މިއަހަރުގެ ފެބުރުވަރީ 1 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން އަމުރު ނެރުމަށް އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދާއި، ފަނޑިޔާރު ޢަލީ ހަމީދަށް ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން އަޙްމަދު ފާރިސް މަޢުމޫން ދޭން ބޭނުންވި އިރުޝާދުތައް ކިނިބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ފޯރުކޮށްދީފައިވާ ކަމަށާއި، ރިޔާޒުގެ މައްޗަށް އުފުލާފައިވާ ނިރުބަވެރިކަމުގެ ދައުވާ އާއި ސްޕްރީމް ކޯޓުގެ އަމުރާ ގުޅެނީ އެހެންވެގެންކަމަށް މިއަދު ދައުލަތުން ކްރިމިނަލް ކޯޓުގައި ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ފަރާތުން ޕަބްލިކް އެސިސްޓަންޓް ޕްރޮސެކިއުޓަރ ޢައިޝަތު ފަޒުނާ މިހެން ވިދާޅުވީ، ކިނިބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ނިރުބަވެރިކަމުގެ (ޓެރަރިޒަމްގެ) ޢަމަލެއް ކުރަން އުޅުމުގެ ކުށުގެ ދައުވާގައި ސާފު ނުވާ ކަންތައްތަކެއް ހުރިކަން ރިޔާޒުގެ ދިފާޢީ ވަކީލުން ފާހަގަ ކުރެއްވުމުން، އެކަންކަމަށް ދައުލަތުގެ ފަރާތުން ޖަވާބުދާރީ ވެލައްވަމުން މިއަދު ބޭއްވި މި މައްސަލައިގެ ދެވަނަ އިބްތިދާޢީ އަޑުއެހުމުގައެވެ.

ރިޔާޒުގެ މައްޗަށް ނިރުބަވެރިކަމުގެ ޢަމަލެއް ކުރަން އުޅުނުކަމުގެ ދައުވާ އުފުލާފައިވަނީ ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސްގެ މަޤާމުވެސް ފުރުއްވާފައިވާ އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށްވެހުރެ، 2017 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ޤާނޫނާ ޚިލާފަށް ވެރިކަން ވައްޓާލަން މަސައްކަތްކޮށް، ދައުލަތުގެ ވަކިވަކި މުއައްސަސާތަކުގެ ހިންގުމަށް ބުރޫ އަރައި ޤައުމީ މަސްލަހަތަށް ގެއްލުންވާގޮތަށް، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން 2018 ފެބުރުވަރީ 1 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން އަމުރެއް ނެރެ، ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު އަރީފްއާއި ގުޅިގެން އެވަގުތު ޑިއުޓީގައި ތިބި އިތުރު ފުލުހުންތަކެއް މެދުވެރިކޮށް ފުލުހުންނާ ކުރިމަތިލައި، ޤައުމުގެ ސުލްހަމަސްލަސްކަން ނަގާލައި، ޤާނޫނީ ސަރުކާރު ޤާނޫނީ އިމުގެ ބޭރުން ވައްޓާލަން މަސައްކަތް ކޮށްފައިވާކަމަށް ބުނެއެވެ.

ދައުލަތުން އުފުލާފައިވާ މި ދައުވާއާއި ގުޅިގެން ރިޔާޒުގެ ދިފާއީ ވަކީލުން ވަނީ ދައުވާގައި ސާފު ނުވާ ކަންތައްތަކުގެ ގޮތުގައި 34 ކަމެއް ފާހަގަކޮށް މިއަދުގެ އަޑުއެހުމުގައި ޝަރީއަތަށް ހުށަހަޅާފައެވެ. އެ ކަންކަމުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ މި ދައުވާ ރިޔާޒުގެ މައްޗަށް ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުގައި ބުނާ ކަންކަން މި ދައުވާ ރައްދުވާ ރިޔާޒުއާ ގުޅޭ ގޮތް ސާފު ކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުންތަކެވެ.

މީގެ އިތުރުން ދައުވާގެ ޝީޣާގައި ބުނާގޮތަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ވައްޓާލަން ރިޔާޒު ކުރި މަސައްކަތަކީ ކޮބައިކަމާއި، 2018 ފެބުރުވަރީ 1 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން އަމުރު ނެރުމުގައި ރިޔާޒުގެ ދައުރަކީ ކޮބައިކަން ސާފު ކޮށްދިނުމަށްވެސް ރިޔާޒުގެ ވަކީލުން އެދިލެއްވިއެވެ.

