ކުޅުދުއްފުށިން އިތުރު ހަތަރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

މިއަދު ކުޅުދުއްފުށިން ފެންމަތިވި މި ހަތަރު ފައްސި ވޭދަނަ (ކޭސް) އަކީ ތިލަދުންމަތީގެ ފުލުހުންގެ އިހާ (ކްލަސްޓާ) އާއި ގުޅުން އޮތް ބައެކެވެ.

އިތުރު ހަތަރު މީހަކު ކުޅުދުއްފުށިން ފައްސިވުމާއެކު އެރަށުން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 17 އަށް އަރާފައެވެ.

ކުޅުދުއްފުށިން މިއަދު ފައްސިވި ހަތަރު މީހުންނަކީ، ބުރާސްފަތި ދުވަހު ފައްސިވި ދެ ފުލުހުންގެ ކޮންޓެކްޓުންގެ ތެރޭގައި ހިމެނޭ ހަތަރު މީހެކެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުން ކުޅުދުއްފުށިން މިއަދު ފައްސިވީ ހަތަރު މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހަކާއި ކުޑަކުދިން ވެސް ހިމެނެއެވެ.

ކުޅުދުއްފުށިން ފާއިތުވެދިޔަ ދުވަސްތަކުގައި ކޮވިޑް-19 ގެ ވޭދަނަތައް އިތުރުވަމުން އަންނާތީ އެރަށް ވަނީ އަރައި ފޭބުން މަނާކޮށް މިރޭ ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ކުޅުދުއްފުށިން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ފައްސިވެފައި ވަނީ މާލެއިން ދަތުރުކުރި ފުލުހެކެވެ. އޭގެފަހުން ކުޅުދުއްފުށީ ޕޮލިސްޓޭޝަންގެ ދެ ފުލުހަކާއި ށ. ފޯކައިދޫ ފުލުހަކު ވަނީ ފައްސިވެފައެވެ. މި ފުލުހުންނަކީ މާލެއިން އެކުގައި ދަތުރުކުރި ފުލުހުންތަކެކެވެ.

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ދެ ފުލުހަކު ކޮވިޑް-19 އަށް ފައްސިވީ ވޭދަނަތަކަށްފަހު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިޔަށް ދަނިކޮށް، އިތުރު ދެ ފުލުހަކާއި ސްޓޭޝަނުގައި މަސައްކަތްކުރި ތިން ބިދޭސީއަކު ވެސް ފައްސިވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޕަރީ

    މާލޭން އަންނަ ފުލުސްމީހާ ކަރަންޓީންއަކަށް ނުގޮސް ބޭނުންގޮތަކަށް އުޅެން ދޫކޮށްލީ ކޮން ގާނޫނަކުންތޯ؟؟ މާލޭން އެއްދުވަހަށް ނޫނީ ދެދުވަހަށް މުހިންމު ކަންކަމުގައި އަންނަމިހާ ކަރަންޓީނު ވާން ނުޖެހޭގޮތަށް އޮތުމަކީ ބަލިފަތުރަން ސަރުކާރުން ގަސްތުގައި ކުރިކަމެއް.