ކޮވިޑް-19 އާއި ގުޅިގެން، ޞިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުއްޓަށް އަރައި ފޭބުން އަނެއްކާވެސް މަނާކޮށް އެރަށް މޮނިޓަރިންގެ ހާލަތައް ގެނެސްފިއެވެ.

ކުޅުދުއްފުއްޓަށް އަރައި ފޭބުން މިރޭ މަނާ ކުރީ އެރަށުން އިތުރު މީހަކު ކޮވިޑް-19 އަށް ފައްސިވެގެންނެއް ނޫނެވެ. އެރަށުން އެންމެ ފަހުން ކޮވިޑް-19 އަށް ފައްސިވީ ރޭ ކޮވިޑް-19 އަށް ފައްސިވި ދެފުލުހުންނެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ކުޅުދުއްުފުށީ ސިޓީ ކައުންސިލަށް މިރޭ ފޮނުވި ސިޓީއެެއްގައި ވިދާޅުވީ ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ހުއްދަނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާކޮށްފައިވާ ކަމަށެވެ.

މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑު-19 އިން ރައްކާތެރިކުރުމަށް ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު ގެ 12 ވަނަ މާއްދާގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ޤާނޫނީ އިޚްތިޔާރުތަކުގެ ދަށުން އިތުރަށް ބަލަންޖެހޭ ކަންކަން ބަލާ އެހެން އެންގުމެއް އަންގަންދެން، ކުޅުދުއްފުއްޓަކީ މޮނިޓަރ ކުރެވެމުންދާ ރަށެއްކަމަށް ކަނޑައަޅާފައިވާ ކަމަށް ލިޔުމުގައި ވިދާޅުވެފައި ވެއެވެ.

މޮނިޓަރކުރުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަންގާ ގޮތެއްގެމަތިން، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަންގާ އެންގުންތަކާއި އަދި ހިންގާ ހަރަކާތްތަކަށް އެއްބާރުލުން ދެއްވުމަށް ވެސް މައިމޫނާގެ ސިޓީގައި އެދިވަޑައިގެންފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަމަހަމަ އުސޫލް

    ގެސްޓް ހައުސްތަކައް މީހުން އައުން އޯކޭ ރައްޔިތުމީހާ ކަރަންޓީނުވާން 7000.00ރުފިޔާ ޚަރަދުކުރަން ޖެހޭ އެކަމު ގެސްޓުން ކަރަންޓީނުނުވެ އަންނަގޮތައް މުޖްތަމިޢުތެރެއަށް ނުކުތުން އޯކޭ.

  2. Anonymous

    ވަރަށް އިގޭ ތޯ

  3. ސަރުމީނާ

    ރަނގަޅު