ސަރުކާރުގެ ފާރާތުން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަން ނިންމި "އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލް" އަކީ މީޑިއާތަކާއި ނޫސްވެރިންނަށް އަމާޒުކޮށް ހަދާ ބިލެއް ނޫން ކަމަށް އެޓާނީ ޖެނެރަލް އޮފީހުން މިއަދު ވިދާޅުވެއްޖެއެވެ.

ބަންޑާރަ ނައިބް އޮފީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހުސެއިން ހަސަން "ވަގުތަށް" ވިދާޅުވީ މި ބިލުގައި ކަނޑައަޅާފައިވަނީ އަބުރާ ބެހުމަކީ މަދަނީ ކުށެއްގެ ގޮތުގައި ކަމަށެވެ. އެއީ މިހާރު ވެސް ގަވައިދަކުން ކަނޑައަޅާފައިވާ ކަމެއް ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"މިހާރު ވެސް އޮތް ގޮތަށް މަދަނީ ކުށެއްގެ ގޮތުގައި އޮންނާނީ ބިލު. ބިލަކީ ގަވައިދަށް ގާނޫނީ ބާރުވެރިކަން ދިނުމަށް ހުށަހެޅި ބިލެއް،" އަބުރާ ބެހުމުން ލިބޭ ގެއްލުމުގެ ބަދަލު ނަގައި ދިނުމުގެ ގަވައިދަށް އިޝާރާތް ކުރައްވައި ހުސެއިން ވިދާޅުވިއެވެ.

ހުސެއިން ވަނީ ބިލްގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަން ކަމަށް ހުރަސް ނޭޅޭނެ ކަން ފާހަގަ ކުރައްވައިފައެވެ. އަދި ބިލް، ގާނޫނަކަށްވާ ހިސާބުން ނޫސްވެރިކަން ކުރުމަށް ހުރަސް އެޅިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަބުރުގެ ބިލްގެ އިތުރުން ސަރުކާރުން މަޖިލިހަށް ހުށަހަޅަން ނިންމި އެހެން ބިލެއްގައި ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އެއްކޮށްލައި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން އޮތޯރިޓީ" ގެ ނަމުގައި ވަކި މުއައްސަސާއެއް ހެދުމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ އޮތޯރިޓީ ވެގެން ދާނީ ހުރިހާ މީޑިއާތަކަކާއި ނޫސްވެރިންގެ ބެލެނިވެރި ފަރާތަށެވެ.

އެ ދެމުއައްސަސާ އެއްކޮށްލެވޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހުން ވެސް މީގެ ކުރިން މަސައްކަތްތަކެއް ކުރިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ރައްޔިތުންގެ މަޖިލިހުން ފާސްކޮށް، ތަސްދީގު ކުރި "އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު" އަކީ އޭރު މީޑިއާތަކަށް އަމާޒުކޮށް ހެދި ގާނޫނެއް ކަމަށް ބުނެ، ގިނަ ނޫސްވެރިން ކަންބޮޑުވުން ފާޅު ކުރިއެވެ. ހާއްސަކޮށް އެ ގާނޫނުގެ ދަށުން މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމަކީ ވެސް ނޫސްވެރިން ނުރުހުން ފާޅު ކުރި ކަމެކެވެ.

ނަމަވެސް، ރައީސް ޔާމީންގެ ވެރިކަން ބަދަލުވުމާ އެކު، މަޖިލިހަށް ހުށަހަޅައިގެން އެ ގާނޫނު ވަނީ އުވާލައިފައެވެ. އެ ގާނޫނު އުވާލުމަށް ހުށަހެޅުއްވީ، އޭރުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަދި މިހާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

އަބުރުގެ ގާނޫނު އުވާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.

އަބުރުގެ ބިލާ އެކު، އެޓާނީ ޖެނެރަލް އޮފީހުން ވަނީ 28 ބިލެއް މަޖިލިހަށް ހުށަހަޅަން ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޝަކީބު

    ތިޔައީ ޗެނަލް 13 އަށް އަމާޒުކުރާ ބިލެއްކަން ކަށަވަރު!

