ދިވެހި ގައުމުގެ މިނިވަންކަމަށް އަސަރު ކުރާނެ ކަންކަން ހިނގަމުންދާ ކަމުގެ ބިރު ހީވެފައިވާ މި ދަނޑިވަޅުގައި ގައުމިއްޔަތަށް ވަރަށް ބޮޑަށް ފާރުވެރިވާން ޖެހިފައިވާ ކަމަށް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަންގެ އެޑްވައިޒަރު، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މިއަދު ފާހަގަކުރަމުންދާ ގައުމީ ދުވަހުގެ މުނާސަބަތުގައި ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދަކީ ފުން އިހްސާސްތަކެއް ގެނެސްދޭ ގައުމީ ދުވަހެއް ކަމަށެވެ. އަދި އާ ހިތްވަރަކާއެކު ގައުމިއްޔަތަށް ކުރިއަށް ވުރެ ބޮޑަށް ފާރަވެރިވާން ޖެހިފައިވާ ކަމަށް ޖަމީލް ވިދާޅުވިއެވެ.

ޖަމީލް މިހެން ވިދާޅުވި އިރު، މި ސަރުކާރުގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރެވިފައިވާ ގޮތުގެ ސަބަބުން އިންޑިއާއަށް ވަރަށް ބޮޑަށް ގައުމު ބަރޯސާވާ ކަމަށް ހާރިޖީ ގުޅުންތައް ދިރާސާ ކުރާ ބައެއް ބޭފުޅުން ފާހަގަކުރައްވައެވެ.

މީގެ އިތުރުން އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ކޯލިޝަން އިން ގެންދަނީ އިންޑިއާގެ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ދިވެހި ގައުމުގެ މިނިވަން ކަމަށް އަސަރު ކުރާ ފަދަ އެއްބަސްވުންތަކެއް ގާއިމް ކުރަމުންދާ ކަމަށް ބުނެ އަޑު ފަތުރަމުންނެވެ. މި ކަންކަން ދެ ގައުމުގެ ސަރުކާރުން ވެސް ދޮގު ކުރެއެވެ.

ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވި ހިތާބުގައި ހާރިޖީ ގުޅުންތަކާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ހާރިޖީ ގުޅުންތައް ބަދަހި ކުރަނީ ދިވެހި ގައުމުގެ މިނިވަން ކަމަަށް އަސަރު ނުކުރާނެ ގޮތުގެ މަތިން، މިނިވަންކަން ރައްކާތެރިކޮށްގެނެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށާއި އިންޑިއާއިން ހިންގަމުންދާ މަޝްރޫއުތަކުގެ ފަހަތުގައި ހާމަނުވާ އެތައް ކަމެއް ހިމެނޭ ކަމަށް ބުނެ "އިންޑިއާ އައުޓް" ގެ ނަމުގައި ހަރަކާތެއް ހިނގަމުން ވެސް ދެއެވެ.

ގައުމީ ދުވަހާ ގުޅިގެން މި ވާހަކަތައް އިދިކޮޅު ފަރާތްތަކުން ސަރުކާރުން އިތުރަށް ދައްކަމުންދާއިރު، ގައުމީ ދުވަހުގެ ގޮތުގައި ކޮންމެ ހިޖުރީ އަހަރެއްގެ ރަބިއްޔުލް އައްވަލް މަހުގެ ފުރަަތަމަ ދުވަސް ފަހަގަކުރަނީ، ޕޯޒުގީޒުންގެ އަޅުވެތިކަމުގެ ދަށުން ބޮޑު ތަކުރުފާނު ދިވެހި ގައުމު މިނިވަން ކުރި ދުވަހުގެ ހަނދާނުގައެވެ.