ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް އިންޝިއުރަންސް ދޭނެ ބަޔަކު ހޯދަން ފަށައިފިއެވެ.

ވީއައިއޭ ހިންގަމުން އަންނަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވިދާޅުވީ އެއާޕޯޓަށް އޯލްރިސްކް އެންޑް ބިޒްނަސް އިންޓަރަޕްޝަން އިންޝުއަރެންސް، އަދި އެއާޕޯޓް އެވިއޭޝަން ލަޔަބިލިޓީ އިންޝުއަރެންސްގެ އިތުރުން ޓެރަރިޒަމް އިންޝުއަރެންސް ދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ.

މިކަމަށް ޝައުވެރިވާ ފަރާތްތަކުން މި މަހުގެ 22 ވަަނަ ދުވަހުގެ 10:15 ގެ ކުރިން އެކުންފުންޏަށް މެއިލްގެ ޒަރިއްޔާއިން ނުވަތަ ފެކްސް އިން އަދި ސިޓީ އިން އެންގުމަށް އެމްއޭސީއެލް އިން އެދެއެވެ.

މިކަމަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެކަން ހާމަކޮށް ފެކްސް، މެއިލް ނުވަތަ ސިޓީ އާއި އެކު އެފަރާތެއްގެ ފުރިހަމަ ނަމާއި، އުޅޭ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ހުށަހެޅުމަށް އެދޭ ކަމަށާއި، އޭރުން މިކަމަށް ތައްޔާރުކުރެވިފައިވާ ބީލަން ފޮތް ދޭނެ ކަމަށް އެމްއޭސީއެލް އިން ވަނީ ހާމަކޮށްފައެވެ.

އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ 10:15 ގައި ބީލަން ހުޅުވުން އެ ކުންފުނީގެ މައި އިދާރާގައި އޮންނާނެ ކަމަށް އެމްއޭސީއެލް އިން ވަނީ ހާމަކޮށްފައެވެ. އެމްއޭސީއެލް އިން ވިދާޅުވީ ބީލަން ހުށަހަޅާ އިރު، ހުށަހަޅާ ސިޓީ އުރަ އޮންނަން ވާނީ ބަންދުކޮށްފައި ކަމަށެވެ.

އިންޝިއުރަންސް ދޭނެ ފަރާތަކާއި އެކަން ހަވާލުކުރާނީ، ފަންނީ އަދި މާލީ ގޮތުން އެކުންފުންޏަށް އެންމެ ފައިދާހުރި ފަރާތެއް ބަލައި ކަމަށް އެމްއޭސީއެލް އިން ވަނީ ހާމަކޮށްފައެވެ.