އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާއެއްގައި ބައިވެރިވި ފަރާތްތަކަށް އެމްޑީޕީ ޖަގަހައިގައި ހުރެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް މާސްކް ބެހި މައްސަލާގައި އޭނާގެ މައްޗަށް ކޮށްފައިވާ ޤާނޫނު ތަންފީޛުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފިއެވެ.

މިއަދު މެންދުރުފަހު 13:00 އަށް ތާވަލުކޮށްފައިވާ މި ޝަރީއަތުގެ އަޑުއެހުން ކެންސަލް ކުރި ނަމަވެސް، ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ފޯނު ނުނަންގަވާތީ، އަޑުއެހުން ކެންސަލް ކުރި ސަބަބު ވަނީ ސާފުވާގޮތް ނުވެފައެވެ.

އަޙްމަދު މަޙްލޫފުގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ، 2018 ފެބުރުވަރީ 22 ވަނަ ދުވަހުގެ ރޭ، ބޮޑުތަކުރުފާނުމަގު އެމްޑީޕީ ހަރުގެ ކުރިމަތީގައި ކުރި މުޒާހަރާގެ ބައިވެރިން އެ ސަރަހައްދު ދޫކޮށް ދިއުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތަކުރާރުކޮށް އެންގުމުންވެސް އެ ސަރަހައްދު ދޫކޮށް ނުގޮސް، އެ ސަރަހައްދުގެ ޢާއްމު ޓްރެފިކަށް ބުރޫ އަރާގޮތަށް، އެ ސަރަހައްދުގައި ތިބި މީހުން ދުރަށް ނުގޮސް ތިބުމަށް ހިތްވަރު ދިނުމުގެ ގޮތުން "މާސްކް" ތަކެއް ބަހައި، ފުލުހުންގެ ޤާނޫނީ ވާޖިބަށް ހުރަސް އަޅާފައިވާކަމަށް ބުނެއެވެ.

މިހާރު ގޭބަންދުގައި ހުރި މަހުލޫފްގެ މައްޗަށް މާފުށީ ޖަލު ސަރަހައްދުގައި މުޒާހަރާ ކުރި މައްސަލައިގައި ނިރުބަވެރި (ޓެރަރިޒަމް) ކަމުގެ ދައުވާ އަދި މާފުށީ ޖަލުގައި މީހުން މަރުވަނީ ނޫން ކަމަށާއި މީހުން ގަސްދުގައި މަރަމުން ދަނީ ކަމަށް ބުނެ މަހުލޫފު ކުރި ޓްވީޓަކާއި ހިނގާފައިނުވާ ކަމެއް ހިނގިކަމުގެ މަޢުލޫމާތު ޤާނޫނު ތަންފީޛުކުރާ މުއައްސަސާއަކަށް ދިނުމުގެ ދައުވާވެސް ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

މި ދައުވާގެ އިބްތިދާއީ އަޑުއެހުމުގައި އަޙްމަދު މަޙްލޫފް ވިދާޅުވީ، އޭނާ ހައްޔަރުކޮށް ދައުވާ ކޮށްފައިވަނީ ސިޔާސީ ގޮތުން ކުރަމުންދިޔަ މަސައްކަތްތައް ހުއްޓުވަން ކަމަށާއި، އަސާސެއް ނެތް މި ދައުވާ މިހާރުން މިހާރަށް ބޭރު ކޮށްލަން ޖެހޭ ކަމަށެވެ.

މަޙްލޫފުގެ ޝަރީއަތުގެ އަޑުއެހުން ކެންސަލް ކުރި ނަމަވެސް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގެ ދައުވާގެ އިބްތިދާއީ އަޑުއެހުމެއް މިއަދު މެންދުރު 12:00 ގައި ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައިވެއެވެ.