ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓުތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކުރުމުން ދޭހަވެގެން ދަނީ މި ސަރުކާރުން އެމަނިކުފާނަށް ކުރަމުން އަންނަ އަނިޔާ ކަމަށް އިދިކޮޅުން ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީއެންސީ އަދި ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ މިއަދު ރައީސް ޔާމީނުގެ އެކައުންޓުތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކުރުމުން ދޭހަ ވަނީ މި ސަރުކާރުން އެމަނިކުފާނަށް ކުރަމުން އަންނަ އަނިޔާ ކަމަށާއި، އަދި މިއަދުގެ ހުކުމުން ސަރުކާރުން ޔާމީންގެ މައްޗަށް އުފުލާފައިވާ ހުރިހާ ދައުވާތަކަކީވެސް މިފަދަ ބާތިލު ދައުވާތަކެއްކަން ސާބިތުވާ ކަމަށެވެ.

އަދުރޭ ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ސަރުކާރުން އުފުލާފައިވާ ދައުވާތަކަކީ ނުހައްގުން އެމަނިކުފާނަށް އަނިޔާކުރުމަށް ސަރުކާރުން އުފުލާފައިވާ ދައުވާތަކެއް ކަމަށެވެ.

"އަޅުގަނޑުމެން ހަމަ މިހާރުން މިހާރަށް، ސަރުކާރުގެ ކަމާގުޅުންހުރި ހުރިހާ އިދާރާތަކަކަށް، އަދި ހާއްސަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވަން ބޭނުން ރައީސް ޔާމީނަށް ނުހައްގުން ތިޔަ ކުރައްވާ އަނިޔާ މިހާރުން މިހާރަށް ހުއްޓާލާ މިހާރުން މިހާރަށް މިނިވަންކޮށްދޭށޭ" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ރައީސް ޔާމީނަކީ މި ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީގެ ލީޑަރު ކަމަށާއި، އެމަނިކުފާނަކީ މިގައުމު މިހާރު ދެކެމުން އަންނަ ތަރައްގީ ގައުމަށް ހޯދައިދިން ރައްޔިތުންގެ ހިތްތަކުގެ ރަސްގެފާނު ކަމަށެވެ.

އަދުރޭ ވަނީ ރައީސް ޔާމީން ޖަލުގައި ބާއްވައިގެން ރައީސް ސާލިހް މަސައްކަތް ކުރައްވަމުން ގެންދަވަނީ މިގައުމުގެ މިނިވަންކަން ގެއްލުވާލުމަށް ކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނު މިނިވަންނުކޮށް ގެންގުޅެނީ އެކަންކަން ހުއްޓުވާފާނެތީ އެކަމުގެ ބިރަށް ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.

އަދި ރައްޔިތުން މިގައުމުގެ މިނިވަންކަން ގެއްލުވާލަން ބޭނުން ނުވާ ކަމަށާއި، ބައެއްގެ އަޅުވެތިކަމުގެ ދަށަށްވެސް މި ގައުމު ގެންދިއުމަށް ރައްޔިތުން ބޭނުން ނުވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.

"މި ހާލަތުން މި ގައުމު އަރައިގަނެވެން އޮތީ ރައީސް ޔާމީން މިނިވަން ވެގެން. އެހެންވީމަ އަޅުގަނޑުމެންނަށް ސުޕްރީމް ކޯޓުގެ ހުކުމުން ކަށަވަރުވެއްޖެ ރައީސް ޔާމީނަށް އިބްރާހިމް މުހައްމަދު ސޯލިހް އިސްވެ ހުންނަވައިގެން އަނިޔާ ކުރަމުން ދާކަން" އަދުރޭ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ރަނގަޅު އަމުރެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅިއިރު އެމަނިކުފާނު ހުންނެވީ މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރެއްވުމަށް މާފުށީ ޖަލުގައެވެ.

ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ވެސް ދެއްކުމަށް ރައީސް ޔާމީންގެ މައްޗަށް އިއްވި އެ ހުކުމް ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. ހައި ކޯޓުގައި ހިނގަމުންދާ އިސްތިއުނާފް ޝަރީއަތްތައް ވެސް މިހާރު އޮތީ ހުކުމް އިއްވުމުގެ މަރުހަލާއެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ﷲ އިރާދަކުރެއްވިއްޔާ ރައީސް ޔާމީނަން ކާމިޔާބު ލިބޭނެ ، ރީނދޫބައިގަނޑު ނިކަމެތިވެ ނެތިވެދާނެ

    10
  2. އޮޅުވާލި ވޯޓު

    ރައީސް ޔާމީނުގެ އެކައުންޓުތައް ފުރީޒުކުރުމުން ލިބުނުގެއްލު މުގެބަދަލު ހޯދުމައް ކޯޓައްދިއުމައް އިދިކޮޅު ޕީޕީއެމް ޕީއެންސީ އައްގޮވާލަން

    10
    1
  3. ޑައެލޯގް

    ތިއީ ސަރުކާރުގެ މަކަރުވެރި ރޭވުމެއް އެގޮތަށް ހުކުމްކުރުމުގެ ބޭނުމަކީ ކޯޓުތައް މިނިވަންކަން ދެއްކުމެވެ. ދެންވާނެގޮތަކީ ފްރީޒް އުވާލާ ޔާމީނުގެ އެކައުންޓުގައި ހުރިއްޔާ ހުރިފައިސާއަށްވުރެ ބޮޑުޖޫރިމަނާއެއްކޮށް ޔާމީނުގެ އެކައުންޓް އެއްކޮށް ސަރުކާރަށް ކަހާލާނީއެވެ. އޭރަށް ފްރީޒް އުވާލުމެގެ ފައިދާއެއް ޔާމީނަކަށް ނުކުރާނެއެވެ.

    4
    3
  4. އަދުރޭ

    ހޭބަލި ވީތަ. ކަލޭމެން ބުންޏަސް ވަގަށް ނެގި ޑޮލަރުތައް ހުދު ކާފޫރަކަ ނުވާނެ. ވަގަށް ނެގިފައިސާ ވަގަށް ނެގި ކަން ކޯަޓަކުން ނުބުންޏަސް އަހަރުމެނަށް އެގޭ. އެއީ އަދުރޭ މެންގެ މަިބަފ މުދަލެއް ނުން. ހަރާމް ކޯރު.