އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅި ތަހުގީގު ކުރަން ފެށުމަށް ފަހުގައި އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ތަހުގީގު ނިންމައި ދައުވާ ކުރަން ފޮނުވި މައްސަލައަކަށް ކޮވިޑް-19 ގެ ބަލިމަޑުކަމަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމަށް ހިންގި ކޮރަޕްޝަންގެ މައްސަލަ ވާނެ ކަމަށް އެ ކޮމިޝަނުން މިއަދު ވިދާޅުވެެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ އެ މައްސަލަ އަކީ އެ ކޮމިޝަނުން އަމިއްލައަށް އިސްނަގައިގެން މި އަހަރުގެ އޭޕްރީލް މަހު ބަލަން ފެށި މައްސަލައެއް ކަމަށެވެ. ގާތްގަނޑަކަށް ހަ މަސް ދުވަހުން ތަހުގީގު ފުރިހަމަ ކުރެވިފައިވާ ކަން ޝިއުނާ ފާހަގަކުރެއްވިއެވެ.

"ގާތްގަނޑަކަށް ހަ މަސް ތެރޭ މި ނިންމާލީ، އަޅުގަނޑުމެން ޓާގެޓް ވެސް ކުރި ގޮތަށް، މައްސަލައިގެ ބާވަތަށް ބަލާފައި މިއީ އެންމެ އަވަހަށް ނިންމާލެވުނު މައްސަލައަކަށް ވާނެ،" ޝިއުނާ ވިދާޅުވިއެވެ.

ޝިއުނާ ވިދާޅުވި ގޮތުގައި އެ މައްސަލަ ތަހުގީގު ކުރުމަށް ހެލްތު މިނިސްޓްރީގެ އިތުރުން ދައުލަތުގެ އެކި ވުޒާރާތަކުން 34 މީހުންގެ ބަޔާން ނަގާފައިވެއެވެ. އަދި މައްސަލާގައި ފާހަގަކުރެވޭ ބޭންކް ޓްރާންސެކްޝަންތަކުގެ ސްޓޭޓްމަންޓްތައް ވެސް ދިރާސާކޮށްފައިވާ ކަން ޝިއުނާ ފާހަގަ ކުރެއްވިއެވެ.

މައްސަލަ ތަހުގީގުކޮށް ނިންމުމަށް ފަހު 11 މީހަކަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވެއެވެ. އޭގެ ތެރޭގައި ހެލްތު މިނިސްޓަރ އަބްދުﷲ އަމީންއާއި ބިޑް ކޮމިޓީގެ މެންބަރުން ތިއްބަވައެވެ. ބިޑް ކޮމިޓީގައި މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ނިޝާމާ މުހައްމަދު އާއި، ޑެޕިއުޓީ މިނިސްޓަރ ޝިޔާމާ މުހައްމަދު ހިމެނެއެވެ.

ވެންޓިލޭޓަރު ހޯދުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާ ކަމުގެ ތުހުމަތު ކުރެވޭ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ.ޝާހު އަބްދުﷲ މާހިރުގެ މައްޗަށް ދައުވާ ކުރަން ނުފޮނުވަން އޭސީސީއިން ނިންމާފައިވެއެވެ.

މީގެ އިތުރުން ހެލްތު މިނިސްޓްރީގެ ލީގަލް އޮފިސަރު އަލީ ޝިހާމް އާއި ހެލްތު މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރު އަބްދުﷲ ހަފީޒްގެ މައްޗަށާއި ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރު ހުސެއިން ނިޔާޒްގެ ހެލްތުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޢަބްދުﷲ ޝަރީފްގެ މައްޗަށް ދައުވާ ކުރަން އޭސީސީ އިން ފޮނުވިއެވެ.

މި މައްސަލަތަކުގައި ދައުވާ ކުރުމާ މެދު ޕްރޮސެކިއުޓާ ޖެނެރަލް އިން ވަކި ގޮތެއް އަދި ނުނިންމަވައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    އާނ...... ވަރަށް އަވަސް!........ ވެންޓިލޭޓަރު ވައްކަންކުރީ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް!........... އެ ނިމުނީ! އަންމަކަޅޭ އާ ޕައްލަންބެޔާ ޔަހުޔާ ތި އެސީސީގައި ތިބިޔަސް މިހެން މައްސަލަ ނންމަން 24 ގަޑިއިރު ނުނަގާނެ!

  2. ރާއްޖެ

    ކަލޭމެން ފޮނުވަން އަލުން ސްކޫލަށް

  3. މުބީނު

    ޝާހް މާހިރު އަށް ދައުވާ ނުކުރެވޭންވީ ގޮތެއް ބުނެބަލަ. އޭނަ އެބުނަނީ އަމީނު އަށް އެންގީމޭ ކޮރަޕޕްޝަން އެބަ ހިންގައޭ. އަމީނު އަޅައެއް ނުލިއޭ. ކީއްވެ ރައީސް އަރިހުގައި ނުބުނީ ؟ މިއީ އިނގިހުރެ ސިއްރު ކުރުމެއް ނޫން ތަ ؟ ކުޑަކުއްޖަކަށް ވެސް މިވަރު ވިސްނޭނެ.