ލ.ގަމު ރީޖަނަލް ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ހިދުމަތް ފެށުމަށް ތައްޔާރު ވެއްޖެއެވެ.

މިކަމާއި ގުޅިގެން ލ. ގަމު ހޮސްޕިޓަލް މެނޭޖަރ އަލީ ނަޝީދު "ވަގުތު" އަށް ވިދާޅުވީ، ސީޓީ މެޝިން އިންސްޓޯލް ކޮށް ނިމިފައިވާ ކަމަށާއި މިއަދު އެ މެޝިން ޓެސްޓް ކޮށްފައިވާ ކަމަށެވެ.

މެޝިން ޓެސްޓްކޮށް ނިންމައި އެ ހޮސްޕިޓަލުގެ މުވައްޒަފުންނަށް މެޝިން ބޭނުން ކުރަން ޖެހޭ ގޮތް ދަސްކޮށްދީފައިވާ ކަމަށާއި އެހެން ކަމުން އިތުރު ސްޓާފުން ގެންނަން ނުޖެހޭކަން ނަޝީދު ވަނީ ފާހަގަ ކޮށްފައެވެ.

"ބައެއް ކުދި ކުދި ޓްރެއިނިންތައް އެބަ ހުރި ސްޓާފުންނަށް ޓެކްނިކަލް ގޮތުން ދޭން ޖެހޭ." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ސީޓީ ސްކޭން މެޝިން ބަހައްޓަން ހެދި އިމާރާތަކީ ވަރަށް ބޮޑު ތަނެއް ކަމުން އެތަން ހަދާފައިވަނީ ހަމަ އެކަނި ސީޓީ ސްކޭން ހެދުމަށް ނޫން ކަމަށާއި އެތަނުން މެމޯ ގްރާމްވެސް ހެދޭނެ ކަމަށެވެ.

"ސީޓީ މި އިންނަނީ ވަކި ރޫމެއްގައި. މެމޯ ގްރާމް އިންނާނީ ވަކި ރޫމެއްގައި. ދެން މިއިންނަނީ ޗޭންޖިންގް ރޫމާއި ރިސެޕްޝަނާއި ރޭޑިއޮލޮޖިސްޓުންގެ އޮފީހާއި ޕްރިންޓް ރޫމް" ނަޝީދު ވިދާޅުވިއެވެ.

ސީޓީ ސްކޭން މެޝިން ބެހެއްޓުމުގެ މަސައްކަތް ނިމުނު ނަމަވެސް މެމޯ ގްރާމްގެ މަސައްކަތް ނުނިމޭ ކަން ފާހަގަ ކުރަމުން ނަޝީދު ވިދާޅުވީ، ރަސްމީކޮށް ސީޓީ ސްކޭންގެ މަސައްކަތް ނުފެށުނަސް ކުއްލި ހާލަތުގައި އަންނަ ފަރާތްތަކަށް ސީޓީ ސްކޭންގެ ހިދުމަތް މިއަދުން ފެށިގެން ދޭނެ ކަމަށެވެ.

"މިއާއި ގުޅުން ހުރި ކުދިކުދި ބައެއް ކަންކަން އެހެން ހުންނާތީ އަދި އެއްކޮށް ނުފެށެއޭ ދެންނެވީ. އަޅުގަނޑުމެންގެ ރޭޑިއޮލޮޖިސްޓެއް ނެތް. މިވަގުތު ހުރި ރޭޑިއޮލޮޖިސްޓް ހުރީ ކަރަންޓީނުގައި. އަނެއް ރޭޑިއޮލޮޖިސްޓް އަންނަނީ މިމަހުގެ 8 ވަނަ ދުވަހު. އޭނާ ވެސް ކަރަންޓީނު މުއްދަތު ނިންމާފައި ނިކުންނަ ފަހުން އަޅުގަނޑުމެންނަށް ރަސްމީކޮށް ފަށައިގަނެވޭނީ" ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރު

    މީވެސް ކޮންމެސް ތާކުން ދަމާނެރެފަ އިން ބާ މެޝިނަކާ ވައްތަރީ

    5
    1