ހއ. ހޯރަފުށިން ދެ އަހަރުގެ ކުއްޖަކާއި އެ ކުއްޖާގެ މަންމަ ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

ހޯރަފުށި ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓަރު ހެލްތް ސާވިސަސް އާފިގް މުހައްމަދު "ވަގުތު" އަށް ވިދާޅުވީ، އެ ރަށުން ފައްސިވެފައިވަނީ އުމުރުން 30 އަހަރުގެ އަންހެނަކާއި އޭނާގެ ދެ އަހަރުގެ ތުއްތު ފިރިހެން ކުއްޖާ ކަމަށެވެ.

އެމީހުން ފައްސިވެފައިވާ ކަން އެނގިފައިވަނީ ކަރަންޓީނު މުއްދަތު ނިންމައި ހެދު ޓެސްޓުން ކަމަށް އާފިގް ވިދާޅުވިއެވެ.

އާފިގް ވިދާޅުވީ، އެ ދެމައިން ފައްސިވެފައިވާއިރު، އެއީ މީގެ ދެ ހަފްތާއެއް ކުރިން ފައްސިވެފައިވާ ފިރިހެން ކުއްޖާގެ އާއިލާ ބައެއް ކަމަށެވެ. އަދި އެ ކުއްޖާ ފައްސިވިއިރު، އެމީހުން ދިރިއުޅެމުން އައީ އެކުގައި ކަމަށާއި ފައްސިވި ހިސާބުން ކުއްޖާ ވަކި ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން އެއާއިލާއިން ފައްސިވި ކުއްޖާ ބަލިން ރަނގަޅުވެފައިވާކަން ވެސް އާފިގް ވިދާޅުވިއެވެ.

އެ ރަށު ކައުންސިލް އިދާރާއިން ވަނީ ފައްސިވެފައި ވަނީ ހޯމް ކަރަންޓީންގައި ހުރި ފަރާތެއް ނަމަވެސް، މި ހާލަތުހައި ގެއިން ބޭރަށް ނުކުމެެ އުޅޭއިރު، އިޖްތިމާއީ ގައިދުރުކަން ބެހެއްޓުމުގައި ސަމާލުވުމަށާއި، މާސްކް އެޅުމަށް އިލްތިމާސްކޮށްފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 10،808 މީހަކު ވަނީ ފައްސިވެފައެވެ. އޭގެ ތެރެއިން 9،654 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، ފަރުވާ ދެމުން އަންނަނީ 1،113 މީހަކެވެ. އަދި މި ބަލި ޖެހިގެން ރާއްޖެއިން މަރުވެފައިވަނީ 34 މީހެކެވެ.