ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި ކަމަށް ފުރަތަމަ އެއްބަސްވެ އެކަމަކު ފަހުން އިންކާރު ކުރި އަދުހަމް މުހައްމަދަށް ދިފާއީ ވަކީލަކު ހަމަޖައްސަން މުއާމަލާތް ކުރުމުގެ ފުރުސަތުތައް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ހަމަޖައްސައި ނުދޭ ކަމަށް މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި އޭނާ ބުނެފިއެވެ.

ކްރިމިނަލް ކޯޓުގެ އެ އަޑުއެހުމުގައި އަދުހަމް އެ ގޮތަށް ބުނުމުން އޭނާ ބޭނުންވާ އާ ދިފާއީ ވަކީލަކު ދައުލަތުގެ ފަރާތުން ހަމަޖެއްސުމަށާއި ވަކީލާ މުއާމަލާތް ކުރުމަށާއި ވަކީލު ފޯމު ހުށަހެޅުމުގެ ފުރުސަތުތައް ކަރެކްޝަން އިން ހަމަޖައްސައިދިނުމަށް އަމުރު ނެރޭނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

މީގެ ކުރިން ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި އަދުހަމް ބުނެފައިވަނީ ދައުލަތުގެ ފަރާތުން އޭނާއަށް ހަމަޖައްސާފައިވާ ދިފާއީ ވަކީލް ރުކްޝާނާ އިބްރާހިމް އޭނާއާ މުއާމަލާތްކޮށް މައްސަލައިގެ ކަންކަން ހިއްސާ ކުރަމުން ނުދާ ކަމަށެވެ. އެހެންކަމުން އަމިއްލަ ވަކީލަކު ހަމަޖައްސަން ފުރުސަތު ދިނުމަށް އޭނާ އެދުނެވެ.

އަދުހަމަށް މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ރަޝީދު ދިން ފަސް ދުވަހުގެ މުއްދަތު ހަމަވެ މިއަދު އަޑުއެހުމެއް ތާވަލުކުރިއިރު އަދުހަމް އޮންލައިންކޮށް ކުރިއަށް ދިޔަ އެ އަޑުއެހުމުގައި ބައިވެރިވީ ވަކީލަކާ ނުލައެވެ. ކުރިން ދައުލަތުން ހަމަޖެއްސި ވަކީލް ރުކްޝާނާ އަޑުއެހުމުގައި ބައިވެރިވިއެވެ.

ވަކީލަކު ހަމަޖައްސަން ދިން ފުރުސަތުގައި ވަކީލަކު ހަމަޖެހިފައި ނުވޭތޯ ގާޒީ ސުވާލު ކުރެއްވުމުން، އަދުހަމް ބުނީ އޭނާ "ކޮތަރުކޮށްޓެއް" ފަދަ ޖަލު ގޮޅިއެއްގައި ބަންދު ކޮށްފައި އޮންނައިރު، ކަރެކްޝަން އިން ފޯން ކޯލްގެ ފުރުސަތުތައް ނުދޭތީ ވަކީލަކު ހޯދަން މުއާމަލާތް ކުރަން ފުރުސަތު ނުލިބޭ ކަމަށެވެ.

އަދުހަމް އެހެން ބުނުމުން ވަކީލަކު ހަމަޖައްސަން އިތުރު ފުރުސަތެއް ބޭނުންވޭތޯ ގާޒީ ސުވާލު ކުރެއްވުމުން އަދުހަމް ބުނީ މިހާރު ކަންކަން ކުރިމަތިވާ ގޮތުން ވަކީލަކު ހަމަޖެއްސިދާނެ ކަމަށް ގަބޫލު ނުކުރެވޭޭ ކަމަށެވެ. އެހެންކަމުން ވަކީލަކާ ނުލައި އަމިއްލައަށް ދިފާއުވާން ބޭނުންވާ ކަމަށް އަދުހަމް ބުންޏެވެ.

ދައުލަތަށް ދިން ފުރުސަތުގައި ދައުލަތުގެ ވަކީލުން ވިދާޅުވީ، ދައުލަތުގެ ފަރާތުން އެހެން ވަކީލަކު ވެސް އަދުހަމްއަށް ހަމަޖެއްސިދާނެ ކަމަށެވެ. ދައުލަތުން ބޭނުންވަނީ ވަކީލަކު ހަމަޖެހި އަވަހަށް އަޑުއެހުންތައް ފެށުމަށް ކަމަށް ވިދާޅުވިއެވެ.

ދައުލަތުން އެ ކަން ފާހަގަކުރުމުން އަދުހަމް ބުނީ ދައުލަތުން އާ ވަކީލަކު ހަމަޖެއްސި ނަމަވެސް އެ ވަކީލު ވެސް އޭނާއާ މުއާމަލާތް ކުރަން މަސައްކަތް ކުރާނެ ކަމަކަށް ނުބެލެވޭ ކަމަށެވެ. އަދި ކަރެކްޝަން އިން ވެސް އެ ފުރުސަތުތައް ހަމަޖައްސާނެ ކަމަށް ނުދެކޭ ކަމަށް ބުންޏެވެ.