  2. އ

    ހުސައިން ހަސަން އަށް ބުނެލަން އޮތީ ކަލޭ ރާއްޖެ ޓީވީގައި ހުރެގެން ގަތް ގަނޑު ފެނެއޭ މީޑިއާ ކައުންސިލުން ބޭއްވި ޖަލްސާގައި އަބުރު ފަންޑު ފޮށި ހިފައިގެން ނަށާ މިހާޜު ދެއަނގައިން ވާހަކަ ދައްކާނެ ކަމެއް ނެތް ކަލޭމެންނަށް ހަޖަމު ނުވީ ކޮންއެއްޗަކަށް މިވީ މަދަނީ ވިއަސް ހަމަ ވާނީ އެއްގޮތް ފުލް ފުލްގައި ދައުވާކޮށް މީޑިއާތައް ޖޫރިމާނާ ވާނެ ބަލަ ގާނޫނުގައ އެބައޮތްތަ މީޑިއާތައް އިސްތިސްނާ ވެއޭ ކޮސް ނޮގޮވާ ހުސޭނާ ކަލޭމެން ހީކުރަނީ ދެން ތިބެނީ ކޮހުން ކަމަށް ކޮބައިތަ ހިރިގާ ޒާހިރު ކޮބައިތަ އިމާދު ލަތީފު ކޮބައިތަ ރާއްޖެ ޓީވީ ހޯރަ ސައްލޭ

  3. އޮޅުވާލި ވޯޓު

    ކިތަމްމެ ބިލެފާސްކިރިޔަސް އަބުރެއް ނެތްބަޔަކައް ގަދަރެނޯންނާނެ އިހުތިރާމެ ނުކުރެވޭނެ މިސަރުކާރަކު ނުތިބޭނެ އަހަރުމެން އިތިރާމުކުރާނެބަޔަކު ހުރިހާގޮތަކުންވެސް އަބުރެއްނެތްބައެއް

  4. ކަމަނަ

    މަސްކެނޑުމުގެ ބިލު، މަސްބޭއްވުމުގެ ބިލު، މަސްކެއްކުމުގެ ބިލު، މަސްހިއްކުމުގެ ބިލު، މަހުން ކަށިނެގުމުގެ ބިލު، ރިހާކުރު ކެއްކުމުގެ ބިލު، ރިހާކުރު ފުޅިއަށް އެޅުމުގެ ބިލު، ރިހާކުރު ވިއްކުމުގެ ބިލު، ވަޅޯމަސް ވިއްކުމުގެ ބިލު ލޭފެން އުކާލުމުގެ ބިލު، ކަރުގޮހޮރު އުކާލުމުގެ ބިލު، ކަންޑުމަސް ވިހެއުމުގެ ބިލު، ކަނޑުމަސް ބޮޑުވުމުގެ ބިލު މި ބިލުތައް ފާސްކުރަން ސޮއިކޮށްދޭނެ ފަރާތެއް ބޭނުން.

  5. ހުޗޫ

    މިހަރު މި އަންނަނީ އަބުރު ހިމާޔަށް ކުރާ ބިލެއްތޯ؟.ރައްޔަތުން އަނގަމަތީ ޓޭޕު އަލަން ހަދާ ބިލެއްތޯ؟؟؟،،ވައުދު ފުދިފަ މިއޮތީ؟

  6. ފައްޓަރުބައި

    މިހާރު ހުންނާނެ މިމީހުންނައް ވޯޓްދިންމީހުންނައް ރާކަނިމަސް ރަނގަޅައް ކެވިފަ ދަމުންދަމުންގޮސް ކަރައް އަތްބާނާ އެންމެފަހުން އަހަރެމެންގެ ދޫވެސް ދަމައިގަންނާނެ މިވަރުވާއިރުވެސް ހަމަތިބޭނީތަ

  7. ރައްޔިތުމީހުން

    މިއީ އިންޑިއާ އަށް ފާޑުކިޔާތީ ހެދި ބިލެއް ދޯ