ގިނަ އަދަދެއްގެ ވަކީލުން ވަކީލުކަމުގެ ހުވާ މިއަދު ކުރައްވައިފިއެވެ. އެ ވަކީލުން ވަކީލުކަމުގެ ހުވާ ކުރައްވާފައި މިވަނީ ގިނަ ދުވަސްތަކަކަށްފަހުއެވެ.

މިއަދު އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތެއްގައި ވަކީލުންނަށް ހުވާލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒެވެ. ހަ ބެޗަކަށް ބަހާލައިގެން ވަކީލުކަމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތު ބޭއްވިއިރު 277 ވަކީކަލު ވަނީ ވަކީލުކަމުގެ ހުވާ ކުރައްވައިފައެވެ.

މިއަދު ހުވާ ކުރެއްވި ވަކީލުން ހުވާ ކުރައްވާފައި މިވަނީ ގާނޫނީ ފަންނުގެ ގާނޫނުގައި ބުނެފައިވާ ބާ ކައުންސިލްގެ ޕްރޮގްރާމު ވެސް ފުރިހަމަ ކުރުމަށްފަހުއެވެ. ބާ ކައުންސިލުން ބުނި ގޮތުގައި އެ ކައުންސިލުން ދޭ ޕްރޮގްރާމު 283 ވަކީލަކު ފުރިހަމަ ކޮށްފައިވެއެވެ.

މި ޕްރޮގްރާމު ބާ ކައުންސިލުން ބާއްވާފައި ވަނީ ގާނޫނީ ފަންނުގެ ގާނޫނީ މަޖިލީހުން ގެނައި އިސްލާހަކާއި ގުޅިގެންނެވެ. އެ އިސްލާހުގައި ބުނީ ގާނޫނީ ވަކީލުކަމުގެ ހުވައިކުރެވިފައިނުވާ އެންމެހައި ފަރާތްތަކަށް ޚާއްޞަކޮށްގެން އެއް މަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ބާ ކައުންސިލުން އެކުލަވާލައި، ކުރިއަށް ގެންދަންވާނެ ކަމަށެވެ. ތަމްރީނު ފުރުހަމަ ކުރާ ވަކީލުން 21 ދުވަހުގެ ތެރޭގައި ގާނޫނީ ވަކީލުކަމުގެ ހުވާ ކުރަން ވާނެ ކަމަށް ވެސް ގާނޫނަށް މިހާރު ގެނެސްފައިވާ އިސްލާހުގައި ބުނެފައިވެއެވެ.

ރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަކީ 27 ޖޫން 2019 ގައި އަމަލުކުރަން ފަށާފައިވާ، ރާއްޖޭގައި ގާނޫނީ ވަކީލުންނާ ގުޅޭ އެންމެހާ ކަންކަން ރެގިއުލޭޓް ކުރުމާ ގުޅޭ ގޮތުން އަމަލުކުރަންވީ ގޮތްތައް ބަޔާންކޮށްދީފައިވާ ގާނޫނެވެ.

މި ގާނޫނުގައި ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދަ ދޫކުރުމުގެ އުޞޫލުތައް ބަޔާންކޮށްފައިވާއިރު، އެއީ އޭގެ ކުރިން އަމަލުކުރަމުން ގެންދިޔަ އުސޫލާއި ވަރަށް ތަފާތު އުސޫލުތަކެކެވެ.