މީޓިން ވިސާއާ މެދު ހޯމަ ދުވަހު އިމިގްރޭޝަންއާ މަޝްވަރާ ކުރަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމައިިފިއެވެ.

އެ ކޮމިޓީގެ މުގައްރިރު އަދި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް "ވަގުތަށް" ވިދާޅުވީ މީޓިން ވިސާ އާމެދު މަޝްވަރާކުރަން ހަމަޖެހިފައި ވަނީ، އެ ދުވަހު މެރިއޭޖް ވިސާއަށް ގެންނަ އިސްލާހާއި މެދު މަޝްވަރާކުރަން ބާއްވާ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން ކަމަށެވެ.

މިިދޔަ ޖުލައި މަހުގެ ތެރޭގައި، އިމިގްރޭޝަން ގާނޫނަށް ގެންނަ އިސްލާހުތަކާ މެދު ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގައި މަޝްވަރާކޮށް، ރައްޔިތުންގެ މަޖިލިހުގެ ތަޅުމަށް ފޮނުވާފައި ވަނިކޮށް އެ ބިލަށް ބައެއް އިސްލާހުތައް ގެނައުމަށް ވަނީ އަނބުރާ ކޮމިޓީއަށް ފޮނުވާލައިފައެވެ.

އެ ބިލުގެ ދަށުން ކަނޑައަޅާ، މީޓިން ވިސާ ދޫކުރުމުގެ އުސޫލު ކަނޑައަޅާ ގޮތާ މެދު ކޮންމެވެސް ވަރަކަށް މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި މެމްބަރުންގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

މީގެ އިތުރުން މި ބިލާއި ގުޅުންް ހުރި އިތުރު ކަންކަމުގައި ވެސް މެމްބަރުންގެ ޚިޔާލު ތަފާތުވުންތައް އެބަހުއްޓެވެ.

"ޚިޔާލު ތަފާތު ކަންތައްތަކެއް ހުރީމަ ޚިޔާލު އެއްގޮތްކޮށްލަން ފުރުސަތު ދީގެން މިހުރީ. މިއީ ވަރަށް ހައްސާސް ބިލެއް ވަރަށް ވިސްނާފައި ކަންކަން ނިންމަން ވާނީ." ޝަރީފް ވިދާޅުވިއެވެ.

މީޓިން ވިސާ ދޫކުރުމަށް ނިންމާފައި ވަނީ ތިން ހާލަތެއްގައެވެ. އޭގެ ތެރޭގައި ހިމެނެނީ ވިޔަފާރިވެރިން ބާއްވާ ވިޔަފާރީގެ ބައްދަލުވުންތައް، ދައުލަތުގެ މުއައްސަސާތަކުގެ ބޭނުމަށް އަދި އެހެން ފަރާތަކުން ސަރުކާރުގެ އިދާރާތަކުން ހުއްދަ ލިބިގެން ބާއްވާ ބައްދަލުވުންތަކެވެ.

އެ ވިސާއަކީ ކޮންޓްރޯލާ އޮފް އިިމިގްރޭޝަންސް ކަނޑައަޅާ އުސޫލެއްގެ ދަށުން ރެޖިސްޓްރާ އޮފް ބިޒަންސެސް ޤަބޫލުކުރައްވާ ވިޔަފާރިއަކަށް ދޫކުރާ ވިސާއެއް ކަމަށް ބިލުގަައި ބުނެފައިވެއެވެ.

މެމްބަރުންގެ މެދުގައި މީޓިން ވިސާގެ އުސޫލު ކަނޑައަޅާނެ ގޮތަކާއި، އުސޫލު ކަނޑައަޅާނެ ގޮތާއި މެދު ކޮންމެވެސް ވަރަކަށް އޮޅުން އެރުންތަކެއް ހުރިކަން މިއަދުގެ ކޮމިޓީއިން ފާހަގަކުރެވުނެވެ.

ހޯމަ ދުވަހުގެ ބައްދަލުވުމުގައި އެ މައުލޫމާތު ސާފުކުރައްވަން ކޮމިޓީގެ މުގައްރިރު ނިންމެވި ސަބަބަކީ އެއީއެވެ.

