ކުޅުދުއްފުށިން އިއްޔެ ފައްސިވި މީހުންގެ ތެރޭގައި ކުޑަކުދިން ހިމެނޭ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވިދާޅުވެއްޖެ އެވެ.

އެރަށުން އިއްޔެ ފައްސިވީ ހަތަރު މީހުންގެ ތެރޭގައި ދެ ކުޑަކުއްޖަކު ހިމެނެއެވެ.

ކޮވިޑް-19 އަށް ކުޅުދުއްފުށިން ފައްސިވީ ކުދިންގެ ތެރޭގައި ހިމެނެނީ އުމުރުން 9 އަހަރާއި އުމުރުން 10 އަހަރުގެ ކުއްޖެކެވެ. މި ދެކުދިންގެ އިތުރު ފައްސިވީ ދެމީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 75 އަހަރުގެ މީހަކާއި 35 އަހަރުގެ މީހެކެވެ.

މި ހަތަރު ފައްސި ވޭދަނަ (ކޭސް) އަކީ ތިލަދުންމަތީގެ ފުލުހުންގެ އިހާ (ކްލަސްޓާ) އާއި ގުޅުން އޮތް ވޭދަނަ ތަކެކެވެ. މިއީ ބުރާސްފަތި ދުވަހު އެރަށުން ފައްސިވި ދެ ފުލުހުންގެ ކޮންޓެކްޓުންގެ ތެރޭގައި ހިމެނޭ ހަތަރު މީހެކެވެ.

ކުޑަކުދިން ހިމެނޭހެން އިތުރު ހަތަރު މީހަކު ކުޅުދުއްފުށިން ފައްސިވުމުން އެރަށުން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު 17 އަށް އެރީއެވެ.

ކުޅުދުއްފުށިން ފާއިތުވެދިޔަ ދުވަސްތަކުގައި ކޮވިޑް-19 ގެ ވޭދަނަތައް އިތުރުވަމުން އަންނާތީ އެރަށް ވަނީ އަރައި ފޭބުން މަނާކޮށް މިރޭ ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.