އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅޭ މައްސަލަތައް ތަހުގީގު ކުރުމުގައި ތަރުތީބު ކުރެވޭނެ އުސޫލެއް އެކުލަވާލުމުގެ މަސައްކަތެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޓީގެ ގިނަ މެންބަރުންގެ ކަންބޮޑުވުމަށް އޮތީ ކުރީގެ ސަރުކާރުގެ ގިނަ މައްސަލަތަކެއްގެ ތަހުގީގު ފުރިހަމަނުވެ ލަސްވަމުން ދިއުމެވެ. އެ މައްސަލަތައް ތަހުގީގު ލަސްވާތީ މެންބަރުން ވަނީ ހޫނު ސުވާލުތަކެއް ވެސް އޭސީސީއަށް އަމާޒު ކުރައްވައިފައެވެ.

މި ގޮތަށް އަމާޒު ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން އޭސީސީގެ ރައީސް ޝިއުނާ ވިދާޅުވީ، ވަކި މައްސަލަތަކެއް އިސްކަން ދިނުމުގައި ހާއްސަ ތަރުތީބެއް ނޯންނަ ކަމަށާއި ކޮންމެ މައްސަލައެއްގެ ތަހުގީގު ފުރިހަމަވެ ދައުވާ ކުރެވޭނެ ޖާގަ އޮތް ކަމަށް ކޮމިޝަނަށް ގަބޫލު ކުރެވުމުން ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްއަށް ފޮނުވާ ކަމަށެވެ.

އެހެން ނަމަވެސް ބައެއް މައްސަލަތަކަކީ ވަރަށް ބޮޑަށް އިސްކަން ދޭން ޖެހޭ މައްސަލަތަކެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް ޝިއުނާ ވިދާޅުވިއެވެ. މި ގޮތުން ބައެއް މައްސަލަތަކަކީ ވަރަށް ބޮޑު އަދަދަކަށް ދައުލަތުގެ ފައިސާއިން ހިޔާނާތްތެރިވެފައިވާ މައްސަލަތައް ކަން އޭނާ ފާހަގަކުރެއްވިއެވެ.

"މައްސަލަތައް ޕްރަޔޮރަޓައިޒް ކުރާއިރު އަޅުގަނޑުމެން ބަލާ ކަންތައްތަކެއް ހުންނަން ވެސް އެބަ ޖެހޭ، އޭގެ ޕޮލިސީއެއް ވެސް އަޅިގަނޑުމެން އެބަ ކަނޑައަޅަން ޖެހޭ، މިހާރު ވެސް އޭގެ ޑްރާފްޓްއެއް އޮންނާނެ، މުޅި ކޮމިޝަން ރިފޯމް ކޮށްގެން މަސައްކަތްތަކެއް ނިންމެން އޮތީ،" ޝިއުނާ ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ލަސްވާތީ މެންބަރުން ސުވާލު ކުރެވުމުން ޖަވާބުގައި ޝިއުނާ ވިދާޅުވީ އެ މައްސަލައަކީ ވަކިވަކި ގިނަ މައްސަލަތަކެއް ހިމެނޭ ބޮޑު މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަނީ އޭސީސީގެ އިތުރަށް ފުލުހުންނާއި ޕީޖީއާއި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ރިޔާސީ ކޮމިޝަން ގުޅިގެން ކަމަށެވެ.

އެހެންވެ، އެމްއެމްޕީއާރުސީގެ މުޅި މައްސަލަ ނިމެނޭ ތާރީހެއް ދެއްވަން ދަތިފުޅު ކަމަށް ވެސް ޝިއުނާ ވިދާޅުވިއެވެ.

އޭސީސީގެ މެންބަރުން މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ފާހަގަކުރެއްވި ގޮތުގައި އެ ކޮމިޝަންގައި މިހާރު ތިއްބެވި މެންބަރުން މަގާމާ ހަވާޅުވެވަޑައިގަތްއިރު ވެސް އެ ކޮމިޝަންގައި ތަހުގީގު ކުރަން ފަށައި ނުނިމި އޮތް 500 އަށް ވުރެ ގިނަ މައްސަލަ އެބަ އޮތެވެ. އޭގެ ތެރޭގައި 2010 އިން ފެށިގެން ހުށަހެޅިފައިވާ މައްސަަތައް ހިމެނޭ ކަމަށް އޭސީސީގެ މެންބަރުން ވިދާޅުވިއެވެ.