ދައުލަތުގެ ފަރާތުން އާ ވަކީލަކު ހަމަޖެއްސުމަށާއި ވަކީލު މުއާމަލާތް ކުރުމަށް ދައުލަތަށް ޝަރީއަތުން އެންގޭނެ ކަމާއި ވަކީލާ މުއާމަލާތް ކުރުމުގެ ފުރުސަތާއި ވަކީލް ފޯމު ހުށަހެޅުމުގެ އިންތިޒާމުތައް ހަމަޖައްސަން އަމުރު ނެރެވިދާނެ ކަން ގާޒީ ފާހަގަކުރެއްވިއެވެ.

ގާޒީ އެ ކަން ފާހަގަ ކުރެއްވުމުން އަދުހަމް ބުނީ އެ ގޮތަށް ފުރުސަތުތައް ލިބޭނަމަ ވަކީލަކާ އެކު ކުރިއަށް ދާން ބޭނުންވާ ކަމަށެވެ.

މިއަދުގެ އަޑުއެހުން ގާޒީ ނިންމާލެއްވީ އެ އަމުރުތައް ނެރެދެއްވާނެ ކަމަށް ވިދާާޅުވަމުންނެވެ. މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނެ ދުވަހެއް މިއަދު އިއުލާނެއް ނުކުރެއެވެ.

ޝަރީއަތުގައި އެންމެ ފުރަތަމަ އަދުހަމް ކުށަށް އިއުތިރާފްވިއެވެ. ދައުލަތާއެކު ކުށުގެ އިއުތިރާފް އެއްްބަސްވުމެއް ގާއިމް ކުރަން ވެސް ނިންމި ކަމަށް ބުންޏެވެ. އެކަމަކު ފަހުން ދައުވާއަށް އިންކާާރު ކުރިއެވެ.

ކުރިން ދައުވާއަށް އިއުތިރާފްވީ މަސްތުގެ ހާލަތުގައި ހުރެގެން ކަމަށް އަދުހަމް ބުންޏެވެ. ފުލުހުން އޭޭނާ ޝަރީއަތަށް ގެންނަނީ މަސްތުކޮށްގެން ކަމަށް ބުންޏެވެ. މި ކަން ފުލުހުންނާއި ކަރެކްޝަން ދޮގުކުރެއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ ގާސިމް މަރާލީ ޓެކްސީ ދަތުރެެއްކޮށްދެނިކޮށް ހުޅުމާލޭގައި އޭނާއަށް ދިން ޙަމަލާއެއްގައެވެ. މި މައްސަލާގައި އަދުހަމު ހައްޔަރުކޮށްފައިވަނީ، އޭގެ 15 ދުވަސް ފަހުން، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރު

  އަދިވެސް ތެޅޭ ވައްތަރު. މިކަހަލަ މީހުނާހެދި ގައުމު ހަލާކުވަނީ. މީނަ މަސްތުވެގެން ކުރި ކަމެއް ވިޔަސް ނުވިޔަސް އެ ބޭބެ އެއޮތީ މަރުވެފަ. މީނަ މުޖްތަމައުއަށް ދޫކޮށް ނުލައިފިއްޔާ ރަނގަޅު..

  20
 2. ބަކަރި

  ވަކީލެއްވެސް ނޫން ކަމެއަށް ދޭންވީކީ. ޖަހާ ނުލަފާ ސިފަ ބަލާބަލަ

  14
 3. ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރު

  އޭނަ މަސްތުވެފަ ހުރިކަމަށް އިއުތިރާފުވެފަ އެއޮތީ. އެއަށް ވެސް އަދަބު ދޭންޖެހޭނެ

  14
 4. ޕަނީނޯ

  ވަކީލެއްވެސް ނޫން ހަމަ ޖައްސަންވީކީ. ލަދެއް ހަޔާތެއް ނުހުރޭ . ހައްގުން ކަމަކާ ނުލާ މީހަކު ކޮށާލާފަ އަދިވެސް މޮޅެތި ވާހަކަ ދައްކައެއްނު

  13
 5. ހިންނަވަރީ

  މިކަލޭގެ މީ ހިންނަނަވަރު މީހެކޭ ބުނާތީ އިވޭ. ދެންބުނަންވި އެތި ނުބުނާނަށް.

 6. ވެރިން

  ކަލޭކޮތަރު ކޮއްޓެއްގައޭ ތިމައްނަ އޮއްނަނީ ބުނާ އިރު ލަދުހަޔާއްކޮބާ ކަލެޔާ ހުރެ ދަރިންތަކެއް ޔަތީމުވެ އަންހެނަކު އެކަނި އެދަރިން ކޮޅު ބަލަން ޖެހިފަ އޮތީ.