ރާއްޖޭގެ މަސްވެރިން ބާނާ މަސް، އަވަށްޓެރި ސްރީ ލަންކާ އަށް އެކްސްޕޯޓް ކުރުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް ވިދާޅުވެ، ފޮރިން މިނިސްޓަރު މިނިސްޓަރު އަބްދުﷲ ޝާހިދު ލަންކާ އަށް މިއަދު ޝުކުރު އަދާކުރައްވައިފިއެވެ.

ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ މަސްވެރިން ބާނާ މަސް ލަންކާއަށް އެކްސްޕޯޓްކުރުމާ ގުޅޭ ލަންކާގެ ފޮރިން މިނިސްޓަރު ޑިނޭޝް ގުނަވަދަނައާއި ލަންކާގެ ފިޝަރީޒް މިނިސްޓަރު ޑޮގްލަސް ޑެވަނަންދަ އާއި ފިނޭންސް މިނިސްޓަރު އަޖިތް ނިވާޑްއާ މަޝްވަރާ ކުރެއްވި ކަމަށެވެ.

އެ މަޝްވަރާތަކަށް ފަހު،ރާއްޖެއިން ލަންކާއަށް މަސް އެކްސްޕޯޓްކުރުމުގައި އެއްވެސް ހިފެހެއްޓުމެއް ނޯންނާނެ ކަމުގެ ޔަގީންކަން އެ ބޭފުޅުން ދެއްވާފައިވާ ކަމަށް ވެސް ޝާހިދު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

ޝާހިދު އެގޮތަށް ވިދާޅުވި ނަމަވެސް ބޭރުގެ އެހެން ގައުމުތަކުން ލަންކާ އަށް މަސް އެކްސްޕޯޓްކުރުން ވަނީ ހިފަހައްޓައިފައެވެ.

ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓް ކުރާ އެ ގައުމަކީ ލަންކާއެވެ. އެގޮތުން ލަންކާ އަށް އެންމެ ގިނަ އަދަދަކަށް އެކްސްޕޯޓް ކުރަމުން އަންނަ އެއް ބާވަތަކީ ވެސް މަހުގެ އެކި ބާވަތްތަކެވެ.

ކަސްޓަމްސްއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކުރި ގައުމުތަކުގެ ތެރޭގައި ލަންކާ ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑައެލޯގް

    ހިފެހެއްޓުމެއްނެތް އެކްސްޕޯޓްކުރެވޭ އެކަމަކު ވާނެގޮތަކީ ކިލޯއަކަށް ލިބޭނީ ބޮޑުލާރި އެހެންނޫނީ ވާނެގޮތަކީ ފޮނުވޭނެގޮތެއްނޯނަންނީ ނުކުޅެދޭ ސަރުކާރު