ރާއްޖޭގައި، ތެލަސީމިއާ އެތައް ކުދިންނެއް ފުރާވަރުގައި މަރުވަމުންދާ ކަން ފާހަގަކުރެވޭ ކަމަށާއި މި މައްސަލައަށް ހައްލެއް ހޯދަން ޖެހިފައިވާ ކަމަށް ތެލަސީމިއާ ސޮސައިޓީގެ ޗެއާޕާސަން ޖީހާން ސަލީމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއާއި ތެލަސީމިއާ ސޮސައިޓީއާ ގުޅިގެން ކުރިއަށް ގެންދާ މަސައްކަތު ބައްދަލުވުން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖީހާން ވިދާޅުވީ، ތެލަސީމިއާ ކުދިންނަށް ދިމާވާ އެކި ކަންކަމުންނާއި ފަރުވާ ނުލިބި ފުރާވަރުގައި ދުނިޔެ ދޫކުރަމުން ދިއުން ހައްލަކަށް ގެނެވޭނެ ވަސީލަތްތައް ރާއްޖޭގައި އެބަ ހުރި ކަމަށެވެ.

ތެލަސީމިއާ ކުދިންނަށް ދުޅަހެޔޮ ސިއްހަތެއް ލިބޭނެ މާހައުލެއް ގާއިމު ކުރުމަށް، ކަމާ ގުޅޭ އިދާރާތަކާއި މަޝްވަރާކޮށް ރާއްޖޭގައި ތެލަސީމިއާގެ ހިދުމަތް ދެވޭ ހާލަތު އަލުން ދިރާސާކުރަން ޖެހިފައިވާ ކަމަށް މި ހުރިހާ ފަރާތަކަށް އެއްބަސްވެވިފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން އައިސް މިތިބީ އެ އުއްމީދުގައި، އުއްމީދު ކުރަަން މިއީ ފެށުމެއް ކަމަށް، ނަތީޖާ ނެރެވޭނެ ކަމަށް،" ޖީހާން ވިދާޅުވިއެވެ.

މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ތެލަސީމިއާ ކުދިން އުޅޭ އާއިލާތަކަށް އުއްމީދެއް ގެނެސްދިނުމަށް މަޖިލީހުން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފައެވެ. އަދި ތެލަސީމިއާ ސޮސައިޓީގެ އިޖުތިމާއީ ހިދުމަތްތަކަށް ރައީސް ނަޝީދު ޝުކުރު އަދާ ކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީގެ މުގައްރިރު، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ވިދާޅުވީ މި މަސައްކަތު ބައްދަލުވުމުގެ ތެރެއިން ކުރެވޭ ދިރާސާގެ އަލީގައި ފަރުވާއަށް ހޯދަން ޖެހޭ ވަސީލަތްތައް އިތުރު ކުރުމާއި ފަންނީ މުވައްޒަފުން ތެލަސީމިއާ ސޮސައިޓީއަށާއި ސިއްހީ އިދާރާތަކަށް ހޯދުމާއި އެ ނިޒާމު ފުރިަހމަ ކުރަން ބޭނުންވާ ގާނޫނީ އޮނިގަނޑާ ގުޅޭ ގޮތުން މަޝްވަރާ ކުރެވޭނެ ކަމަށެވެ. އީސަ ވެސް ތެލަސީމިއާ ސޮސައިޓީއަށް ޝުކުރު އަދާ ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނީތާ

    ހައްލަކީ ގަސްތުގައި 02 ކެރިއަރުން ކައިވެނި ކޮށްފިނަމަ، ހުކުމެއް އިއްވުން.

  2. ތަކުރު

    ތެލެސީމިއާ ބަލީގެ ހުރިހާ ކުދިން ނައް ފަސޭހައިން ބޯންމެރޯ ހެދޭނެ ގޮތެއް ހޯދައިދެއްވާ،