މިއަދު ކުރި ވިއްސާރާގައި އައްޑު އާއި ގދ. ތިނަދު އަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވެއްޖެ އެވެ.

މިއަދު އައްޑު އަށް ވެހުނު ބޯ ވާރޭގެ ސަބަބުން ހިތަދޫގެ ދެ ގެއަކާއި ފޭދޫގެ ދެ ގެއަކަށާއި ހުޅުދޫގެ ދެ ގެއަކަށް ފެން ވަދެފައިވާ ކަމަށާއި ނަމަވެސް އެއްވެސް އެއްޗަކަށް ގެއްލުން ވެފައި ނުވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އައްޑޫއަށަ ކުރި ވިއްސާރާގައި ހުޅުމީދޫގައި ފެން ބޮޑުވެފައިވާ ސަރަހައްދުގައި ޕަމްޕް ބޭނުން ކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ފުލުހުން އަންނަނީ މިހާރު ކުރަމުންނެވެ.

މިއަދު ކުރި ވިއްސާރާގައި ގދ. ތިނަދޫގައި ވެސް ފެން ބޮޑުވުމާ ގުޅިގެން ފުލުހުން އަންނަނީ ފެން ހިއްކުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންނެވެ.

މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރާގައި، މިއަދު މެންދުރު 2:30 އިން ފެށިގެން މިރޭ 8:30 އާ ހަމައަށް ރ. އަތޮޅުން ފެށިގެން އައްޑު އަށް ބޯކޮށް ވާރޭ ވެހި ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާ ކޮށްފަ އެވެ.

އެ އިދާރާއިން ބުނީ މެދު ރާއްޖެތެރެއަށް ވައިޖެހޭނީ ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 10 މޭލާއި 20 މޭލާދެމެދުގެ ބާރުމިނުގައި ކަމަށް ލަފާކުރެވޭ ކަމަށާއި އެހެން ހިސާބުތަކަށް ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.

ރާއްޖޭގެ މެދުތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި ގަދަވާނެ ކަށާއި، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ.