ދީބާޖާ އިންވެސްޓްމަންޓްއަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ސުޕްރީމް ކޯޓުން މީގެ ކުރިން ކޮށްފައިވާ ހުކުމަކީ ނިހާއީ ހުކުމެއް ކަމަށާއި އެ ހުކުމް ރިވިއުކޮށް ބާތިލް ނުކުރެވޭނެ ކަމަށް ދީބާޖާ ކުންފުނީގެ ވަކީލުން މިއަދު ސުޕްރީމް ކޯޓުގައި ވިދާޅުވެއްޖެއެވެ.

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް އެމްޑީޕީގެ ވެރިކަމުގައި 2011 ވަނަ އަހަރު ދީބާޖާއާ އެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު ސަރުކާރުން ބާތިލްކުރި މައްސަލާގައި ދީބާޖާއަށް 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމް މި އަހަރު ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓައިފައެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ ސުޕްރީމް ކޯޓުގެ ކުރީގެ ހުކުމް ބާތިލް ކޮށްދޭން އެދިފައެވެ. ސަބަބެއްގެ ގޮތުގައި ދައުލަތުން ފާހަގަ ކުރާ ނުކުތާތަކަކީ ސުޕްރީމް ކޯޓުން ކުރިން ކުރި ހުކުމަކީ ގާނޫނު އުސޫލުތަކުގެ ތެރެއިން އަމަލުކޮށްގެން ނެރެފައިވާ ހުކުމަކަށް ނުވުމާއި ބަދަލުގެ ގޮތުގައި ދޭން ކަނޑައެޅި އަދަދު ގެނެފައިވާ ގޮތް ކަށަވަރު ވާނެ ލިޔެކިއުމެއް ނެތުމެވެ.

ދީބާޖާއަށް ދިން ފުރުސަތުގައި ވަކީލް މުހައްމަދު ހަލީމް ވިދާޅުވީ މި މައްސަލައަކީ ތިން މަރުހަލާގައި ނިމި ސުޕްރީމް ކޯޓުގައި ނިހާއީ ހުކުމެއް އިއްވައި ނިމިފައިވާ މައްސަލައެއް ކަމަށެވެ. އެހެންކަމުން މި މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަނެވޭނެ ކަމަށް ވެސް ގަބޫލު ނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

މައްސަލަ ރިވިއު ކުރަމުން ދައުލަތުގެ ފަރާތުން އެ މައްސަލަ ރިވިއު ކުރުމަށް ސުޕްރީމް ކޯޓަށް އޮންނަ އިހްތިސާސްއެއް ފާހަގަނުކޮށްދެވޭ ކަމަށާއި ސުޕްރީމް ކޯޓަށް ވެސް ލިބިފައި އޮންނަނީ ގާނޫނުއަސާސީ އިން ވަކި އިންތަކެއް ކަމަށާއި ހަމަ ކޮންމެ ހުކުމެއް ބޭނުންވާ ކޮންމެ ހާލަތެއްގައި ރިވިއު ނުކުރެވޭނެ ކަމަށް ހަލީމް ވިދާޅުވިއެވެ.

ދީބާޖާގެ ވަކީލް މުހައްމަދު ފައިސަލް ވިދާޅުވީ ސުޕްރީމް ކޯޓުގެ ކުރީގެ ހުކުމަކީ ދައުލަތުން މީގެ ކުރިން ބަލައިގެންފައިވާ ހުކުމެއް ކަމަށެވެ. މި ގޮތުން ކޯޓުން ބޭރުން މައްސަލަ ހައްލު ކުރަން މަސައްކަތް ކުރާ ކަން ޝަރީއަތުގައި ވެސް ދައުލަތުން ވިދާޅުވިއިރު ބަންޑާރަ ނައިބުގެ އޮފީހުން ސެޓަލްމަންޓް އެގްރިމަންޓްގެ ދެލިކޮޕީއެއް ވެސް ތައްޔާރުކުރި ކަން ފާހަގަކުރެއްވިއެވެ.

ފައިސަލް އިޝާރާތް ކުރެއްވި ކަމަކީ، ރައީސް އޮފީހުގައި އޮންނަ ސެޓަލްމަންޓް ކޮމިޓީ އިން ދީބާޖާއާ މަޝްވަރާކޮށް 174 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދިނުމަށް ދެ ފަރާތުން އެއްބަސްވުމުން އެ ގޮތަށް ބަދަލު ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ނިންމުމަށެވެ. އެކަމަކު ރައީސްގެ އެ ނިންމެވުން ފަހުން ބަދަލުކޮށް މައްސަލަ ރިވިއު ކުރަން ހުށަހަޅަން އެންގެވިއެވެ.

ދެ ފަރާތުގެ ނުކުތާތައް ފާހަގަކުރާން ފުރުސަތު ދިނުމަށް ފަހު މިއަދުގެ އަޑުއެހުން ނިންމާލިއެވެ. މައްސަލަ ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު އައިޝަތު ޝުޖޫންއެވެ. ދެން ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްއެވެ.

ދީބާޖާއަށް ބަދަލުގެ ގޮތުގައި 348 މިލިއަން ދައްކަން ސިވިލް ކޯޓުން ކުރިން ކުރި ހުކުމް ހައި ކޯޓުން މިދިޔަ އަހަރު ބާތިލްކުރިއެވެ.

ނަމަވެސް ހައި ކޯޓުން އެ މައްސަލަ ބަލައިގެންފައި އޮތީ އިސްތިއުނާފް މުއްދަތު ހަމަވިފަހުން ކަމަށްވާތީ ސުޕްރީމް ކޯޓުން ވަނީ ހައި ކޯޓުގެ އެ ހުކުމް ބާތިލްކޮށް، ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓައިފައެވެ.

ދީބާޖާއަށް ބޮޑު އަދަދެއް ބަދަލުގެ ގޮތުގައި ދޭން ހުކުމް ކުރުމާ ގުޅިގެން ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރުމަށް ލަފާ ދިނުމަށް ރައީސް އޮފީހުގައި އުފައްދާފައި އޮންނަ ސެޓްލްމަންޓް ކޮމިޓީން ވަނީ ދީބާޖާއާ އެކު މަޝްވަރާކޮށް 174 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދިނުމަށް އެއްބަސްވެފައެވެ.

އެ ކޮމިޓީ އިން އެ ގޮތަށް ލަފާ ދިނުމުން ރައީސް ސޯލިހް އެ ލަފައާ އެ ގޮތަށް ދީބާޖާއަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދިނުމަށް ނިންމެވިއެވެ. އެކަމަކު ފަހުން އެ ނިންމުން ބަދަލުކުރައްވައި އެ މައްސަލަ ރިވިއު ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން ބަންޑާރަ ނައިބަށް އެމަނިކުފާނު އެންގެވީ މިދިޔަ ޖެނުއަރީ މަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ފާތުމަ.

    ކަލޯ ގަޔާ.ސޫޕުރީމް ކޯޓުން ކުރި ކިތައް ހުކުމް އެމްޑީޕީން އައިސް ބަދަލުކުރީ.

    8
    1
  2. ތުއިތުއި

    ޖާބިރު ބުނީ ކަނޑުއަޑީގައި މިކުދިން ދިރިއުޅެން ވަރަށް ފެންވަރުގެ ކެސިނޯއެއް ހަދައިދޯފާނަމޯ އެތަނަން ދާހިތްވޭހޯ

  3. އަހްމަދު

    ބަދަލުދޭންޖެހޭބާ އުތުރުޕްރޮވިންސް ފެރީހިދްމަތް 2011 އިން 2013 އާހަމައައް ދެވުނުތޯ ނުދެވޭނަމަ ބަދަލުދޭންޖެހޭތޯ؟

    11
    • ހުސޭނުބޭ

      މަވެސް އުތުރު ޕޮރޮވިންސްގައި ފެރީގެ ޚިދުލަތްދޭން ޕްރޮޕޯޒަލް ހެދިން. އެ ހުށަނޭޅިޔަސް! ވީމާ މަށަށްވެސް ހަމަ ތި އުސޫލުން ބަދަލުދޭންޖެހޭނެދޯ!

  4. ބޯހަލާކު

    މިހާރު މުރުތައްދުވާމީހުންގެ ކޮމެންޓެއް ފޮނުވިޔަސް ޖަހާލަންނުކެރެޔޭ...ވަގުތު ވަރަށް ބަދަލުވެއްޖެ މިހާރު.....!!!!!!؟؟؟