ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ރޭޕްގެ ޝިކާރަކަށްވި ކުޑަކުއްޖެއްގެ ނަމާއި އެ ކުއްޖާގެ މައުލޫމާތާެި މައްސަލައިގެ ތަފްސީލްތައް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.

އިއްޔެގެ ކޮމިޓީ ބައްދަލުވުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރުންތަކެެއް ހާޒިރުވީ، ރޭޕް އެވިޑެންސް ކިޓް ބޭނުންކޮށް ފޮރެންސިކް ތަހްލީލް ކުރަން ލާޒިމު ކުރާ ގޮތަށް ޖިންސީ ކުށުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށެވެ.

ރޭޕް އެވިޑެންސް ކިޓް ބޭނުން ކޮށްގެން ސާމްޕަލް ނަގަން ރުހުން ދޭން ވަނީ ލިޔުމެއް މެދުވެރިކޮށް ކަން ކަނޑައެޅުން މުހިއްމު ކަން ފާހަގަކުރައްވަމުން ޕަބްލިކް ޕްރޮސެކިއުޓަރު ފާތިމަތު ނަބާހާ މިސާލެއްގެ ގޮތުގައި ރޭޕްގެ މައްސަލައެއް ނެންގެވުއެވެ.

ކޮމިޓީގައި އޭރު ތިބި ދައުލަތުގެ އެހެން މުއައްސަސާތަކަަށް ވެސް ވަރަށް ބޮޑަށް އެނގޭނެ މައްސަލައެއް ކަން ފާހަގަކުރައްވައި ޕަބްލިކް ޕްރޮސެކިއުޓަރު ހާމަ ކުރެއްވީ ވިކްޓިމް ނުވަތަ ރޭޕްގެ ޝިކާރައަށްވި ކުޑަކުއްޖާގެ ނަމެވެ. އެ ކުއްޖާ ހުރި ހާލަތާއި، ރޭޕް ކުރި މީހާގެ ނަމާއި، ފަހުން ހިނގައި ދިޔަ އެތައް ކަމެއް ހާމަކުރިއެވެ.

އާންމު ގޮތެެއްގައި ވިކްޓިމްގެ ނަން ހާމަކުރަން އެޅެފިނަމަ ކޮމިޓީގެ މުގައްރިރު އެ ކަން ހުއްޓުވައެވެ. އަދި އެފަދަ މައުލޫމާތުތައް ކޮމިޓީއަށް ހިއްސާކުރުމަށް މީޑިއާއަށް ނުވަދެވޭ ގޮތަށް ނޫނީ އިދާރާއިން ލައިވް ކުރަމުންދާ އަޑު ކަނޑާލުމަށް ފަހު، ސިއްރު ކޮމިޓީއެއް ގޮތުގައި ކުރިއަށް ގެންދެއެވެ.

އެކަމަކު އިއްޔެގެ ކޮމިޓީ ބައްދަލުވުމުގެ އޯޑިއާ ލައިވް ސްޓްރީމް ކޮށްފައިވެއެވެ. އަދި އެ ވާހަކަތައް ހާމަ ކުރަމުން ދިޔައިރު ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު އެ ވާހަކަތައް ހުއްޓުވާފައެއް ނުވެއެވެ.

އިއްޔެގެ ކޮމިޓީގެ އަޑުއެހުން ލައިވް ސްޓްރީމް ކޮށްފައިވާއިރު، ޖިންސީ ކުށުގެ ގާނޫނުގައި ބުނާ ގޮތުން ރޭޕް ނުވަތަ ޖިންސީ ގޯނާގެ ކުށުގެ ތަހުގީގެއް ނުވަތަ ޝަރީއަތެއްގެ ވާހަކަ މީޑިއާގެ އެއްވެސް ވަސީލަތެެއްގައި ހާމަކުރާއިރު، ކުށުގެ ޝިކާރައަށްވީ ފަރާތަކީ ކާކުކަން ދެނެގަނެވޭނެ އެެއްވެސް ކަމެއް ހާމަކުރުމަކީ އެ ގާނޫނު މަނާ ކުރާ ކަމެކެވެ.

ގާނޫނުގެ އެ މާއްދާއާ ހިލާފަށް އަމަލު ކުރާ ފަރާތެއް މައްސަލަ ކޯޓަށް ހުށަހެޅުމުގެ ބާރު ޖެންޑާ މިނިސްޓަރަށް ލިބިގެންވާ ކަމަށް އެ ގާނޫނުގައިވެއެވެ. އެފަދަ ކަމެއް ސާބިތު ވެއްޖެނަމަ އަސާސީ އަދަބެެއްގެ ގޮތުގައި އެ ގާނޫނުގައި ކަނޑައަޅާފައި ވަނީ 10،000 ރުފިޔާ އާއި 15،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.