ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ފެތުރެން ފެށުމާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށްފަހު އަލުން ހުޅުވިފަހުން މިހާތަނަށް 26,000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލިފަހުން އިއްޔެ އާއި ހަމައަށް ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ 26,720 ފަތުރުވެރިއެކެވެ. މިއާއެކު މިއަހަރުގެ މިހަތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދު މިހާރު އުޅެނީ 409,567 ގައެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، ޖުލައި މަހު 15 ވަނަ ދުވަހުން ފެށިގެން އެމަހުގެ ނިޔަލަށް 1752 ފަތުރުވެރިޔަކު ރާއްޖެއަށް ޒިޔާރަތްކުރި ކަމަށެވެ. އަދި ޖެހިގެން އައި އޮގަސްޓުމަހު 7628 ފަތުރުވެރިއަކު ރާއްޖެއަށް އައި އިރު، ސެޕްޓެމްބަރު މަހު އައީ 9538 ފަތުރުވެރިއެވެ.

އަދި މި ހިނގާ އޮކްޓޫބަރު މަހުގެ ފުރަތަމަ ތިން ދުވަހުވެސް ރާއްޖެއަށް 1817 ފަތުރުވެރިއަކު ޒިޔާރަތްކޮށްފައި ވާއިރު، މި މަހުގެ 4 އިން ފެށިގެން 10 އާއި ހަމައަށް 3867 ފަތުރުވެރިއަކު ޒިޔާރަތްކޮށްފައި ވެއެވެ. އަދި އޮކްޓޫބަރު މަހުގެ މި ހިނގާ ތިންވަނަ ހަފްތާގެ މިހާތަނަށް (އޮކްޓޫބަރު 11 އިން އޮކްޓޫބަރު 14 އަށް) 2169 ފަތުރުވެރިއަކު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލިފަހުން މިހާތަނަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ ރަޝިޔާއިންނެވެ. ޖުލައި މަހުގެ 15 ވަނަ ދުވަހުން ފެށިގެން މިހާތަނަށް އެޤައުމުން ޖުމްލަ 4817 ފަތުރުވެރިއަކު ރާއްޖެއަށް ޒިޔާރަތްކޮށްފައި ވެއެވެ.

ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި ޤައުމެއްގެ ގިތުގައި ޔޫއޭއީ އޮތްއިރު، ތިންވަނައަށް އެންމެ ގިނައީ އެމެރިޔާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންނެވެ. ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ދަތުރުކޮށްފައި ވަނީ ގަތަރު އެއާލައިންސް އިންނާއި އެމިރޭޓްސް އިންނެވެ.

މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 59 މީހެކެވެ. މީގެ ތެރެއިން މިވަގުތު ބަލިން ރަނގަޅު ނުވަނީ 11 ފަތުރުވެރިއެކެވެ.

ކޮވިޑް-19 އާ ގުޅިގެން ހުއްޓިފައި އޮތް ރާއްޖޭގެ ފަތުރުވެރިކަން ކޮޅަށް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ އިރު، މިއަދު ހަތަރު އަތޮޅެއްގެ ހަ ރަށެއްގައި ގެސްޓް ހައުސްތައް ހިންގުމުގެ ހުއްދަ އަލުން ވަނީ ދީފައެވެ. މިއަދު ރާއްޖޭގެ 15 ގެސްޓްހައުސް ހިންގުމުގެ ހުއްދަ ވަނީ ދޫކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުހައްމަދު އަންޖުމް

    މި އަދަދަށް ކޮޗިން ފަސިންޖަރުލައިން ހިމެނިބާ އަދި ޑޯނިއާ ފްލައިޓްއިން ގެނައި އައެސްގެ ފަހުލަވާނުންވެސް ހިމަނަން ޖެހޭނެ އޭރުންތާ ފުރިހަމަ އަދަދަކަށް ވާނީ މިނޫން ގިތަކަށް އަދަދު ކިޔާނަމަ ތިވާނީ ބުހުތާން ދޮގަކަށް

  2. ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރު

    ތީގެންވެސް ސަރުކާރުގަ ތިބި މީހުން ކާނެ ލާރި ލިބޭނީ