ދިފާއުން ހުށަހެޅި ހުށަހެޅުންތަކާ ގުޅިގެން ދައުލަތުގެ ފަރާތުން ޕަބްލިކް ޕްރޮސެކިއުޓަރ ނައުޝާދު ވިދާޅުވީ، ދިފާއުން ފާހަގަކުރި ކަންކަމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 107 ވަނަ މާއްދާގެ ދަށުން ޝަރީއަތުގެ މި މަރުޚަލާގައި ދިފާޢަށް ސާފުވާންޖެހޭ ކަންކަން ނޫން ކަމަށާއި، ދިފާއުން އެ ފާހަގަ ކުރާ ކަންކަމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ ދަށުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ގޮތުގައި ހުށަހެޅިދާނެ ކަންކަން ކަމަށެވެ.

ނަމަވެސް ރިޔާޒުގެ ދިފާޢީ ވަކީލު ނޫރުއްސަލާމް ވިދާޅުވީ، މި ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތައް ދައުވާ ލިބޭ ރިޔާޒުއާ ގުޅޭ ގޮތް ދައުލަތުން ސާފު ކޮށްދިނުމުން ނޫން ގޮތަކަށް މި ދައުވާއަށް ޖަވާބުދާރީވާން އަދި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅަންވެސް ނޭނގޭނެ ކަމަށެވެ. މި ދެބަސްވުމާ ގުޅިގެން މައްސަލަ ބައްލަވާ ގާޒީ ހައިލަމް ވިދާޅުވީ، ދިފާއުން ފާހަގަކުރަނީ ރަނގަޅު ހުއްޖަތެއް ކަމަށާއި، ދިފާއުން އެދިފައިވާ ކަންކަން ސާފުކޮށްދެއްވުމަށެވެ. އެއާއެކު ދައުލަތުގެ ފަރާތުން ޕަބްލިކް އެސިސްޓަންޓް ޕްރޮސެކިއުޓަރ ޢައިޝަތު ފަޒުނާ ވިދާޅުވީ މި ދައުވާގައި ބަޔާންކޮށްފައިވާ މައިގަނޑު ތިން ކަންތައްވެސް ރިޔާޒު ކޮށްފައިވާ ކަމަށާއި އެ ހުރިހާ ކަމެއް ސާބިތު ކުރުމަށް ހެކި ހުށަހަޅާފައިވާނެ ކަމަށެވެ. ޖުމްލަ ގޮތެއްގައި ދައުލަތުން ދިން ޖަވާބާ މެދު ދިފާއުން ސުވާލު އުފެއްދެވުމުން ގާޒީ ހައިލަމް ވިދާޅުވީ، ދައުވާ ސީޣާގައި ދައުލަތުން ބަޔާންކޮށްފައިވާ ތިން ކަންތައްވެސް ސާބިތު ކުރުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށެވެ.

ދިފާއުން ފާހަގަކުރެއްވި ކަންކަން އިތުރަށް ސާފު ކޮށްދެއްވަމުން ދައުލަތުގެ ވަކީލުން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދީގެން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާފައިވާ ކަމަށާއި އަދި ޤާނޫނު އަސާސީގެ 100 ވަނަ މާއްދާގައި ވާގޮތަށް ރައީސުލް ޖުމްހޫރިއްޔާ މަޤާމުން ވަކި ކުރުމަށް ބޭނުންވާ ޢަދަދަށް މެމްބަރުންގެ ވޯޓު ހަމަކުރުމަށް ރިޔާޒު މަސައްކަތް ކޮށްފައިވާކަމަށެވެ.

