ކަރަންޓުގައި ޖެހިގެން އަދާރަން ރަންނާޅި ރިސޯޓުން މީހަކު މަރުވެއްޖެ އެވެ.

ފުލުހުން ވިދާޅުވީ އިއްޔެ އަދާރަން ރަންނާޅި ރިސޯޓުން ކަރަންޓު ޖެހިގެން މީހަކު މަރުވެފައިވާކަން ރޭ ގާތްގަނޑަކަށް އަށެއްޖެހި އިރު ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައި ކަަމަށެވެ.

ރަންނާޅި ރިސޯޓުން މަރުވެފައި ވަނީ ސްރީލަންކާގެ ރައްޔިތެއް ކަމަށާއި، އެ ހާދިސާ ހިނގާފައިވާ ކަމަށް މައުލޫމާތު ލިބިފައި ވަނީ އިއްޔެ އިރު އޮއްސި 6:30 ހާއިރު ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެ ހާދިސާ ހިނގިތާ ގަޑިއެއްހާއިރު ފަހުން މާފުށީ ހޮސްޕިޓަލަށް އެމީހާ ގެންގޮސްފައިވާ ކަމަށާއި، އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން ވަނީ ވިދާޅުވެގައެވެ.

ފުލުހުން ވިދާޅުވީ މި މައްސަލަ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން މިހާރު ބަލަމުން އަންނަ ކަމަށެވެ.

އެންމެ ފަހުން ރާއްޖޭގައި ކަރަންޓުގެ ބޮޑު ހާދިސާއެއް ދިމާވެފައި ވަނީ ގއ. ވިލިނގިލީގައި، މީގެ 10 ވަރަކަށް މަސް ކުރިންނެވެ. އެ ހާދިސާ ހިނގުމަށް މެދުވެރިވެފައި ވަނީ ކަރަންޓު ޖެހުނު މީހާ ކޯރެއް ކޮންނަން އުޅެނިކޮށް ސުޕަވައިޒަރު ބްރޭކަރު ނެގުމުންމެވެ. އޭނާ އަށް ސީރިއަސް އަނިޔާތަކެއް މި ހާދިސާގައި ލިބުނެވެ.