މިއަންނައަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ހަފްތާގައި އެވިޑް ކޮލެޖުން ފެށުމަށް ހަމަޖައްސާފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު މިއަދު ހުޅުވާލައްވައިފިއެވެ. ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލީ ފޭސްބުކް ލައިވް މެދުވެރިކޮށް މިއަދު މެންދުރުފަހު ބޭއްވި ވާރޗުއަލް އޯޕަންޑޭގެ ޙަރަކާތް ފަށްޓަވައި ދެއްވާ ޗެއަރަމަން އަބްދުﷲ މުސްތާޤް ރަޝާދު އެވެ.

އެވިޑް ކޮލެޖުން މަޢުލޫމާތު ދެއްވިގޮތުގައި ތަފާތު ގިނަ ދާއިރާތަކަކުން ހަތްދިހައަށް ވުރެ ގިނަ ކޯސް ޖެނުއަރީ މަހު އެވިޑް ކޮލެޖުގައި ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވެއެވެ. ކޯސްތައް ހިންގާ ދާއިރާތަކުގެ ތެރޭގައި ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމެންޓް، ހިއުމަން ރިސޯރސް މެނޭޖްމެންޓް، އެކައުންޓިންގ އެންޑް ފައިނޭންސް، އިންފޮރމޭޝަން ޓެކްނޮލޮޖީ، އޮފީސް މެނޭޖްމެންޓް، އެޑިޔުކޭޝަނަލް ލީޑަރޝިޕް، ޓީޗިންގ ސެކަންޑްރީ، ޓީޗިންގ ޕްރައިމަރީ، އާރލީޗައިލްޑްހުޑް އެޑިޔުކޭޝަން، ޝަރީއާ އެންޑް ލޯ، ޤުރުއާން ޓީޗިންގ، ސައިކޮލޮޖީއާއި ކައުންސެލިންގ އަދި އިންކްލޫސިވް އެންޑް ސްޕެޝަލް އެޑިޔުކޭޝަން ހިމެނެއެވެ.

މީގެ ގިނަ ދާއިރާތަކުން ސެޓްފިކެޓް ލެވެލް، ޑިޕްލޮމާ ލެވެލް، އެސޯސިއޭޓް ޑިގްރީ ލެވެލް، ބެޗްލަރސް ޑިގްރީ ލެވެލް އަދި މާސްޓަރސް ލެވެލްގެ ކޯސްތައް އެވިޑް ކޮލެޖްގައި ހިންގަމުންގެންދެއެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން މިއަންނަ އަހަރުގެ ޖެނުއަރީމަހުގެ ސެމިސްޓަރއަށްވެސް އެވިޑް ކޮލެޖުން ސްކޮލަރޝިޕްގެ ފުރުޞަތުތައް ވަނީ ހުޅުވާލައްވާފައެވެ. އެވިޑްކޮލެޖްގެ ޗެއަރަމަންގެ ލޮބިވެތި ބައްޕާފުޅުގެ ނަންފުޅަށް ޚާއްޞަކުރައްވައިގެން "ނައިބްރަޝާދު ސްކޮލަރޝިޕް" ފުރުޞަތުގެ ގޮތުގައި މިފަހަރުވެސް 30 ފުރުޞަތު ހުޅުވާލެއްވި ކަމަށް އެވިޑް ކޮލެޖުން މަޢުލޫމާތު ދެއްވިއެވެ.

އެއީ އެވިޑް ކޮލެޖް ތިނަދޫ ކެމްޕަހަށް ޚާއްޞަކުރައްވައިގެން މާސްޓަރސް ފެންވަރުގެ 2 ފުރުޞަތު، ޑިޕްލޮމާ ފެންވަރުގެ 3 ފުރުޞަތު އަދި ފައުންޑޭޝަން ލެވެލްގެ ކޯސްތަކަށް 15 ފުރުޞަތާއި އަދި މާލޭގައި ހުންނަ އެވިޑް ކޮލެޖްގެ ޑައިމަންޑް ކެމްޕަހަށް ޚާއްޞަކޮށްގެން މާސްޓަރސް ލެވެލްގެ 2 ފުރުޞަތު، ޑިޕްލޮމާ ލެވެލްގެ 3 ފުރުޞަތު އަދި ފައުންޑޭޝަން ލެވެލްގެ ކޯސްތަކަށް 5 ފުރުޞަތެވެ.

ކޯސްތަކާބެހޭ މަޢުލޫމާތާއި ސްކޮލަރޝިޕްތަކާއިބެހޭ މަޢުލޫމާތު ސާފުކުރެއްވުމަށް އެވިޑް ކޮލެޖް ތިނަދޫ ކެމްޕަހުން ގުޅުއްވާނީ 6846768 ނަންބަރަށެވެ. މާލޭގައި ހިންގާ ޑައިމަންޑް ކެމްޕަހުން 3006768 ނަންބަރަށެވެ.

އެވިޑް ކޮލެޖަކީ ދިވެހިރާއްޖޭގައި ހިންގާ އެންމެ ބޮޑު އަމިއްލަ އެއްކޮލެޖެވެ. އެކޮލެޖުގައި އަބަދުވެސް ކޯސްތައް ހިންގަނީ އާންމު ރައްޔިތުންނަށް އަތްފޯރާފަދަ އަގެއްގައި ދަރިވަރުންނަށް ފަސޭހައިން ފައިސާ ދެއްކޭގޮތަށް ބައްޓަންކޮށްގެން ކަމަށް އެވިޑް ކޮލެޖުން ވިދާޅުވެއެވެ. މިހާރުވެސް އެވިޑް ކޮލެޖްގައި އެކިއެކި ކޯސްތަކުގައި ދެހާހަށްވުރެ ގިނަ ދަރިވަރުން މަތީ ތަޢުލީމު ހާޞިލްކުރަމުންގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަބްދުލްމުހައިމިން ޙުސައިން

    މުސްތާޤު ތިކުރައްވާ ބުރަ މަސައްކަތުގައި ކީރިތިﷲ ބަރަކާތް ލައްވައި، މުސްތާޤު އަށް ދުޅަހެޔޮ ދުވަސްތައް މިންވަރު ކުރައްވާށި!

    • ދަރިވަރެއް

      އާމީން