުޅަނދުގެ އަހަރީ ފީއާއި، ޓްރެފިކާގުޅޭ ގޮތުން ކުރާ ޖޫރިމަނާއާއި، މުދަލު ޒަކާތާއި، އެއަރޕޯޓް ސެކިއުރިޓީ ފާސް ޕޭމަންޓް އަދި މިނޫންވެސް ގިނަ ފައިސާ ދަނީ މީރާއަށް ބަލައިގަންނަމުންނެވެ.

ދިރާގު ޕޭ މެދުވެރިކޮށް މި ހިދުމަތް އޮންލައިން ކުރެވޭ ގޮތް ހަމަޖައްސާ އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި މީރާގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން، އަލްފާޟިލާ އަސްމާ ޝަފީޢު، އަދި ދިރާގު ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ދިރާގުގެ ޗީފް ފައިނެންޝަލް އޮފިސަރ، ރޮބިން ވޯލްއެވެ.
މިއަދު މި ޚިދުމަތް ތައާރަފްކުރުމަށް ބޭއްވި ހާއްސަ ހަފްލާގައި މީރާގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް ވިދާޅުވެފައިވާ ވިދާޅުވީ، މި ޚިދުމަތަކީ މީރާއިން ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން މީރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތައާރަފުކޮށްފައިވާ ޚިދުމަތެއް ކަމަށެވެ.

އަދި މިއީ އޮންލައިންކޮށް ފައިސާގެ މުއާމަލާތްތައް ކުރުން އިތުރުވަމުން އަންނަ ދުވަސްވަރެއްކަމުން، އަދި ގިނަ ފަރާތްތަކުން މި ފަދަ ޚިދުމަތްތައް ބޭނުންކުރަމުންދާތީ، އެ ފަދަ ފަރާތްތަކުން މީރާއިން ޚިދުމަތް ހޯދުމަށް ވާނެ ފަސޭހައެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދިރާގުގެ ޗީފް ފައިނޭންޝަލް އޮފިސަރ ރޮބިން ވޯލް ވިދާޅުވީ، މީރާގެ ޕޭމަންޓް ޕާޓްނަރ އެއްގެ ގޮތުން ފަސޭހަ، ރައްކާތެރި އަދި އިތުބާރު ހިފޭ ޚިދުމަތެއް ދިރާގު ޕޭ މެދުވެރިކޮށް ފޯރުކޮށްދެވުމަކީ ވަރަށް އުފާކުރައްވާ ކަމެއްކަމަށެވެ.

އަދި މިކަމުގެ ސަބަބުން މީރާގެ ކަލެކްޝަން ސެންޓަރތަކަށް ކަސްޓަމަރުން ދާން ނުޖެހި، ފަސޭހަކަމާއެކު ފައިސާދެއްކުމުގެ އިތުރު އިންތިޒާމެއް ހަމަޖެހިގެންދާނެކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ދިރާގުން އަބަދުވެސް ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރެވޭނެ ގޮތްތައް ބަލައި، އެކަންކަން ތައާރަފުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ރޮބިން ވިދާޅުވިއެެވެ.

ވާރުޕޭގެ ޚިދުމަތަކީ މީރާގެ ވެބްސައިޓުން އަދި މީރާގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ލިބޭ ޚިދުމަތެކެވެ.