މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 24 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

މިއަދަކީ ޖުލައި މަހުގެ 23 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ މަދު އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ.

އިއްޔެ ހަވީރު 18:00 ން ފެށިގެން މިއަދުގެ 18:00 ގެ ނިޔަލަށް ރާއްޖެ އިން މި ވައިރަހަށް ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 20 ދިވެއްސަކާއި ހަތަރު ބިދޭސީ އެކެވެ.

މިއަދު ފައްސިވި މީހުންނާއި އެކު މިހައިތަނަށް ރާއްޖެ އިން މި ވައިރަހަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 11178 ށް އަރާފައެވެ. މީގެ ތެރެއިން 10097 ފަރުވާ ދީގެން ރަނގަޅުވެފައިވާއިރު 36 މީހަކު މިހާތަނަށް ވަނީ ނިޔާވެފައެވެ. މިއަދު ބަލިން ރަނގަޅުވީ 102 މީހުންނެވެ.

މިގޮތުން ރާއްޖެ އިން އެންމެ ފަހުން މި ވައިރަހުގެ ސަބަބުން މީހަކު ނިޔާވެފައި ވަނީ މިއަދު ހެނދުނުއެވެ. ހުޅުމާލޭ މެޑިކަލް ފެސިލިޓީ ގައި ފަރުވާދެމުން ދަނިކޮށް މިއަދު ނިޔާވި ދިވެއްސަކީ އުމުރުން 67 އަހަރުގެ ފިރިހެނެކެވެ.

މިހާތަނަށް ރާއްޖެ އިން މި ބަލި ޖެހުނު މީހުންގެ ތެރެއިން ނިޔާވެފައިވަނީ 29 ދިވެހިންނާއި ހަތް ބިދޭސީއެކެވެ. މިދިޔަ މަހު އެކަނިވެސް ރާއްޖެއިން މި ބަލީގައި ހަ މީހަކު ނިޔާވި އިރު، މި މަހުގެ މިހާތަނަށް ބަލި ޖެހިގެން ނިޔާވެފައި ވަނީ ދެ މީހުންނެވެ.

ރާއްޖޭގައި މިފަހަކަށް އައިސް ފައްސިވާ މީހުންގެ އަދަދު ދަށަށް ދަމުން އަންނާތީ އެޗްޕީއޭ އިން ވަނީ ވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދޭން ފަށާފައިކަން ފާހަގަކޮށްލެވެއެވެ. މިފަދަ ލުއިތައް ދިން ނަމަވެސް، ޒަރޫރީ ބޭނުމެއްގައި މެނުވީ ބޭރު ތެރޭގައި ނޫޅެ، ގައިދުރު ކުރުމަށް ޙާއްސަ އިސްކަމެއް ދީ، ވީހައިވެސް ގިނައިން އަތް ސެނިޓައިޒް ކޮށް ދޮވެ ހެދުން މުހިއްމެވެ. އަދި ބޭރަށް ނިކުންނައިރު އަބަދުވެސް މާސްކު އަޅައިގެން އުޅުމަށް ޙާއްސަ އިސްކަމެއް ދޭށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަބޫ

    އެއީ ކިތައްމީހުންގެ ޓެސްޓް ހަދައިގެންބާ