50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް މިއަދު ހެނދުނު ނެރުނު ރީނދޫ ސަމާލު (ޔެލޯ އެލާޓް)ގެ ވަގުތު މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިތުރުކޮށްފިއެވެ. ރީނދޫ ސަމާލުގެ ވަގުތު އިތުރުކޮށްފައި ވަނީ މިއަދު ހަވީރު 15:00 އާއި ހަމައަށެވެ.

ރީނދޫ ސަމާލު ނެރެފައި ވަނީ ށ.އަތޮޅާއި ތ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށެވެ. ރީނދޫ ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވެސް އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެފައި ވެއެވެ. އަދި ދެކުނުގެ އެކިހިސާބަށް ކެރިއާއެކު ގުގުރުން އެކަށީގެންވެއެވެ.

ހުޅަނގާއި ހުޅަނގުއުތުރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ، ކަމަށް ލަފާކުރެވެއެވެ. އެހެން ހިސާބުތަކަށް ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.

މިއަދާއި މާދަމާ ވެސް ރާއްޖެތެރޭގެ ކަނޑުތައް ޢާންމު ގޮތެއްގައި ގަދަ ވާނެ އެވެ. ކަނޑުތަކުގައި ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކުރެވެނީ 5 ފޫޓާއި 8 ފޫޓާއި ދެމެދުގައެވެ.

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން ވެސް އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއެވެ.

ހުރިހައި ފަރާތްތަކުން، ޚާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކުރައްވައެވެ.