އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ ޕީޕީއެމުން ޒުވާނުންނަށް ހާއްސަކޮށްގެން ސްޕޯޓްސް ކެފޭ އެއް ހުޅުވުމަށް ނިންމައިފިއެވެ.

ޕީޕީއެމްގެ އާންމު މެންބަރުންނަށް ހާއްސަކޮށްގެން އަލަށް ތައާރަފް ކުރާ ލޯޔަލްޓީ ކާޑު ނެރުމަށް އިއްޔެ ބޭއްވި ޖަލްސާގައި ޕީއެންސީ އަދި ޕީޕީއެމް ހިމެނޭ އިދިކޮޅު އިއްތިހާދުގެ ފަންޑްރައިސިންއާހަވާލުވެގެން ހުންނަވާ ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ، މިހާރު ރާއްޖޭގައި ސިޔާސީ ޕާޓީތައް ހިންގަމުން އަންނަ ގޮތަށް ޒަމާނީ ބަދަލުތައް ގެންނަން ޖެހޭ ކަމަށެވެ.

އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ އެ ބަދަލުތައް ގެނައުމަށް ކަމަށާއި ކުރިއަރަމުން އަންނަ ގައުމުތަކުގެ ސިޔާސީ ޕާޓީތަކުން ގެންނަ ހެޔޮ ބަދަލުތައް އިދިކޮޅުން ވެސް ގެންނާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، ޕީޕީއެމް އަދި ޕީއެންސީ އަށް ތާއީދު ކުރާ ޒުވާނުންނަށް ހާއްސަކޮށްގެން ސްޕޯޓްސް ކެފޭ އެއް ހުޅުވުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

"ސްޕޯޓްސް ކެފޭ އެއް ނުވަތަ ކެފޭއެއް އަޅުގަނޑުމެން ވަރަށް އަވަހަށް ތައާރަފް ކުރާނަން" ސައީދު ވިދާޅުވިއެވެ.

"ރައީސް ޔާމީން 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި އިރު، ތިބި ޅަ ކުދިން މިހާރު 18 އަހަރު ފުރި ތިބީ ޒުވާނުންގެ ގޮތުގައި. އެކުދިންނަށް ފެނުނު ރައީސް ޔާމީން ގެންނެވި ފުރިހަމަ ތަރައްގީ. އަލަށް 18 އަހަރު ފުރޭ 80،000 އެއްހާ ޒުވާނުން އެބަ ތިބި" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ އިދިކޮޅުގައި އެކި ކަންކަން ޕްރޮމޯޓު ކުރުމަށް ތަފާތު ޕްލޭންތައް ހެދިފައިވާ ކަމަށާއި ވަރަށް އަވަހަށް އެކަންކަން ފައްޓަވާނެ ކަމަށެވެ.

އިއްޔެ ތައާރަފް ކުރި ލޯޔަލްޓީ ކާޑަކީ ވެސް އިދިކޮޅަށް ފައިސާގެ އެހީތެރިކަން ދިނުމަށް ބޭނުންވާ އެ ޕާޓީތަކުގެ މެންބަރުންނަށް ހާއްސަކޮށްގެން ފަށާ ކަމެކެވެ. މި ކާޑުތައް މެދުވެރިކޮށް މަހަކު 100ރ. އިން ފެށިގެން އެކި އަދަދުތައް އެ ޕާޓީއަށް ހަދިޔާކުރެވޭނެއެވެ.

މިއީ ރާއްޖޭގައި މިފަދަ ކާޑެއް ތައާރަފް ކުރާ ފުރަތަމަ ފަހަރެެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކާނަލް

    ސޯސަންމަގު ކާނަލް ޒިޔާދު އާއި ލަބަންބާ ހަސަނު ހުޅުވައިދޭ ތަނެއް ތީ ކާނަލް ޒިޔާދު މެން ޓެކްސް ނުދައްކާ ރައްޔިތުންގެ ފައިސާ އިން ÷÷ އަށް ޙަރަދު ކުރަނީ !!!!!

    3
    1
    • ހަސަން

      ތީ ރަގަޅު މައުލޫމާތެއް ނޫން! ސޯސަން މަގު ފުސްފަރުގައި ހަދާ ކެފޭ އަކީ ބްރައިޓްވޭ އިންޓަނޭޝަނަލް ސުކޫލް ގެ އެމްޑީ އާއި ލަބަމްބާ ހަސަނު ޙަރަދު ކޮށްގެން ހަދާ ތަނެއް ތިކަމާ ކާނަލް ޒިޔާދު އާއި ގުޅުމެއް ނެތް ! ރަގަޅު މައުލޫމާތު ހޯއްދަވައިގެން ކޮމެންޓް ކުރައްވާ!

  2. ސައިފް ބިން ޒީއަޒަން

    ސަޅި ކަމެއް

    2
    1