ސިނިމާލެ ބްރިޖާއި ހަލިމަގާއި ގުޅޭ ހިސާބުގައި ހުރި ޓްރެފިކް ލައިޓެއް ވެއްޓިއްޖެއެވެ.

ފުލުހުން ވިދާޅުވީ ބްރިޖާއި ހަލިމަގާއި ގުޅޭ ސަރަހައްދުގައި ހުރި ޓްރެފިކް ލައިޓެއް ވެއްޓި ފުލުހުން އެ ސަރަހައްދުގައި ޓްރެފިކް ބަލަހައްޓަމުން އަންނަ ކަމަށާއި، މި ލައިޓު ވެއްޓުނީ ރޭ ކުރި ގަދަ ވިއްސާރައިގައި ކަަމަށެވެ.

ފުލުހުން ވިދާޅުވީ ލައިޓު ވެއްޓުމުގެ ސަބަބުން ހައުސިން މިނިސްޓްރީން އެ ލައިޓު މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މޫސުން ގޯސްވެ މެޓް އޮފީހުން ވަނީ ރާއްޖޭގެ ބައެއް ސަރަހައްދަށް ރީނދޫ ސަމާލު ވެސް ނެރެފައެވެ.

ހުޅަނގުދެކުނާއި ހުޅަނގުން އުތުރާއި މެދުރާއްޖެ ތެރޭގެ ސަރަހައްދުގައި 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި، އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ ކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ހާމަކުރެއެވެ. ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކުރެވެނީ ހަތަރު ފޫޓާއި ހަތް ފޫޓުގައި ކަމަށް މޫސުމާ ބެހޭ އިދާރާ އިން ލަފާކުރެއެވެ.