ސިކުނޑި ބަންދުވެފައި ތިބި ބަޔަކަށް ރައީސް އަބްދުﷲ ޔާމީންގެ ތަރައްގީ ނުފެންނާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

"ވަގުތު" އާއި ވާހަކަ ދައްކަވަމުން ކޮމްޕިއުޓަރ ގްރެފިކްސް އަށް ދެއްކޭނެ އެންމެހާ ނަލަ މަންޒަރުތައް ރައީސް ޔާމީން އެދަނީ ދައްކަވަމުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވައި އަދުރޭ ވިދާޅުވީ ރާއްޖެ މިހާރު މިދެކެމުންދާ ތަރައްގީ ނުފެންނާނީ ސިކުނޑި ބަންދުވެފައި ތިބި ބަޔަކަށް ކަމަށެވެ.

" ރައީސް ޔާމީން ތަރައްގީ ކުރަވަމުން އެގެންދަވަނީ ހަމައެކަނި މާލެއެއް ނޫން. ރާއްޖޭގެ އަތޮޅުތަށްވެސް އެގެންދަވަނީ ތަރައްގީ ކުރައްވަމުން. ބްރިޖާ އެއާޕޯޓާއި 25 ބުރީގެ އިމާރާތް ނުވަތަ އަތޮޅުތެރޭގައި ހަދަމުންދާ ބަނދަރާއި ހިއްކަމުންދާ ބިންތަކާއި ފްލެޓުތަކުން ވެސް މިކަން ހާމަވެގެންދާނެ" އަދުރޭ ވިދާޅުވިއެވެ.

މީގެ އިތުރުން އަދުރޭ ވިދާޅުވީ ފެނާއި ނަރުދަމާގެ މަސައްކަތް ރާއްޖޭގެ އާބާދީގެ 75 އިންސަތައަށް ދަނީ ފޯރުކޮށްދެމުން ކަމަށާއި ސްކޫލުތަކުގެ ތައުލީމީ ނިޒާމު ވެސް ހަރުދަނާ ކުރަމުން އަންނަ ކަމަށެވެ. އަދި ސިއްހީ ނިޒާމު އެތަށް ތަނަކުން ރަގަޅުވެ ރާއްޖެއިން ބޭރުން ބޭސްފަރުވާއަށް ކުރާ ހަރަދު ކުޑަވެ ރާއްޖޭގައި ތިބެގެން ބޮޑެތި ބަލިތަކަށް ބޭސް ފަރުވާ ކުރެވޭނެ ނިޒާމު ގާއުމު ކުރެވިފައި ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ މި ވޭތުވެ ދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި އިދިކޮޅު ފަރާތް ތަކުން ތަރައްގީ އަށް ހުރަސް އަޅަން ތަފާތު ގިނަގުނަ މައްސަކަތް ތަކެއް ކުރި ނަމަވެސް އެބޭފުޅުންނަށް އެކަން ކާމިޔާބު ނުވަނީ ރައްޔިތުންގެ ތާއީދު ނުލިބުމުން ކަމަށެވެ.

ޖަޒީރާ ރައީސް ކެމްޕޭން ޖަހަގަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ސްކައިޕް މެދުވެރިކޮށް ވާހަކަ ދައްކަވަމުން ނަޝީދު ވަނީ ރައީސް ޔާމީންގެ ތަރައްޤީގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ނަޝީދު ވިދާޅުވީ ކޮމްޕިއުޓަރ ގްރެފިކްސުން ވަރަށް ގިނަ އެއްޗެހި ކުރެހޭ ވަރަށް ގިނަ މަންޒަރުތައް ދެއްކޭނެ ކަމަށާއި އެހެންނަމަވެސް އެކަންކަން ހަޤީޤަތަކަށް ވެދަނީ އިންސާފު ޤާއިމުކުރެވިގެން، ހަމަހަމަކަން ގެނުވިގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވގ

    ހިސާބައްވުރެ އަމިއްލައެދުންބޮޑުވީމަ ތިތަރައްގީފެންނަނީ މިނޫން ވެރިކަމެއް އަންނައިރައް އަދުރޭ އިނބަޔަކައްވެސްނުފެންނާނެ އޭރު އިނބަހުންނާނީ ގޮޅީގަވިއްޔަ

  2. Anonymous

    ހިސާބައްވުރެ އަމިއްލައެދުންބޮޑުވީމަ ތިތަރައްގީފެންނަނީ މިނޫން ވެރިކަމެއް އަންނައިރައް އަދުރޭ އިނބަޔަކައްވެސްނުފެންނާނެ އޭރު އިނބަހުންނާނީ ގޮޅީގަވިއްޔަ