މިއަދުގެ ކޮމިޓީގައި ކޯޕަރޭޓް ވިސާ އާއި ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ.

ކޯޕަރޭޓް ރެސިޑެންޓް ވިސާއަކީ ރެެޖިސްޓްރަރ އޮފް ބިޒްނެސެސް ކަނޑައަޅާ ގޮތެއްގެ މަތިން ރާއްޖޭގައި ރެޖިސްޓްރީކޮށްގެން ހިންގާ ފޮރިން އިންވެސްޓްމެންޓެއްގެ ޑިރެކްޓަރެއް، ޕާރޓްނަރެއް، ހިއްސާދާރެއް ނުވަތަ އެ ނޫންވެސް ފަރާތެއް އަދި އެއިން ފަރާތެއްގެ އާއިލާގެ މެމްބަރެއް ރާއްޖޭގެ ވަޒީފާ އަދާކުރާ މީހެއް ނޫންގޮތަށް، އެ ފޮރިން އިންވެސްޓްމެންޓް ވިޔަފާރި ހިންގުމުގެ ބޭނުމަށް ދިގު މުއްދަތަށް ރާއްޖެ ހުރުމަށް އިމިގްރޭޝަން ގާނޫނުގެ (ޅ)ގެ ދަށުން ދޫކުރާ ހުއްދައެކެވެ.

އެ ވިސާ ދޫކުރާނީ، ރާއްޖޭގެ ބޭންކެއްގައި މަދުވެގެން 250،000 އެމެރިކާ ޑޮލަރު ޑިޕޮސިޓްކޮށް ރާއްޖެގައި ހުރުމަށް އެދޭ ބިދޭސީންނާއި ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ މަތިން ސަރުކާރުން ހުއްދަކުރާ ރިއަލް އެސްޓޭޓް ވިޔަފާރިއެއްގައި 300،000 އާއި އެއް މިލިއަން ޑޮލަރާއި ދެމެދު އިންވެސްޓްކޮށްގެން އެދޭ ބިދޭސީންނަށެވެ.

މިއަދުގެ ބައްދަލުވުމުގައި އޭގެ ތެރެއިން ރާއްޖޭގައި ބޭންކެއްގައި ޑިޕޮސިޓްގެ އަދަދެއް ބަހައްޓާއިރު ވަކި މުއްދަތެއް އޮންނަންވާނެ ކަމަށް މެމްބަރުން ފާހަގަކުރެއްވިއެވެ.

މި ބިލާ މެދު އިތުރު މަޝްވަރާތައް އަންނަ ހޯމަ ދުވަހު ކުރުމަށް ވަނީ ނިންމައިފައެވެ.

ކޯޕަރޭޓް ރެސިޑެންސް ވިސާ ހޯދަން އިންވެސްޓް ކުރަން ޖެހޭ އަދަދުތައް ކުޑަކުރަން ތާއީދު ކުރައްވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސާމާއިލް ވަނީ މީގެ ކުރިން މަޖިލީހުގައި ވިދާޅުވެފައެވެ.

ބިދޭސީންނަށް ފަސޭހަ އިން ރެސިޑެންސް ވިސާ ލިބޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް ބަދަލު ގެންނަން ހުށަހަޅުއްވީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުކަމަށް ޝަރީފް ވިދާޅުވި ނަމަވެސް އެ ވާހަކަތަކަށް އެމަނިކުފާނު ވަނީ ދޮގު ކުރައްވައިފައެވެ.

ކުރިން ޝަރީފް ވިދާޅުވި ގޮތުން ނަމަ ނަޝީދު އެދިވަޑައިގަތީ ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށާއި ރާއްޖޭގައި އެއް ލައްކަ ރުފިޔާ އަށް ވުރެ ބޮޑު އިންވެސްޓެއް ކުރާ ބިދޭސީންނަށް ރެސިޑެންސް ވިސާ ދޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނު ބަދަލު ގެނައުމަށެވެ.