ކުށުގެ ރެކޯޑް ބަލަހައްޓާ އިދާރާގެ ގޮތުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ކަނޑައަޅައިފިއެވެ.

މިކަން ހާމަކޮށް އެޓާނީ ޖެނެރަލްގެ އޮފީހުން ވިދާޅުވީ، ކުށުގެ ރެކޯޑް ބަލަހައްޓާނެ އިދާރާއަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ކަމުގައި، އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ކަނޑައަޅުއްވާފައިވާ ކަމަށެވެ.

އޭޖީ އޮފީހުން ވިދާޅުވީ، މިއީ ރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމު ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގައި އެޅުނު މުޙިންމު ފިޔަވަޅެއް ކަމަށެވެ.

މިގޮތަށް ހަމަޖައްސާފައި މިވަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ތިންވަނަ އިސްލާހު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑް ބަލަހައްޓާނެ އިދާރާއެއް ކަނޑައަޅަން ޖެހޭ ކަމަށް ބުނެފައި ވަނިކޮށެވެ.

ކުށުގެ ރެކޯޑް ބަލަހައްޓާނެ އިދާރާ އަކަށް ޑީޖޭއޭ ކަނޑައެޅުމުން މަރުކަޒީކޮށް ކުށުގެ ރެކޯޑު ބެލެހެއްޓޭނެ ނިޒާމެއް އެ އެޑްމިނިސްޓްރޭޝަނުން ހަމަޖައްސަން ޖެހޭނެއެވެ.