ނިރުބަވެރިކަމުގެ (ޓެރަރިޒަމްގެ) ޢަމަލެއް ކުރަން އުޅުމުގެ ކުށުގެ ދައުވާ ރިޔާޒުގެ މައްޗަށް ސާބިތު ކުރުމަށް ދައުލަތުން ސިއްރު ހެކިވެރިންނާއި، ސިއްރު ލިޔުންތަކާއެކު ޖުމްލަ 33 ހެއްކެއް ހުށަހަޅާފައިވެއެވެ. މީގެ ތެރޭގައި މ.ސްނޯރޯސް ބަލައި ފާސް ކުރުމުގެ ތެރޭގައި އެގެއިން ފެނުނު ކަޅު ފޮއްޓާއި، އެ ފޮށިން ފެނުނު ލިޔެކިޔުންތަކާއި (1 ފެބުރުވަރީގެ އަމުރު ނެރުމަށް ރާވާފައިވާ ޕްލޭން) އެ ލިޔެކިޔުންތަކާއި ގުޅުންހުރި ތަހްލީލި ރިޕޯޓުތަކާއި، ގިނަ އަދަދެއްގެ ފުލުހުން ހިމެނެއެވެ. މީގެ އިތުރުންވެސް ރައީސުލް ޖުމްހޫރިއްޔާ އަޒުލު ކުރުމަށް ސްޕްރީމް ކޯޓަށް ހުށަހެޅުނުކަން ސާބިތު ކުރުމަށް ހުށަހަޅާފައިވާ ލިޔުމަކާއި، އެކެއް ފެބުރުވަރީގެ އަމުރާއި ގުޅިގެން ދޫކޮށްލަން ޕޮލިސް ލޯންޗަށް އަރާހުރި ދެ ފަރާތަކުން ދައްކާފައިވާ ވާހަކަތަކެއް ސާބިތު ކުރުމަށް ފުލުހުންގެ އިތުރުން 2018 ފެބުރުވަރީ 1 ވަނަ ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި ރިޔާޒު ދައްކާފައިވާ ވާހަކަތަކުން އެ ކޯޓު އަމުރަކީ ދުރާލާ ރާވައިގެން ނެރެފައިވާ އަމުރެއްކަން ސާބިތު ކުރުމަށް އެ ވާހަކަތަކުގެ ވީޑިއޯ ރެކޯޑިންގެ ވެސް ހެކީގެ ގޮތުގައި ހިމެނެއެވެ.

މިއަދުގެ ޝަރީއަތުގައި ރިޔާޒު ވިދާޅުވީ، ދައުލަތުން އުފުލާފައިވާ މި ދައުވާ ސާފު ނުވާ ކަމަށާއި، މި ދައުވާއަށް އިންކާރު ކުރައްވާ ކަމަށެވެ. މީގެ އިތުރުން މި ދައުވާއަކީ ޤާނޫނާ ޚިލާފު އެއްވެސް ކަމެއް ކޮށްގެން އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއެއް ނޫން ކަމަށާއި، މި ދައުވާއަކީ އޭނާ ކުރައްވާ ސިޔާސީ މަސައްކަތްތައް ހުއްޓުވަން ދައުލަތުން އުފުލާފައިވާ ދައުވާއެއް ކަމަށް ރިޔާޒް ވިދާޅުވިއެވެ.

މިއަދުގެ އިބްތިދާޢީ އަޑުއެހުމުގައި ރިޔާޒުގެ ވަކީލުން ވަނީ ހެކި ހުށަހެޅުމަށް އިތުރު ފުރުޞަތެއް ބޭނުންވާކަމަށް ބުނެފައެވެ. ގާޒީ ނިންމެވީ މި މައްސަލައަކީ މަދަނީ މިންގަނޑުން ބަލައި ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށާއި، ދިފާޢީ ހެކި ހުށަހެޅުމަށް ތިން ދުވަހުގެ ފުރުޞަތެއް ދެއްވުމަށެވެ.

މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ 2018 މެއި 24 ވާ ބުރާސްފަތި ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކުށް ހީ

    އެހެން ވިޔަސް ޓެރެރިޒަމް ގެ ކުށަކަށް ނުވާނެ އެވެ.އެހެން ކޮންމެސް ކުށަކަށް ވެދާނެއެވެ.މި ބުނީ ފަނޑިޔާރުންގެ އަމަލަކީ ޓެރެރިޒަމްގެ ކުށެއް ކަމަށް އަދި ވިޔަސް ފަނޑިޔާރުން ނަަށް މެސެޖް އެއް ޕަަސް ކޮށް ދިން މީހާ ފަނަޑިޔާރުން ކުރި ކުށާއި އެއްވްރު ވާނީ ކިހިނެއް ތޯއެވެ؟ ރިޔާޒް އަކީ ފަނޑިޔާރުނަށް ނުފޫޒް ފޯރުވޭ ހާލެއްގައި ހުރި މީހަކަަށް ވެސް ނުވާއިރު އެވެ

  2. ރިޔާޒު

    ރިޔާޒުގެ ހުކުމް 13 އަހަރު އޮތީ ލިޔެވިފަ ، އެއަކަށް ބަދަލެއްނާންނާން ، ރިޔާޒު ދިފާޢުގައި 1 މިލިޔަން ދިފާއީ ހެކި ހުށަހެޅިޔަސް ވާނެ ކަމެއް ނޯންނާނެ ވާހަކަ މަޢުލޫމާތަށް ޓަކައި ދަންނަވާލަން.

  3. އިފަ

    އިދިކޮޅު ބަސްކިޔޭއެކަކުވެސް ދޫކޮއްލައިގެން ރިޔާސީ އިންތިޚާބު ކާމިޔާބު ނުވާނޭކަން ޔާމިނައް އެނގޭތީ ހުރިހާއެމްމެން ހައްޔަރުކުޜަނީ