އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ރ. މީދޫ، ފެންފިޔާޒުގެ މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ކްރިމިނަލް ކޯޓުގައި ބާއްވަން ތާވަލުކޮށްފިއެވެ.

އަނަސް އަށް ހަމަލާދީ މަރާލާފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ލިޓަސް ސާވިސް ސެންޓަރު ތެރޭގައެވެ.

މި މަރުގެ މައްސަލާގައި ޝަރީއަތުގެ އަޑުއެހުމެއް ނުބާއްވާތާ ގިނަ ދުވަސްތަކަކަށް ފަހު ކްރިމިނަލް ކޯޓުގައި އަޑުއެހުމެއް ބާއްވަން ތާވަލުކޮށްފައި ވަނީ ހެނދުނު 9:00 ގައެވެ.

މި މައްސަލާގައި ހަތް މީހެއްގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވެއެވެ. އެއީ ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް އާއި ތ. ކިނބިދޫ ގުލްފާމުގޭ މުހައްމަދު ޝާޒް އާއި ލ. ގަން ތުނޑީ، ނަންނާރިގެ ޖުނައިހު އަބްދުﷲ އާއި މ. ދިމިޝްގު އުސްމާން ޝަރީފާއި ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި ގ. ލޮނުމިދިލިގޭ އަފްރާހު އަބްދުލް ރައްޒާގަށެވެ.

މި ހަތް މީހުންގެ ތެރެއިން ސިމާހު މޫސާއާއި، ހަސަން މަހްފޫޒާއި، މުހައްމަދު ޝާޒް، އަދި ޖުނައިހު އަބްދުﷲ ގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. އެއީ އަނަސް، ސައިލަތެއް މަތީ އިންދާ އޭނާއަށް ހަލާމާ ދިން މީހުން ތިބި ސައިކަލުތައް ދުއްވަން މި މީހުން ތިބީމައެވެ. މި ކުށް ސާބިތުވެއްޖެނަމަ 15 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އުސްމާން ޝަރީފާއި، އަހުމަދު ޒަޔާނާއި، އަފްރާހު އަބްދުއްރައްޒާގްގެ މައްޗަށް އުފުލާފައިވަނީ، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާއެވެ. އެއީ ލިޓަސް ސާވިސް ސެންޓަރު ތެރެއަށް އަނަސް ދުވެފައި ވަދުމުން އޭނާގެ ފަހަތުން ވަޅިތަކެއް ހިފައިގެން އެތަނަށް ވަދެ، ވަޅިން އޭނާއަށް ހަމަލާދީ މަރާލާފައިވާތީއެވެ. ކުށް ސާބިތުވާނަމަ އަންނަނީ މަރުގެ ހުކުމެވެ.

މި ހަތް މީހުން ވެސް އެ މީހުންގެ މައްޗަށް އުފުލާ ދައުވާއަށް އިންކާރު ކުރެއެވެ.

މި މައްސަލާގައި އެންމެ ފަހުން ޝަރީއަތުގެ އަޑުއެހުމެއް ބާއްވާފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގައެވެ. އެއީ ހެކި ބަސް ނެގުމަށް ބޭއްވި އަޑުއެހުމެކެވެ. އެކަމަކު މައްސަލާގައި ތުހުމަތު ކުރެވޭ ޖުނައިހަށް ލިޔެކިއުންތައް ލިބިފައިނުވާތީ އަޑުއެހުން ނިންމާލިއެވެ.

ދެން މި އަހަރުގެ މާޗު މަހު ވެސް އަޑުއެހުމެއް ތާވަލުކުރިއެވެ. އެކަމަކު ފަހުން އެ އަޑުއެހުން ކެންސަލް ކުރިއެވެ. ކެންސަލް ކުރަން ޖެހުނު ސަބަބެއް ކްރިމިނަލް ކޯޓުން ހާމައެއް ނުކުރެއެވެ.